އިންތިހާބު ބާއްވާނެ ތާރީހެއް ހަފުތާއެއްގެ ތެރޭގައި ސާފުވާނެ ކަމަށް ލާފަ ކުރައްވާ ކަމަށް ކުރީގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެ އެވެ. އެމަނިކުފާނު މިހެން ވިދާޅުވީ "އިންސާފުގެ ދަތުރު"ގެ ނަމުގައި އެތަކެއް ހާސް މީހުންނާ އެކު އިއްޔެ އެމްޑީޕީން ފެށި މުޒާހާގެ ރޭ ދަންފަޅީގައި ވާހަކަފުޅު ދައްކަވަމުންނެވެ.

ނަޝީދު ވިދާޅުވީ އިންތިޚާބު އޮންނަ ދުވަސް ދާދި އަވަހަށް ސާފުވެގެންދާނެ ކަން ޔަގީން ކަމަށާއި އަވަސް އިިންތިޚާބެއް އޮންނަ ދުވަހު ރާއްޖޭގެ ވެރިކަން އަލުން އަނބުރާ ރުކުރުވާލާނެ ކަމަށެވެ.

"ރާއްޖެ ވަޑައިގަންނަވާ ކޮމަންވެލްތުގެ ފޮރިން މިނިސްޓަރުންގެ ޓީމުން އެބަ ބޭނުންވޭ ކަން ހިނގައި ދިޔަ ގޮތް ތަހުގީގުކުރަން. މި ރާއްޖޭގެ ވެރިކަމަކީ ރައްޔިތުންގެ ވޯޓުން ނޫން ގޮތަކަށް ބަދަލުވާން ނެތް ކަމެއް ކަން ސާފުވާން ޖެހޭނެ. އަޅުގަނޑުމެންގެ ބޭނުމަކީ ހެޔޮވެރިކަމުގެ ސިޔާސީ ނިޒާމް ގާއިމްކޮށް އަށަގެންނެވުން. އެ މަސައްކަތް ވަރުބަލިކަމެއް ނެތި އަޅުގަނޑުމެން ކުރިއަށް ގެންދާނެ ކަމީ އަޅުގަނޑު ޝައްކުކުރާނެ ކަމެއް ނޫން. އަޅުގަނޑުމެންގެ ބޯދާ ގޮތްތަކަށް ތަބާވެ ތިއްބަވާ ވަރަށް ގިނަ މީހުންގެ އަތްމަތީ ބަހަކަށް ވެފައި އޮތީ އަޅުގަނޑުމެން ދިވެހިންނަކަށް ނުކެރޭނެއޭ. އަޅުގަނޑު ދަންނަވާލާނީ ތި ދިވެހިންނާއި މި ދިވެހިންނަށް ވުރެ ވަކި ކެރޭ އިންސީންނެއް މި ދުނިޔޭގައި ނެތް ކަން،" މި މަހު 7 ވަނަ ދުވަހު އިސްތިއުފާ ދެއްވި ނަޝީދު ވިދާޅުވި އެވެ.

ކުރީގެ ރައީސް ވިދާޅުވީ އިންތިޚާބު ބާއްވާނެ ތާރީޚު ނިންމުމަށްޓަކައި މާދަމާ ސިޔާސީ ޕާޓީތަކުން މަޝްވަރާގެ މޭޒުގައި އިށީންނާނެ ކަމަށް މައުލޫމާތު ލިބިވަޑައިގެންފައިވާ ކަމަށާއި ބައިނަލްއަގުވާމީ ފަރާތްތަކުން އެމަނިކުފާނުގެ އަރިހުގައި އެދަމުންދަނީ އެ ބަދައްލުވުމަށް ވަޑައިގަތުމަށް ކަމަށެވެ.

"[ބައިނަލް އަގުވާމީ ފަރާތްތަކުން] އަޅުގަނޑު ގާތު އެބަ އެދޭ އެ ބައްދަލުވުމަށް ހާޒިރުވުމަށް. މާޗް 1 ގައި ރައްޔިތުންގެ މަޖިލިސް ހުޅުވުމުގެ ކުރިން އިންތިޚާބުގެ ތާރީޚެއް ކަނޑައެޅޭނެ ކަމާ މެދު އަޅުގަނޑަށް ޝައްކެއް ނެތް. އާދިއްތަ ދުވަހު ފެށޭ މަޝްވަރާތައް އަވަހަށް ނިމި އަންނަ ހަފުތާތެރޭގައި އިންތިޚާބުގެ ތާރީޚް އެނގިގެންދާނެ ކަމަށް އުއްމީދުކުރެވޭ،" ނަޝީދު ވިދާޅުވި އެވެ. "އަވަސް އިންތިޚާބެއް ބޭއްވުން އެއީ އަޅުގަނޑުމެން ބޭނުންވާ ގޮތް. އެ އިންތިޚާބެއް އޮންނާނެ ދުވަހެއް އެނގެންދެން އަޅުގަނޑުމެންގެ މަސައްކަތް ކުރިއަށް ގެންދަން މި ތިބީ ނިންމައިގެން. އެ އިންތިޚާބުގެ ތަރުތީބުތައް އެނގެން އެބަޖެހޭ... އަޅުގަނޑުމެންގެ މަސައްކަތަށް ނުހަނު ކާމިޔާބު ލިބެމުން އެބައާދޭ،"

