11 Jul 2021, 10:55
ޕޯޓް އޯ ޕްރިންސް (ޖުލައި 11): ހެއިޓީގެ ރައީސް ޖޮވެނެލް މޮއިސް އަވަހާރަކޮށްލި ހަމަލާ ދެމިގެން ދިޔައީ ވަރަށް ކުޑަ އިރުކޮޅަކަށް ކަމަށާއި އެ ހަމަލާގައި އޭނާގެ ހަށިކޮޅަށް ގިނަ އަދަދެއްގެ ވަޒަން އެރި ކަމަށް އޭނާގެ އަނބިކަނބަލުން މާޓީން މޮއިސް ވިދާޅުވެއްޖެ އެވެ.
ހެއިޓީގެ ރައީސްގެ އަމިއްލަ ގެކޮޅަށް މިދިޔަ އަންގާރަ ދުވަހުގެ ރޭ ބަޔަކު ދިން ހަމަލާއެއްގައި އޭނާ އަވަހާރަކޮށްލާ، ފަސްޓް ލޭޑީ ޒަހަމްކޮށްލި ފަހުން އެކަމަނާ ފުރަތަމަ ފަހަރަށް ވާހަކަ ދެއްކެވީ ޓުވިޓާ މެދުވެރިކޮށް ހިއްސާ ކުރެއްވި އޯޑިއޯ މެސެޖަކުންނެވެ.
"އެސްފިޔަ ޖަހާލާހާ ކުޑަ ހިނދުކޮޅެއްގެ ތެރޭގައި، ކުލީ ސިފައިން އަޅުގަނޑުގެ ގެޔަށް ވަދެ އަޅުގަނޑުގެ ފިރިކަލުންނަށް އެއްވެސް އެއްޗެކޭ ވިދާޅުވާން ފުރުސަތެއް ނުދީ، ބަޑި ޖަހާ [އަވަހާރަކޮށްލި]،" ފަސްޓް ލޭޑީ ވިދާޅުވި އެވެ.
މާޓީން މޮއިސް ވިދާޅުވި ގޮތުގައި ރައީސަށް އެހަމަލާ ދިނީ ސިޔާސީ ސަބަބުތަކާ ހެދި އެވެ. ހާއްސަކޮށް، ގާނޫނު އަސާސީން ރައީސަށް އިތުރު ބާރުތައް ލިބިދޭނެ އިސްލާހަކާ ބެހޭ ގޮތުން ފެންނަ ނުފެންނަ ވޯޓެއް ނެގުމާ ބެހޭ ގޮތުން އޭނާ ވާހަކަ ދެއްކެވުމުންނެެވެ.
ފަސްޓް ލޭޑީ ވިދާޅުވި ގޮތުގައި ހަމަލާ ދިން މީހުން ބޭނުންވީ ރައީސްގެ ހުވަފެން ހަގީގަތަކަށް ވުން ހުއްޓުވުމަށެވެ. ނަމަވެސް މޮއިސްގެ މަސައްކަތްތައް ކުރިއަށްގެންދަވާނެ ކަމުގެ ޔަގީންކަން އެކަމަނާ ދެއްވި އެވެ.
ހެއިޓީގެ ފުލުހުން ބުނި ގޮތުގައި މޮއިސް އަވަހާރަކޮށްލި ހަމަލާގައި ބައިވެރިވީ 28 މީހެކެވެ. އެއީ ކޮލޮމްބިއާގެ 26 މީހަކާއި ހެއިޓީ އާއި އެމެރިކާގެ ރަށްވެހިކަން އޮތް ދެ މީހެކެވެ. ނަމަވެސް އެ ހަމަލާ ދިން ސަބަބަކާއި އެ ހަމަލާގެ މޭސްތިރިއަކީ ކޮބައިކަން އަދި ކަށަވަރުވެފައި ނުވެ އެވެ.
ދެހާސް ސަތާރަ ވަނަ އަހަރު ހެއިޓީގެ ވެރިކަމާ ހަވާލުވެވަޑައިގެންނެވި މޮއިސްއާ ދެކޮޅަށް ކޮރަޕްޝަނުގެ ތުހުމަތުކޮށްފައިވެ އެވެ. އަދި 2018އިން ފެށިގެން އޭނާއާ ދެކޮޅަށް އެކި ފަހަރު މަތިން ބޮޑެތި މުޒާހަރާތައް ބާއްވާފައިވެ އެވެ.
ހެއިޓީގެ ރައީސް އަވަހާރަކޮށްލައިފި ނަމަ ގާނޫނު އަސާސީގައި އޮންނަނީ ޕާލިމެންޓުން އާ ރައީސަކު ހޮވަން ޖެހޭނެ ކަމަށެވެ. ނަމަވެސް އެގައުމުގައި 2019 ވަނަ އަހަރު ބާއްވަން އޮތް ޕާލިމެންޓަރީ އިންތިހާބު ފަސް ކުރަމުން ގޮސް އަދިވެސް ބޭއްވިފައި ނުވެ އެވެ. އެހެންކަމުން ގައުމުގައި ޕާލިމެންޓެއް ނެތި، ފާއިތުވި ދެ އަހަރު މޮއިސް ވެރިކަން ކުރައްވާފައި ވަނީ ރިޔާސީ އަމުރުތައް ބޭނުން ކުރައްވައިގެންނެވެ.