18 Feb 2012, 09:57
ޔޫތުއެފްއޭކަޕް ފުޓްބޯޅަ މުބާރާތް އަންނަ ހޯމަ ދުވަހު ފެށުމަށް ފުޓްބޯޅަ އެސޯސިއޭޝަން އޮފް މޯލްޑިވްސް (އެފްއޭއެމް) އިން ނިންމައިފި އެވެ.
މިދިޔަ އަހަރު އަލަށް ފެށި 20 އަހަރުން ދަށުގެ ޔޫތްއެފްއޭކަޕް ފުޓްބޯޅަ މުބާރާތް އަންނަ ހޯމަ ދުވަހު 21 އަހަރުން ދަށުގެ އުމުރު ފުރައަށް ބަދަލުކޮށްގެން ފެށުމަށް ނިންމާފައިވާ އިރު މުބާރާތުގައި ޖުމްލަ 10 ޓީމެއް ވަނީ ބައިވެރިވެފަ އެވެ.
އެފްއޭއެމް އިން ބުނީ، މުބާރާތް ދެ ގްރޫޕަކަށް ބަހާލައިގެން ކުރިއަށް ގެންދިއުމަށް ނިންމާފައިވާ އިރު، މުބާރާތުގެ ފުރަތަމަ މެޗުގައި ހޯމަ ދުވަހުގެ ހަވީރު ބައްދަލުކުރާ ދެ ޓީމަކީ ގްރޫޕް އޭ ފަޅިން ވާދަކުރާ ވިކްޓަރީ އާއި މާޒިޔާ ސްޕޯޓްސް ކުލަބެވެ.
މުބާރާތުގެ ގްރޫޕް އޭ ފަޅިން ވާދަ ކުރާސް ފަސްޓީމަކީ ވިޔަންސާ، މަހިބަދޫ، ވީބީ، ވިކްޓަރީ އަދި މާޒިޔާ އެވެ. އަދި ގްރޫޕް ބީ ފަޅިން ވާދަކުރާ ފަސް ޓީމަކީ ނިއު ރޭޑިއަންޓް، ކެލާ، އީގަލްސް، އޭވައިއެލް އަދި ވެލެންސިޔާ އެވެ.
އެފްއޭއެމް އިން ބުނީ، ދެ ގްރޫޕަކަށް ބަހާލައިގެން މުބާރާތް ކުރިއަށްގެން ދިއުމަށް ނިންމާފައިވާ އިރު، ސެމީ ފައިނަލަށް ދަތުރު ކުރާނީ ކޮންމެ ގްރޫޕަކުން ވެސް އެއް ވަނަ އާއި ދެވަނަ ޓީމެވެ. އަދި ގްރޫޕް އޭ އާއި ގްރޫޕް ބީ ފަޅިން އެއްވަނަ ހޯދާ ދެ ޓީމުގެ މެދުގައި ސެމީފައިނަލްގެ ފުރަތަމަ މެޗް ކުޅުމަށް ނިންމާފައިވާ އިރު، މެޗުން މޮޅުވާ ޓީމެއް ފުރަތަމަ ޓީމެއްގެ ގޮތުގައި ފައިނަލުން ޖާގަ ލިބޭނެ އެވެ. އަދި ފައިނަލްގެ ދެ ވަނަ ޖާގަ ކަށަވަރުވާ ޓީމެއް އިނގޭނީ ތިން ވަނަ ސެމީ ފައިނަލުން މޮޅުވާ ޓީމަކަށެވެ.
މިދިޔަ އަހަރުގެ ޔޫތްއެފްއޭކަޕް ފުޓްބޯޅަ މުބާރާތުގައި ވިޔަންސާ ފިޔަވައި ފުރަތަމަ ޑިވިޝަނުގެ ހުރިހާ ޓީމެއް ބައިވެރިވި އިރު، މުބާރާތުގެ ޗެމްޕިއަންކަން ހޯދީ މާޒިޔާ އެވެ.