ނަޝީދު ވިދާޅުވީ އެހެން ހުރިހާ ޕާޓީތަކާ ވާހަކަދެއްކުމަށް ފަހުގައި އިންޑިއާގެ ފޮރިން ސެކްރެޓަރީ ވިދާޅުވީ އަވަސް އިންތިޚާބެއް 2013ގެ ކުރިން ބޭއްވުމަށް އިންޑިއާ ސަރުކާރު ފުރިހަމަ އަށް ތާއީދު ކުރާކަމަށް އެމަނިކުފާނު އަރިހުގައި ވިދާޅުވި ކަމަށާއި އެ އިންތިހާބުގެ ތާރީހަށް އެދި މިއަދު ވެސް މި ރޭ ވެސް، ލޮނު ޒިޔާރަތްކޮޅުގައި ގާއިމުވެ ތިބޭނެ ކަމަށެވެ.

"މި މައިދާން ވެސް، މި މާލެ ވެސް ފުރެން އެބަޖެހޭ. އަޅުގަނޑު ދަންނަވާނީ ސަލާމަތީ ބާރުތަކުން މި ތަނަށް ވަޑައިގެން ބާރުގެ ބޭނުން ނުކުރައްވައްޗޭ ދަންނަވަން ބޭނުން. އަދި ތިޔަ ބޭފުޅުން ވެސް އުފާވެރިކަން ނޫން ކަމެއް މި ތަނުގައި ނުގެންގުޅުއްވައްޗޭ. އެކަކު އަނެކަކުގެ ކިބައިން ހިތްވަރު ހޯދައިގެން އަޅުގަނޑުމެންގެ ބިރު ފަހަނައަޅައިދަމާ ހިނގާށޭ،"

ނަޝީދު ވިދާޅުވީ ޑިމޮކްރަސީ ގެނައީ އެމްޑީޕީގެ ހިތްވަރުން ކަމަށާއި އެކަން ކުރީ ގިނަ ޕާޓީތަކުގެ ސިޔާސީ ނިޒާމް ނުގެނެވޭނެ ކަމަށް ބުނަމުން ދަނިކޮށް ކަމަށެވެ. އަދި ވިދާޅުވީ ވޭތުވެދިޔަ ތިން އަހަރު ތެރޭގައި އެތައް މުޒަހަރާއެއް ކުރި އިރު ފުލުހުންނަށް އެމަނިކުފާނު ނުގުޅާ އެންމެ ރެއެއް ވެސް ނުދާ ކަމަށާއި ފުލުހުން މުޒާހަރާ ރޫޅާލަން ނޫޅެނީ އެމަނިކުފާނު އެކަމާ ނޫޅޭތީ ކަމަށެވެ.

މުޒާހަރާގެ ބައިވެރިންނަށް އިޝާރާތް ކުރައްވައި ނަޝީދު ވިދާޅުވީ އެއްވެސް ނޭދެވޭ އަމަލެއް ނުހިންގުމަށާއި ސުލްހަވެރި ސިޔާސީ ހަރަކާތް ހިންގައި އުފާ ފާޅު ކުރުމަށެވެ.

"އަޅުގަނޑުމެން ކަންކަން ހިންގާން ޖެހޭނީ ވެސް މި ދެންނެވި މަގުން. އަޅުގަނޑު ރާއްޖޭގެ ދިފާއީ ބާރުތަކަށް ދަންނަވަން، މި ތަނުގައި ސުލްހަވެރި ކަމާ އެކީގައި ތިއްބަވާ ބޭފުޅުންނާ އެ ބޭފުޅުން އެއްވެސް ހާލެއްގައި ބާރުގެ ބޭނުންކުރައްވައިގެން އަދި އެ ނޫން ގޮތަކުން ވެސް ބެހިވަޑައިނުގަތުމަށް. އަދި މި ތަނުގައި ތިއްބެވި ބޭފުޅުންނަށް ވެސް އިޚްލާސްތެރިކަމާ އެކު އެދެން މި މައިދާނުން ބޭރަށް ވަޑައިނުގަތުމަށް. އަދި އުފާފާޅުކުރުމާއި އުފާވެރިކަން ނޫން ކަމެއް ނުކުރުމަށް. އަޅުގަނޑު ތިޔަ ބޭފުޅުންނަށް ސާފުކޮށްދޭން ޖެހޭނެ، އަޅުގަނޑު މިރޭ ޖެހޭނެ އެނބުރި ދާން. އަދި އެއަށް ފަހުގައި އަޅުގަނޑަށް މާދަމާ ހެނދުނު އެނބުރި އާދެވޭނެ. އަޅުގަނޑު ކުރާން ހުރި މުހިއްމު އެތައް ކަމެއް އެބަހުރި. އަޅުގަނޑު އުއްމީދުކުރަން މި ތަނުގައި ތިއްބެވުމަށް ނިންމަވާ ބޭފުޅުން ސާބިތުކަމާ އެކު ތިއްބަވާއިރުގައި، ޖިސްމާނީ ގޮތުން އަޅުގަނޑު މި ތަނުގައި ނެތަސް، އަޅުގަނޑު ހުރި ކަމަށް ތި ބޭފުޅުން ދެކެވަޑައިގަންނަވާނެ ކަމަށް އުއްމީދުކުރަން،"