ބާލިން (ފެބްރުއަރީ 18): ރައީސް ކަމުގެ ވާޖިބު ފުރިހަމައަށް އަދާނުކުރެވޭ ކަމުގެ ތުހުމަތުގައި ޖަރުމަނުގެ ރައީސް ކްރިސްޓިޔާން ވުލްފް، އިއްޔެ މަޤާމުން އިސްތިއުފާ ދެއްވައިފިއެވެ.

ވުލްފް އިސްތިއުފާ ދެއްވީ ޖަރުމަނުގެ ރައީސް ކަމުގެ ވާޖިބު ފުރިހަމައަށް އަދާނުކުރެއްވޭ ކަމުގެ ތުހުމަތު އޭނާގެ މައްޗަށް ޕްރޮސެކިއުޓަރ ޖެނެރަލް ކުރުމާގުޅިގެން ޕާލަމެންޓުން ރައީސަކަށް ލިބިދޭ ޤާނޫނީ ޙިމާޔަތާއި ރައްކާތެރިކަން އޭނާ މަޙްރޫމް ކުރުމަށް ޕާލަމެންޓުން ނިންމުމާ ގުޅިގެންނެވެ.

އިސްތިއުފާ ދެއްވުމުގެ ގޮތުން ދެއްވި ކުރުބަޔާނުގައި ވުލްފް ވިދާޅުވީ ފާއިތުވި ދެތިން ހަފްތާގައި އޭނާއަށް ކަންތައްތައް ކުރެވުނުގޮތުން ޖަރުމަނުގެ ރައްޔިތުންގެ އިތުބާރު ގެއްލެމުންދިޔަކަން އިޙްސާސް ކުރެއްވުމުން އިސްތިއުފާ ދެއްވުން ރަނގަނޅު ކަމަށް ފެންނާތީ އިސްތިއުފާ ދެއްވީ ކަމުގައެވެ.

2010 ވަނަ އަހަރު ރައީސް ކަމުގެ މަޤާމަށް ވުލްފް އިންތިޚާބުކޮށްދިނުމުގައި ޕާލަމެންޓްގެ އެހީ ހޯދައިދިނުމަށް ޖަރުމަނުގެ ޗާންސެލަރ އެންގެލާ މާރކަލް އަށް ވުލްފް ވަރަށް ބޮޑަށް ބާރުއަޅުއްވައި ފިއްތުންތައް ކުރިމަތިކުރެއްވިކަން ދާދިފަހުން ބޭޒާރުވުމުން ޖަރުމަނުގެ ރައްޔިތުންގެ މެދުގައި ވުލްފްގެ އިޚްލާސްތެރިކަމާމެދު ވަނީ ސުވާލު އުފެދިފައެވެ.

ޖަރުމަނުގައި ރައީސް ކަމުގެ މަޤާމަކީ ބާރެއްނެތް ހަމައެކަނި ޝަރަފީ މަޤާމެކެވެ. ނަމަވެސް ޖަރުމަނުގެ ޑިމޮކްރެޓިކް އާދަކާދަތައް އޮންނަ ގޮތުން ރައީސަކަށް ހުންނަވާ ޝަޚްސިއްޔަތަކު ވާންޖެހޭނީ ވަރަށް މާތް ވަރަށް ނަޒާހަތްތެރި ޝަޚްސިއްޔަތަކަށެވެ. ރައްޔިތުންގެ ފުރިހަމަ ރުހުމާއި އިތުބާރު ލިބިގެންވާ ތެދުވެރި ޝަޚްސިއްޔަތަކަށެވެ. 2010 ވަނައަހަރު ރައީސް ކަމުގެ މަޤާމަށް ވަޑައިގަތުމަށް ވުލްފް ކުރެއްވި ކަންތަކުން ރައްޔިތުންގެ މެދުގައި އޭނާގެ ނަޒާހަތްތެރިކަން ގެއްލިގެން ގޮސްފައިވާ ކަމަށް ޖަރުމަނުގެ މީޑިޔާ ޚަބަރުދެއެވެ.

ވުލްފް އިސްތިއުފާ ދެއްވުމާ ގުޅިގެން ޗާންސެލަރ އެންގެލާ މާރކަލްވަނީ އިދިކޮޅު ފަރާތްތަކުގެ އެއްބާރުލުންވެސް ހޯއްދަވައިގެން ރައްޔިތުންގެ އިތުބާރު ލިބިފައިވާ ރައީސް ކަމުގެ މަޤާމަށް ޕާލަމެންޓްގެ ތެރެއިން އިންތިޚާބު ކުރުމަށް މަސައްކަތް ކުރައްވާނެކަން ހާމަކުރައްވާފައެވެ. -- ރޮއިޓާސް