ރަޝިޔާއިން މިޔަންމާއަށް ކޮވިޑުގެ އިތުރު ދެ މިލިއަން ވެކްސިން ޑޯޒް މިމަހު ދޭނެކަމަށް މިހާރު އެ ގައުމުގެ އެންމެ އިސްވެރިޔާ އަދި އެ ގައުމުގައި ހިންގި ބަޣާވާތުގެ ލީޑަރު ވިދާޅުވެއްޖެއެވެ.

ރަޝިޔާއިން ވެކްސިން ދޭން ނިންމައިފައިވާކަމަށް އެ ގައުމުން ބުނެފައިވަނީ ރެކޯޑް މިންވަރަކަށް އެ ގައުމުގައި ކޮވިޑް19 ބަލީގެ ކޭސްތައް ފެނި މީހުން މަރުވަމުންދާ ވަގުތެއްގައެވެ.

މިޔަންމާގައި ބަލި ހަލުވިކަމާއެކު ފެތުރެމުންދާކަމަށާއި، ނަމަވެސް މިހާރު ވެކްސިން ވަނީ އައުމުގެ މަގުމަތީގައިކަމަށްވެސް ރަޝިޔާގެ ޑިފެންސް އޮފިޝަލުން ވިދާޅުވެފައިވާކަމަށް މިހާރު އެގައުމުގެ އެންމެ އިސްވެރިޔާ ޖެނެރަލް މިން އަންގް ލައިން ވަނީ ވިދާޅުވެފައެވެ.

"އަޅުގަނޑު ބުނިން އަޅުގަނޑު ބޭނުންވަނީ ދެ މިލިއަނޭ. އެމީހުން ބުނި ދޭނަމޭ." އޭނާ ވިދާޅުވިއެވެ.

އެނާ އިތުރަށް ވިދާޅުވީ ރަޝިޔާއިން އުފެއްދި ކޮވިޑް ވެކްސިންގެ ހަތް މިލިއަން ޑޯޒް ދިނުމަށް މިދިޔަ މަހު ރަޝިޔާގެ ކަމާބެހޭ ފަރާތްތަކުގެ ކިބައިން އެދިފައިވާކަމަށެވެ.

ޖެނެރަލް މިން އަންގް ލައިން އަކީ މި އަހަރުގެ ފެބްރުއަރީ އެއްވަނަ ދުވަހު އެ ގައުމުގައި އޮތް އަންސަން ސޫޗީގެ ސަރުކާރާ ދެކޮޅަށް ހިންގި ބަޣާވާތުގައި އެންމެ އިސްކޮށް އުޅުނު ފަރާތެވެ.

އިއްޔެ މިޔަންމާގައި 4320 ކޭސް ވަނީ ރިޕޯޓް ކޮށްފައެވެ. މިއީ ޖެހިޖެހިގެން ރެކޯޑް މިންވަރަކަށް ކޭސް ފެނުނު ދެވަނަ ދުވަހެވެ. އަދި އިއްޔެ އަ ގައުމުގައި ކޮވިޑު19ގެ 63 މަރު ވަނީ ރެކޯޑްކޮށްފައެވެ.