10 Jul 2021, 13:40
ފޮރިން މިނިސްޓްރީ ހިންގާ އިމާރާތް އެ މިނިސްޓްރީ ކުރިން ހިންގަމުން އައި "ފަތުހުﷲ ޖަމީލް ބިލްޑިންގ" އަށް ބަދަލުކުރަން ނިންމައިފިއެވެ.
ފޮރިން މިނިސްޓްރީން މިއަދު ނެރުނު އިއުލާނެއްގައި ބުނީ އެ މިނިސްޓްރީގެ އިމާރާތް މަރާމާތުކޮށް ނިމިފައިވާކަމަށެވެ. އެހެން ކަމުން އަންނަ އާދީއްތަ ދުވަހުން ފެށިގެން އެ މިނިސްޓްރީ ކުރިން ހިންގަމުން އައި އިމާރާތަށް ބަދަލުކުރަން ނިންމައިފައިވާކަމަށް އެ އިއުލާނުގައިވެއެވެ.
މަރާމާތުގެ މަސައްކަތް ކުރިއަށްގެންދިޔުމަށް އެ މިނިސްޓްރީގެ މަސައްކަތްތައް ބަދަލުކުރީ އެމްޓީސީސީގެ ސޯމިލް ރީލޮކޭޝަން ބިލްޑިން އަށެވެ. ފޮރިން މިނިސްޓްރީގެ އިމާރާތް މަރާމާތުކުރީ ޗައިނާއިންނެވެ.
މަރާމާތަށްފަހު އެ އިމާރާތުގެ ނަން ކުރީގެ ފޮރިން މިނިސްޓަރު ފަތުހުﷲ ޖަމީލަށް ހާއްސަކޮށް، "ފަތުހުﷲ ޖަމީލް ބިލްޑިންގ"ގެ ނަމަށް ވަނީ ބަދަލުކޮށްފައެވެ.
ކުރީގެ އިމާރާތަށް މަސައްކަތް ބަދަލުކުރުމުގެ ކަންކަން ކުރަމުން އަންނަ ދުވަސް ދުވަހު އެ މިނިސްޓްރީގެ ޚިދުމަތް ހޯދުމުގައި ދަތިތަކާ ކުރިމަތިވުން އެކަށީގެންވާކަމަށް ފޮރިން މިނިސްޓްރީން ވަނީ ބުނެފައެވެ.
އެ އިމާރާތުގެ މަރާމާތުގެ މަސައްކަތަށް ފޮރިން މިނިސްޓްރީގެ ހިންގުން، އެމްޓީސީސީގެ ސޯމިލް ރީލޮކޭޝަން އިމާރާތަށް ބަދަލުކުރިތާ އަހަރަކަށް ވުރެ ގިނަ ދުވަސް ވަނީ ވެފައެވެ.
ފޮރިން މިނިސްޓްރީ ހިންގާ އިމާރާތުގެ ނަން ކުރީގެ ފޮރިން މިނިސްޓަރު ފަތުހުﷲ ޖަމީލަށް ހާއްސަކޮށް، "ފަތުހުﷲ ޖަމީލް ބިލްޑިންގ" އަށް ވަނީ ބަދަލުކޮށްފައެވެ.