10 Jul 2021, 12:08
ޕޯޓް އޯ ޕްރިންސް (ޖުލައި 8): ހެއިޓީގެ ރައީސް ޖޮވެނެލް މޮއިސް އަވަހާރަކޮށްލުމާ ގުޅިގެން، އެގައުމުގެ ސަލާމަތީ ކަންތައްތައް ބެލެހެއްޓުމުގައި އެހީތެރިވެ ދިނުމަށް އެމެރިކާ އާއި އދ.ގެ ފައުޖުތައް ފޮނުވައި ދިނުމަށް ހެއިޓީން އެދިއްޖެ އެވެ.
ހެއިޓީގެ ބޮޑުވަޒީރު ކްލޯޑް ޖޯސެފްގެ އޮފީހުން އދ.ގެ އޮފީސްތަކަށް ފޮނުވާފައިވާ ސިޓީއެއްގައިވާ ގޮތުން، އެގައުމަށް ބޭރުގެ ސިފައިން ބޭނުން ވަނީ އެގައުމުގެ ސަލާމަތާއި އަމަން އަމާންކަން ދެމެހެއްޓުމަށް ހެއިޓީގެ ފުލުހުން ކުރާ މަސައްކަތަށް އެހީތެރިވުމަށެވެ.
"އަޅުގަނޑުމެންނަށް އެހީ ބޭނުންވޭ އަދި އަޅުގަނޑުމެން ވަނީ ބޭރުގެ ފަރާތްތަކުން އެހީއަށް އެދިފަ. މި މައްސަލަ ހައްލު ކުރުމުގައި ގައުމީ ފުލުހުންނަށް އެ ފަރާތްތަކުން އެހީ ފޯރުކޮށްދެވޭނެ ކަމަށް އަޅުގަނޑުމެން ގަބޫލު ކުރަން،" އެސޯސިއޭޓެޑް ޕްރެސް ނޫހާ ވާހަކަ ދައްކަވަމުން ޖޯސެފް ވިދާޅުވި އެވެ.
އދ.ގެ ފައުޖުތައް ހެއިޓީއަށް ފޮނުވޭނީ 15 މެމްބަރު ގައުމު ހިމެނޭ ސަލާމަތީ މަޖިލީހުން އެކަމަށް ހުއްދަ ދިނުމުންނެވެ. އަދި އެމެރިކާގެ ސަރުކާރުގެ އިސް އޮފިޝަލަކު ވަނީ އެގައުމުގެ ސިފައިން ހެއިޓީއަށް ފޮނުވުމުގެ ވިސްނުމެއް މިވަގުތު ނުގެންގުޅޭ ކަމަށް ވިދާޅުވެފަ އެވެ. ނަމަވެސް މޮއިސް އަވަހާރަކޮށްލި ހާދިސާ ތަހުގީގު ކުރުމުގައި އެހީވުމަށް އެފްބީއައި އާއި ހޯމްލޭންޑް ސެކިއުރިޓީ ޑިޕާޓްމެންޓުގެ އޮފިޝަލުން ފޮނުވަން ހަމަޖެހިފައިވެ އެވެ.
ހެއިޓީގެ ކުރީގެ ރައީސް ވިލްބްރުން ގިޔޯމޭ ސޭމްއާ ދެކޮޅަށް އެގައުމުގެ ރައްޔިތުން ތެދުވެ، 28 ޖުލައި 1915އިގައި އޭނާ އަވަހާރަކޮށްލުމުން އޭރުގެ އެމެރިކާގެ ރައީސް ވުޑްރޯ ވިލްސަން އެގައުމުގެ ކަނޑުގެ ސިފައިން ހެއިޓީއަށް އަރަން އެންގެވި އެވެ. އެއަށް ފަހު އެމެރިކާއިން ހެއިޓީ ހިފާ، އެގައުމުން ފޭބީ 19 އަހަރު ފަހުންނެވެ.
މިދިޔަ އަންގާރަ ދުވަހުގެ ރޭ މޮއިސް އަވަހާރަކޮށްލީ އޭނާގެ އަމިއްލަ ގެކޮޅަށް ބަޔަކު ދިން ހަމަލާއެއްގަ އެވެ. އެ ހަމަލާގައި މޮއިސްގެ ހަށިކޮޅަށް 12 ވަޒަން އަރާފައިވާ ކަމަށް އެގައުމުގެ މީޑިއާތަކުން ރިޕޯޓު ކުރި އެވެ. އަދި އޭނާގެ އަނބިކަނބަލުން މާޓީން މޮއިސްވެސް ޒަހަމްވެ، އޭނާއަށް ދަނީ އެމެރިކާގައި ފަރުވާ ދެމުންނެވެ.
ހެއިޓީގެ ފުލުހުން ބުނި ގޮތުގައި މޮއިސް އަވަހާރަކޮށްލީ ބޭރުގެ 28 ކުލީ ސިފައިންނެވެ. އޭގެ ތެރޭގައި ހިމެނެނީ އެގައުމާއި އެމެރިކާގެ ރަށްވެހިކަން އޮތް ދެ މީހަކާއި ކޮލޮމްބިއާގެ ރައްޔިތުންނެވެ.
އެ ހަމަލާއާ ގުޅިގެން އެގައުމުން ވަނީ މިހާތަނަށް 17 މީހަކު ހައްޔަރުކޮށްފަ އެވެ. އަދި އެ މައްސަލައިގައި ތުހުމަތު ކުރެވޭ ބަޔަކާއި ފުލުހުންނާ ދެމެދު ހިނގި ކުރިމަތިލުމެއްގައި ތިން މީހަކު މަރުވެފައިވާ ކަމަށާއި އިތުރު އަށް މީހަކު ހޯދުމުގެ މަސައްކަތް ކުރަމުންދާ ކަމަށް ފުލުހުން ބުންޏެވެ.
މޮއިސް އަވަހާރަކޮށްލުމުގެ ފަހަތުގައި ވަނީ ކޮން ބަޔެއް ކަމާއި އެ ހަމަލާ ދިން ސަބަބު އަދި ކަށަވަރު ކުރެވިފައި ނުވެ އެވެ.
ހެއިޓީގެ ރައީސް އަވަހާރަކޮށްލާފައި ވަނީ ސިޔާސީ ދެބަސްވުންތަކާއި ގޭންގު މާރާމާރީތަކާއި ގުދުރަތީ ކާރިސާތަކުގެ ސަބަބުން ގައުމުގެ ދިރިއުޅުމުގެ ހާލަތު ވަރަށް ބޮޑަށް ގޯސްވެފައިވާ ދަނޑިވަޅެއްގަ އެވެ.