10 Jul 2021, 13:21
ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލް ގައްޔޫމް މިއަދު ފުލުސް އޮފީހަށް ހާޒިކުރަން ނިންމައިފި އެވެ.
މިހާރު ކުރިއަށް ގެންދާ ނޫސްވެރިންގެ ބައްދަލުގައިި، ޕީޕީއެމްގެ ސްޕޯކްސް ޕާސަން ހީނާ ވަލީދު ވިދާޅުވީ، މިއަދު މެންދުރު 14:00 އަށް ރައީސް ޔާމީން ފުލުހަށް ހާޒިރު ކުރުމަށް އަންގާފައި ވާ ކަމަށެވެ.
"އެނގިވަޑައިގަންނަވާނެ ފަދައިން އެމަނިކުފާނު މިވަނީ ނުހައްގުން ހަމަ މި ސަރުކާރުން ސިޔާސީ ދައުވާއެއް ކޮށް، ޖަލުގެ ހުކުމެއް ކުރެވިފަ. އެމަނިކުފާނަށް އަނިޔާ ދިނުމަށްޓަކައި މި ސަރުކާރުން ކުރަމުންދާ ކަންތައްތަކުގެ ތެރެއިން މިއަދު އަނެއްކާވެސް އެމަނިކުފާނު ފުލުހުންގެ އިދާރާއަށް ހާޒިރު ކުރުމަށް ހަމަޖެހިފައި ވާތީ، އަޅުގަނޑުމެންގެ ސަޕޯޓަރުންނާ އަދި ނޫސްވެރިންގެ ސަމާލުކަމަށްޓަކައި މި ވާހަކަ ދަންނަވާލަން،" ހީނާ ވިދާޅުވި އެވެ.
ހީނާ ވިދާޅުވިި ގޮތުގައި ރައީސް ޔާމީނަށް ވަނީ ސިޔާސީ ހުކުމެއް ކޮށްފައި ކަމަށާއި އެހެންކަމުން އެމަނިކުފާނު މިނިވަން ކުރަން ޖެހޭ ކަމަށެވެ.
އަދި ރައީސް ޔާމީން މިހާރުން މިހާރަށް މިނިވަން ކުރުމަށް ހީނާ ވަނީ ގޮވާލައްވާފަ އެވެ.
މީގެކުރިން އެތައް ފަހަރަކު ރައީސް ޔާމީން ވަނީ ފުލުސް އޮފީހަށް ހާޒިރުކޮށްފައެވެ. އެމަނިކުފާނުގެ މައްޗަށް އިތުރު ދެ ދައުވާއެއް ދައުލަތުން އުފުލާފައިވެ އެވެ. އަދި ޕީޖީ އޮފީހަށް އެމަނިކުފާނުގެ އިތުރު މައްސަލައެއް ހުށަހަޅާފައިވެއެވެ.