11 Jul 2021, 08:34
ކަންނާޑާ ފިލްމު "ކޭޖީއެފް: ޗެޕްޓާ 2" މި މަހު ރިލީޒްކުރާ ގޮތަށް ހަމަޖެހިއްޖެއެވެ.
ސަންޖޭ ދަތު ވެސް މުހިއްމު ރޯލަކުން ފެނިގެންދާ ކޭޖީއެފް 2 ރިލީޒްކުރާނީ ޖުލައި މަހުގެ 16 ވަނަ ދުވަހު އެވެ. ތިއޭޓާތަކުގައި ފިލްމު ރިލީޒްކުރަން ހަމަޖެހިފައިވާ މި ފިލްމު ލީޑު ރޯލު ކުޅޭނީ ޔަޝްއެވެ. މި ފިލްމުގެ ދެވަނަ ބައި ކުރިއަށްދާނީ ފިލްމުގެ ފުރަތަމަ ބައި ނިމުނު ހިސާބުންނެވެ. ކޭޖީއެފްގެ މި ބައި ވެގެންދާނީ ބެލުންތެރިންގެ ލޮލުން ކަރުނަ އަންނަ ވަރުގެ ފިލްމަކަށް ކަމަށް ޚަބަރުތައް ބުނެއެވެ. އަދި ބައެއް މަންޒަރުތައް ބެލުމަށްފަހު ރޮވޭނެ ކަމަށްވެސް ރިޕޯޓްތައް ބުނެއެވެ.
ނުބައި މީހެއްގެ ރޯލު ކުޅޭ ސަންޖޭ މި ފިލްމުގައި ކުޅޭނީ އަދީރާ ކިޔާ ކެރެކްޓާއަކުންނެވެ. "ކޭޖީއެފް: ޗެޕްޓާ 2" އަކީ 2018ގައި ރިލީޒްކުރި "ކޭޖީއެފް: ޗެޕްޓާ 1"ގެ ސީކްއެލް އެވެ. މި ފިލްމުގެ ފުރަތަމަ ބަޔަށް ވެސް ވަނީ އާންމުންނާ ކްރިޓީކުންގެ ބޮޑު ތަރުހީބެއް ލިބިގެން ގޮސްފަ އެވެ.
ވަރުގަދަ އެކްޝަން މަންޒަރުތަކެއް ފެނިގެންދާ މި ފިލްމުގައި ބަތަލާ ރަވީނާ ޓަންޑަންގެ ރޯލެއް ވެސް ހިމެނޭނެ އެވެ. އޭނާ މި ފިލްމުގައި ކުޅޭނީ ބޮޑު ވަޒީރެއްގެ ރޯލެވެ. މި ފިލްމުގެ ޑައިރެކްޓަރަކީ ޕްރަޝާންތު ނީލް އެވެ.