18 Feb 2012, 10:01
އަންކަރާ (ފެބްރުއަރީ 18) : ތުރުކީގައި ބިނާކޮށްފައިވާ ނޭޓޯގެ ރާޑާ ނިޒާމުގެ ބޭނުން އެއްވެސް މިންވަރަކަށް ހިފުމުގެ ފުރްސަތު އިސްރާއީލަށް ނުދޭނެ ކަމަށް އެޤައުމުން ބުނެފިއެވެ.
ނޭޓޯގެ ސެކްރެޓަރީ ޖެނެރަލް އެންޑަސް ފޯގް ރަސްމޯސަން އާއެކު އަންކަރާގައި ބޭއްވި ނޫސްކޮންފަރެންސެއްގައި ވާހަކަ ދައްކަވަމުން ތުރުކީގެ ޚާރިޖީ ވަޒީރު އަހްމަދު ދާވޫދު ވިދާޅުވީ ތުރުކީގައި ބިނާކުރުމަށް ހަމަޖެހިފައިވާ ނޭޓޯގެ ރާޑަރ ނިޒާމުން ލިބޭ ޖާސޫސީ އެއްވެސް މަޢްލޫމާތެއް ނޭޓޯއިން ބޭރު ޤައުމަކަށް ނުދޭނެ ކަމަށާ އަދި ޚާއްސަކޮށް އިސްރާއީލު މިކަމުން މަހްރޫމް ކުރުމަށް ތުރުކީ ނިންމާފައިވާ ކަމުގައެވެ.
ތުރުކީގެ ޚާރިޖީ ވަޒީރު މިހާ ހަރުކަށިގޮތަކަށް އިސްރާއީލާދެކޮޅަށް ވާހަކަ ދެއްކެވުމުންވެސް ނޭޓޯގެ ސެކްރެޓަރީ ޖެނެރަލް ރަސްމޯސަން އެކަމާބެހޭގޮތުން އެއްވެސް އެއްޗެއް ވިދާޅެއްނުވެއެވެ. ތުރުކީގެ ޚާރިޖީ ވަޒީރު މިހެން ވިދާޅުވީ ދާދިފަހުން އިސްރާއީލާއި އެމެރިކާ ގުޅިގެން ކުރި މިސައިލް ޓެސްޓަކީ ތުރުކީގައިވާ ނޭޓޯގެ ރާޑަރު ސްޓޭޝަންތަކުން ލިބިފައިވާ ޖާސޫސީ މަޢްލޫމާތުގެ އަލީގައި ކުރި ޓެސްޓެއްކަމުގެ ޚަބަރުތަކެއް ފެތުރުމާ ގުޅިގެންނެވެ.
ތުރުކީގެ ޚާރިޖީ ވަޒީރު ވިދާޅުވީ ތުރުކީގައިވާ ރާޑަރު ސްޓޭޝަނުން ލިބޭ މަޢްލޫމާތު ނޭޓޯއިން ބޭރު ޤައުމަކާ ޙިއްސާނުކުރުމުގެ އެއްބަސްވުމެއްގައި ނޭޓޯއާއި ތުރުކީން ދާދިއަވަހަށް ސޮއިކުރާނެ ކަމަށާއި ފަލަސްތީނުގެ އިތުރުން އިސްލާމީ ޤައުމުތަކާ އަދި މުސްލިމުންނާމެދު ޢުދުވާނީ ސިޔާސަތެއް ގެންގުލޭ އިސްރާއީލަށް ތުރުކީގެ ބިމުގައިވާ ރާޑަރސްޓޭޝަނަކުން ލިބޭ މަޢްލޫމާތު ލިބުމުގެ އެއްވެސް ފުރްސަތެއް ތުރުކީން ނުދޭނެ ކަމުގައެވެ. – އަލްޖަޒީރާ، އަލްޢާލަމް