ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދަށް އަމާޒުކޮށް ދިން ހަމަލާއާ ގުޅިގެން މަޖިލީހުގެ 241 ކޮމިޓީން އެކުލަވާލި ރިޕޯޓު ކަމާގުޅޭ އިދާރާތަކުން ދިރާސާކުރަން ފަށާފައިވާ ކަމަށް ރައީސް އޮފީހުގެ ތަރުޖަމާނު މުހައްމަދު މަބްރޫކް އަޒީޒު ވިދާޅުވެއްޖެއެވެ.

ރައީސް ނަޝީދަށް އަމާޒުކޮށް ދިން ހަމަލާއާ ގުޅިގެން މަޖިލީހުގެ ސަލަމާތީ ހިދުމަތްތަކާ ބެހޭ ކޮމިޓީ ނުވަތަ 241 ކޮމިޓީން އެކުލަވާލި ޕާލިމަންޓްރީ އިންކުއަރީ ރިޕޯޓު އާންމުކޮށްފައި ވަނީ މިދިޔަ ހުކުރު ދުވަހުއެވެ.

އެ ރިޕޯޓާ ގުޅޭގޮތުން މަބްރޫކް މިއަދު "ސަން" އަށް ވިދާޅުވީ ރިޕޯޓު އަދި ރަސްމީކޮށް ރައީސުލްޖުމްހޫރިއްޔާއާ ހިއްސާ ކޮށްފައި ނުވާ ކަަމަށެވެ. ނަމަވެސް މަޖިލީހުން އާންމުކޮށްފައިވާ ރިޕޯޓް ކަމާ ގުޅޭ އިދާރާތަކުން މިހާރު ދިރާސާކުރަން ފަށާފައިވާ ކަމަށް މަބްރޫކް ވިދާޅުވިއެވެ.

"ރިޕޯޓު ފާސްކުރީ ހުކުރު ދުވަހަށް ފަތިސް ވެފައި ވަނިކޮށް ކަމުން، މަޖިލިސް ރިޕޯޓު ރައީސް އަށް ހުށަހެޅުން ލަސްވެފައި ވަނީ ކަމަށް ނުދެކެން." މަބްރޫކް ވިދާޅުވިއެވެ.

މިދިޔަ މެއި މަހުގެ ހަވަނަ ދުވަހު ރައީސް ނަޝީދަށް ދިން ހަމަލާއާ ގުޅިގެން ރިޕޯޓު އެކުލަވާލާފައި ވަނީ މަޖިލީހުގެ 241 ކޮމިޓީއަށް ގިނަ ފަރާތްތަކެއް ހާޒިރުކޮށް ސުވާލު ކުރުމަށް ފަހުއެވެ.

އެގޮތުން އެ ރިޕޯޓަކީ ވަރަށް ފުރިހަމަ ރިޕޯޓެއް ކަމަށް މަޖިލީހުގެ ނައިބު ރައީސް އީވާ އަބްދުﷲ ވަނީ ވިދާޅުވެފައެވެ.