ޕީޕީއެމް އަށް 10،000 މެމްބަރުން އިތުރުކުރަން ކެމްޕޭނެއް ފަށަން ނިންމައިފި އެވެ.

ޕްރޮގްރެސިވް ކޮންގްރެސް ކޯލިޝަންގެ ފަރާތުން މިއަދު ބޭއްވި ޕްރެސް ކޮންފަރެންސްގައި ވާހަކަ ދައްކަވަމުން، އެކޯލިޝަންގެ ސްޕޯކްސް ޕާސަން ހީނާ ވަލީދު ވިދާޅުވީ، މިއީ ޕީޕީއެމް/ޕީއެންސީގެ އަންހެނުންގެ ހަރަކާތުގެ ފަރާތުން އިސްނަގައިގެން ކުރިއަށް ގެންދާ ހާއްސަ ހަރަކާތެއް ކަމަށެވެ.

"މަވެސް ޕީޕީއެމް" ޝިއާރުގެ ދަށުން މީގެ ކުރިންވެސް ދޭތެރެ ދޭތެރެއިން ޕީޕީއެމް އިން ހަރަކާތްތައް ހިންގާފައި ވާނެ ކަމަށާއި ނަމަވެސް އެކަން މަޑު ޖެހުނީ ކޮވިޑްގެ ސަބަބުން ކަމަށް ހީނާ ވިދާޅުވި އެވެ.

"މިހާރު އަޅުގަނޑުމެން އަނެއްކާވެސް މި ފަށަނީ، އަޅުގަނޑުމެންގެ މި ޕާޓީއަށް މެމްބަރުން އިތުރު ކުރަށްޓަކާ، އަދި ހަމަ އެހެންމެ އަޅުގަނޑުމެންގެ ސިޔާސީ ހަރަކާތްތައް އިތުރަށް ކުރިއެރުވުމަށްޓަކައި ޕީޕީއެމް މެމްބާޝިޕް ޕްރައިވްގެ ނަމުގައި ހާއްސަ ހަރަކާތެއް މިއަދު ރަސްމީކޮށް މި ފަށަނީ،" ހީނާ ވިދާޅުވިއެވެ.

އޯގަސްޓް މަހުގެ ނިޔަލަށް ކުރިއަށް ގެންދިއުމަށް ހަމަޖެހިފައި ވާ މި ހަރަކާތް ކުރިއަށް ގެންދަން ޕީޕީއެމް އިން މަސައްކަތް ކުރިއިރު، އަމާޒަކީ މި މުއްދަތުގައި 10،000 މެމްބަރުން އިތުރު ކުރުން ކަމަށް ހީނާ ފާހަގަ ކުރެއްވި އެވެ.

މާލެ އާއި އަތޮޅުތެރޭގެ ހުރިހާ ރަށެއްގައި ވެސް މި ހަރަކާތް ކުރިއަށް ގެންދިއުމަށް ޕީޕީއެމް އިން ނިންމާފައި ވެއެވެ.

ހީނާ ވިދާޅުވީ، މާލޭގައި އެ ހަރަކާތްތައް ހިންގަމުން ދާނީ ޓީމް ތަކަށާއި ސެކްޓާ ތަކަކަށް ބަހާލައިގެން ކަމަށެވެ.

"އެގޮތުން އަޅުގަނޑުމެންގެ ޕާޓީގެ ފަރާތުން މި މެމްބާޝިޕް ޕްރައިވް ކުރިއަށް ގެންދިއުމަށްޓަކައި، ތިބޭފުޅުންގެ ގޭގެއަށް ނުވަތަ ތިބޭފުޅުންނާ ބައްދަލު ކުރައްވާއިރު، [އެ ޓީމްތަކުގެ] ބޭފުޅުން ތިއްބަވާނީ އެއީ ކޮން ބޭފުޅުންނެއްކަން އެނގޭ ގޮތަށް ޓީޝާޓެއް ނުވަތަ ފާހެއް ނުވަތަ ފައިލެއް ހިއްޕަވައިގެން،" ހީނާ ވިދާޅުވިއެވެ.

މީގެ އިތުރުން، އަތޮޅުތަކުގައި ހިންގާ ހަރަކާތްތަކުގައި އިސްކޮށް ތިބޭނީ ސްޓިއަރިންގް ކޮމެޓީ ތަކުން ކަމަށާއި، އެކަމަށްޓަކައި ހާއްސަ އީމެއިލް އަކާއި ހާއްސަ ނަންބަރެއް ވެސް ހަމަޖައްސާނެ ކަމަށް ހީނާ ވިދާޅުވި އެވެ.

އޭނާ ފާހަގަ ކުރި ގޮތުގައި، މި ކަމަކީ ޕީޕީއެމްގެ ސިޔާސީ ހަރަކާތްތައް އިތުރު ކުރުމަށާއި، ރައީސް ޔާމީން މިނިވަން ކުރުމަށްޓަކައި ކުރެވޭ މަސައްކަތްތަކެކެވެ.

އަދި 2023 ވަނަ އަހަރުގެ ރިޔާސީ އިންތިހާބުގައި ރައީސް ޔާމީން ރިޔާސަތަށް ގެނައުމަށްޓަކައި ކުރާ މަސައްކަތްތަކަށް މި ހަރަކާތުގެ ސަބަބުން އިތުރު ފޯރިއަކާއި ޖޯޝެއް ގެނުވާނެ ކަމަށް ހީނާ ފާހަގަ ކުރެއްވި އެވެ.