މެލޭޝިޔާގެ އިންޓަނޭޝަނަލް އިސްލާމިކް ޔުނިވާސިޓީގެ އެވޯޑެއް ކުރީގެ އިސްލާމިކް މިނިސްޓަރު ޑރ. މުހައްމަދު ޝަހީމް އަލީ ސައީދަށް ލިބިވަޑައިގެންފި އެވެ.

ޝަހިީމް އަށް ލިބިވަޑައިގަތީ އެ ޔުނިވާސިޓީގެ އެލަމްނައިގެ ތެރެއިން، ފާހަގަކޮށްލެވޭ ޚިދުމަތާއި ލީޑާޝިޕް އެވޯޑް 2021 އެވެ.

ޝަހީމް "ސަން" އަށް ވިދާޅުވީ، އެ އެވޯޑަކީ، އައިއައިޔޫއެމް އިން ކިޔަވާފައި ތިބޭ މީހުންގެ ތެރެއިން ލީޑަޝިޕްގެ ލެވަލްގަ އާއި ހިދުމަތުގެ ގޮތުން ފާހަގަ ކޮށްލެވޭ ފަރާތްތަކަށް ޔުނިވާސިޓީއިން ދޭ އެވޯޑެއް ކަމަށެވެ.

އެވޯޑަށް ހޮވޭ މީހުން ކަނޑައަޅަނީ، އެކަމަށް ހާއްސަ ކޮމިޓީއަކުން، އަހަރަކު އެއް ފަހަރު އެވެ.

ޝަހީމް ވިދާޅުވީ، އެ އެވޯޑަށް ހޮވިފައި ވާކަން އެ ޔުނިވާސިޓީން އޭނާ އަށް އަންގާފައި ވާ ކަމަށެވެ.

"ޝަރަފްވެރިކަމުގެ އިނާމު ދޭ ދުވަސް" ގެ ގޮތުގައި އެ ދުވަސް ފާހަގަކޮށް، އެ އެވޯޑް ދޭއިރު، މި ހަފްތާގެ ތެރޭގައި އެވޯޑް ދިނުމުގެ ހަފްލާ ބާއްވާނެ ކަމަށް ލަފާކުރެވޭ ކަމުގައި ޝަހީމް ވިދާޅުވި އެވެ.

ޝަހީމް ވަނީ ރާއްޖޭގެ ކުރީގެ އިސްލާމިކް މިނިސްޓަރު ކަމުގެ އިތުރުން އިސްލާމިކް ޔުނިވާސިޓީގެ ޗާންސެލަރު ކަން ވެސް ކުރައްވާފަ އެވެ.