11 Jul 2021, 13:39
މާލޭ ވޯޓާ އެންޑް ސުވަރޭޖް ކޮމްޕެނީ (އެމްޑަބްލިއުއެސްސީ) އިން އުފައްދާ މިނަރަލް ވޯޓާ, ބިއްލޫރިފުޅީގައި ބަންދުކޮށްގެން އޮކްޓޫބަރު މަހުގެ ތެރޭގައި ބާޒާރަށް ނެރެން ހަމަޖެހިފައިވާކަން ހާމަކޮށްފިއެވެ.
އެމްޑަބްލިއުއެސްސީގެ ސަބްސިޑަރީ އައިލެންޑް ބެވެރެޖަސް މޯލްޑިވްސް (އައިބީއެމް)އިން ގެންދަނީ "ތާޒާ" ބްރޭންޑުގެ ނަމުގައި މިނަރަލް ވޯޓާ އުފައްދައި ބަންދުކޮށް, ވިއްކަމުންނެވެ.
"ސަން"އާ ވާހަކަ ދައްކަވަމުން އެމްޑަބްލިއުއެސްށީގެ މެނޭޖިންގް ޑިރެކްޓަރު ހަސަން ޝާހު ވިދާޅުވީ މި މަސައްކަތަކީ ކުރިންވެސް ރާވާފައި އޮތް ކަމެއް ކަމަށެވެ. ނަމަވެސް ކުންފުންޏަށް ދިމާވި އިގްތިސޯދީ ދަތިކަމުގެ ސަބަބުން ޕްރޮޖެކްޓް ލަސްކުރަން ޖެހުނީ ކަމަށް ވިދާޅުވިއެވެ.
"ކުރީގައި އަޅުގަނޑުމެން ރާވާފައި އިން ކަމެއް މިއަހަރުގެ ފަސްޓް ކުއާޓާގަ އެކަން ކުރަން ވެގެން. އެހެން އޮއްވާ ކޮވިޑްގެ ކަންތައް ޖެހިގެން ދިމާވި ދަތިތަކުގައި އެ ޕްރޮޖެކްޓް އޮތީ ލަސްވެފަ. ދެން މިހާރު އަޅުގަނޑުމެން ތާޒާ ބްރޭންޑް ފެން އެއީ ގްލާސް ބޮޓްލިންއަށް ދާން ވެގެން ނިންމާފަ އޮތީ،" ޝާހު ވިދާޅުވިއެވެ.
ހަސަން ޝާހު ވިދާޅުވީ މެޝިނަރީއަށް ދައްކަންޖެހޭ އެޑްވާން ފައިސާ މިހާރު ދައްކާފައިވާ ކަމަށާއި އެހެންކަމުން މިމަހު ތެެރޭ މެޝިންތައް ކުންފުނީގައި ގާއީމް ކުރާނެ ކަމަށެވެ.
"ގްލާސް ބޮޓްލިންގެ މެޝެނަރީއަށް އަޅުގަނޑުމެން އެޑްވާންސް ޕޭމެންޓް ދައްކައިފިން. ފުޅި ސިލެކްޓް ކޮށްފިން. އެ ފުޅިތައް ލާ ޓްރޭ އަޅުގަނޑުމެން ސެލްކްޓް ކޮށްފިން،" ޝާހު ވިދާޅުވިއެވެ.
މެނޭޖިން ޑިރެކްޓަރު ހަސަން ޝާހު ވިދާޅުވީ ކުންފުނީގެ މި މަސައްކަތަކީ އެއްފަހަރު ބޭނުން ކުރުމަށްފަހު އުކާލެވޭ ޕްލާސްޓިކް ރާއްޖޭގައި މަދުކުރުމަށް ސަރުކާރުން ގެންގުޅުއްވާ ސިޔާސަތު ތަމްފީޒު ކުރުމުގައި އެ ކުންފުނިން އަދާކުރަންޖެހޭ މުހިއްމު ދައުރެއް އޮތް ކަމަށް ގަބޫލު ކުރެއްވޭތީ ކަމަށެވެ.