ވައިޓް ހައުސް (ޖުލައި 11) : އެމެރިކާއިން އެކި ޤައުމުތަކަށް ހަދިޔާކުރަން ނިންމާފައިވާ ކޮވިޑް ވެކްސިންގެ 80 މިލިޔަން ޑޯޒުގެ ތެރެއިން ފަސް މިލިޔަން ޑޯޒް، އިންޑޮނޭޝިއާ، ނޭޕާލް އަދި ބޫޓާނަށް ފޮނުވައިފިއެވެ.

މީގެތެރެއިން އިންޑޮނޭޝިޔާއަށް ފޮނުވީ މޮޑަނާ ވެކްސިންގެ ތިން މިލިޔަން ޑޯޒެވެ. ނޭޕާލަށް ފޮނުވީ ޖޯންސަން އެންޑް ޖޯންސަން ވެކްސިންގެ 1.5 މިލިޔަން ޑޯޒެވެ. ބޫޓާނަށް ފޮނުވީ މޮޑަނާ ވެކްސިންގެ 500,000 ޑޯޒެވެ.

ވައިޓް ހައުސް ބުނާގޮތުން އެމެރިކާއިން އިންޑޮނޭޝިޔާއަށް ފޮނުވީ އެ ގައުމަށް ދިނުމަށް އެމެރިކާ ނިންމާފައިވާ ހަތަރު މިލިޔަން ޑޯޒުގެ ތެރެއިން ތިން މިލިޔަން ޑޯޒެވެ. އިތުރު އެއްމިލިޔަން ޑޯޒު ފަހުން ފޮނުވާނެއެވެ. މިއީ އެމެރިކާއިން މިހާތަނަށް ގައުމަކަށް ހަދިޔާކުރާ އެންމެ ގިނަ އަދަދެއްގެ ވެކްސިން ޑޯޒުތަކެވެ.

ވައިޓް ހައުސްއިން ބުނާގޮތުން ވިއެޓްނާމް، ފިލިޕީންސް، ތައިލެންޑް، ލާއޯސް، ޕަޕުއާ ނިޔު ގިނީ ، ކެމްބޯޑިއާ އަދި މެލޭޝިއާއަށްވެސް ވެކްސިން ގެ ޑޯޒުތަކެއް ދިނުމުގެ މަސައްކަތް ދަނީ ކުރިއަށެވެ. މެލޭޝިއާއަށް ދެން އެމެރިކާ ނިންމާފައިވަނީ ފައިޒާ ބައޮންޓިކް ވެކްސިންގެ އެއް މިލިޔަން ޑޯޒެވެ.

ކޮވިޑްގެ ޑެލްޓާ ވޭރިއަންޓާއެކު އޭޝިއާގެ ގިނަ ގައުމުތަކެއްގައި ދަނީ ވަރަށް ބާރަށް ކޮވިޑް ފެތުރި ގިނައަދަދަކަށް މީހުން މަރުވަމުންނެވެ. އޭޝިޔާގެ ޤައުމުތަކުގެ ތެރެއިން ކޮވިޑް-19ގެ ހާލަތު އެންމެ ގޯސް އެއް ޤައުމަކީ އިންޑޮނޭޝިޔާއެވެ. އިންޑޮނީޝިއާގައި 2.4 މިލިޔަން މީހުންނަށް ކޮވިޑް ޖެހިފައިވާކަމަށް ރިޕޯޓްކޮށްފައިވާއިރު އޭގެތެރެއިން 64,000 އަށްވުރެ ގިނަ މީހުންވަނީ މަރުވެފައެވެ.

މިދިޔަ ހަފްތާގައި ކޮވިޑް ޖެހިގެން ދުވާލެއްގެ މައްޗަށް މަރުވާމީހުންގެ އަދަދުވެސް އިންޑޮނީޝިއާގައިވަނީ ދެގުނައަށް އިތުރުވެފައެވެ. 270 މިލިޔަން މީހުންގެ ބޮޑު އާބާދީއެއް އޮންނަ އިންޑޮނޭޝިޔާގައި ކޮވިޑް ވެކްސިން މިހާތަނަށް ޖަހާފައިވަނީ އެގައުމުގެ އާބާދީގެ އެންމެ 5.4 ޕަސަންޓު މީހުންނަށެވެ. އެހެން ގައުމުތަކެކޭ އެއްގޮތަށް އިންޑޮނީޝިއާއަށްވެސް ކުރިމަތިވެފައިވަނީ ކޮވިޑް ވެކްސިން ބޭނުންވާ މިންވަރަށް ނުލިބުމުގެ މައްސަލައެވެ.

ކޮވިޑްގެ ކޭސްތައް ގިނަވަމުންދާތީ ތައިލޭންޑާއި އިންޑޮނޭޝިޔާއިން އިއްޔެވަނީ ސިއްހީ ރައްކާތެރިކަމުގެ ފިޔަވަޅުތައް އިތުރަށް ވަރުގަދަކޮށްފައެވެ.