ވަޒަން ގެންގުޅުނު މީހެއްގެ މައްޗަށް ކުށް ސާބިތު ނުވާކަމަށް ކުރީގެ ޖިނާއީ ކޯޓުން ކުރި ހުކުމް ބާތިލްކޮށް އެ މައްސަލަ އަލުން ބަލަން ކްރިމިނަލް ކޯޓުގެ މައްޗަށް ހައިކޯޓުން ހުކުމްކޮށްފި އެވެ.

ހައިކޯޓުން ބާތިލްކޮށްފައިވަނީ ރ. އަލިފުށީ، ފެހިގޭ، އަހުމަދު އަފްލާހު، ކ. ކުޑަވިލިނގިލިން ވަޒަނެއް ހޮވައި އޭނާގެ އަތުގައި ބާއްވާފައިވާތީ އޭނާގެ މައްޗަށް ދައުލަތުން ކުރި ހަނގުރާމަވެރި ހަތިޔާރު އަތުގައި ބެހެއްޓުމުގެ ކުށުގެ ދައުވާ ސާބިތު ނުވާކަމަށް ޖެނުއަރީ 22، 2009 ގައި ކުރީގެ ޖިނާއީ ކޯޓުން ކުރި ހުކުމެވެ.

އެ ހުކުމް ބާތިލްކުރުމަށްފަހު ހައިކޯޓުން ވަނީ އެ މައްސަލަ ޕްރޮސިކިއުޓާ ޖެނެރަލްގެ އޮފީހުން އަވަސް މުއްދަތެއްގައި ހުށަހަޅައިފިނަމަ އަލުން އެ މައްސަލަ ބެލުމަށް ކްރިމިނަލް ކޯޓުގެ މައްޗަށް ހުކުމްކޮށްފަ އެވެ.

ހައި ކޯޓުން މިދިޔަ ބުދަ ދުވަހު ކުރި ހުކުމުގައި ވަނީ އަފްލާހު އަތުން ފެނުނު ވަޒަނަކީ ކ. ކުޑަވިލިނގިލިން ހޮވި އެއްޗެއް ކަމަށް އޭނާ ބުނި ނަމަވެސް އެމްއެންޑީއެފްގެ ތަމްރީނުތައް އެ ރަށުގައި ހިންގުމަށްފަހު ވަޒަންތައް ހަމައަށް އަނބުރާ ގެނެސްފައިވާކަމަށާއި އަފްހާލުގެ އަތުން ފެނުނު ބާވަތުގެ ވަޒަނެއް ސިފައިންގެ ބޭނުމަށް މިހާތަނަށް ރާއްޖެ އެތެރެކޮށްފައި ނުވާ ކަމަށް އެމްއެންޑީއެފްގެ ލެފްޓިނެންޓް އިސްމާއިލް ވަހީދު ޖިނާއީ ކޯޓުގެ ޝަރީއަތުގައި ބުނެފައިވާ ކަމަށެވެ.

އަފްލާހްގެ އަތުން ފެނުނު ވަޒަނަކީ ލައިވް ވަޒަނެއް ކަމަށާއި ކ. ކުޑަވިލިނގިއްޔަކީ އެމްއެންޑީއެފުން ލައިވް ވަޒަން ބޭނުންކުރުމަށް ކަނޑައަޅާފައި އޮންނަ ރޭންޖެއް ނޫން ކަމަށް ވާތީ އަފްލާހުގެ އަތުން ފެނުނު ވަޒަން އެ ރަށުގައި ގެންގުޅެވިފައި އޮންނާނެ ކަމަށް ނުބެލެވޭ ކަމަށް އިސްމާއިލް ވަހީދު ޝަރީއަތުގައި ބުނެފައިވާ ކަމަށް ވެސް އެ ހުކުމުގައި ވެއެވެ.

ހަނގުރާމަވެރި ހަތިޔާރު އަތުގައި ބެހެއްޓުމަކީ ކުށެއް ކަމަށް ގާނޫނުގައި ބަޔާންކޮށްފައިވާ އިރު އެ ވަޒަނަކީ ލައިވް އެއްޗަކަށް ވިޔަސް ނުވަތަ ބްލޭންކް އެއްޗަކަށް ވިޔަސް އެއީ ވަޒަނެއްކަން އެނގިހުރެ އެފަދަ އެއްޗެއް އަތުގައި ބެހެއްޓި މީހަކު ކުށުން ބަރީއަނުވެވޭނެ ކަމަށް ވެސް އެ ހުކުމުގައި ވެއެވެ.