ޑައިރެކްޓަރު މޯހިތު ސުރީ ޑައިރެކްޓްކޮށް 2014 ވަނަ އަހަރު ނެރުނު ކާމިޔާބު ފިލްމު އޭކް ވިލަންގެ ސީކުއަލް "އޭކް ވިލަން ރިޓާންސް"ގެ ޝޫޓިން އަނެއްކާވެސް ފަށައިފިއެވެ.

ކޮވިޑް ޕެންޑެމިކްގެ ސަބަބުން އިންޑިއާގައި ބޮޑު ކާފިއުއެއް އިއުލާންކުރުމާއެކު ފިލްމުގެ ޝޫޓިން ހުއްޓިފައިވަނިކޮށް އެ ގައުމަށް ލުއިތަކެއް ދީފައިވާ މި ދަނޑިވަޅުގައި ފިލްމުގެ ޝޫޓިން އަލުން ފަށާފައިވަނީ ބަތަލާ ތާރާ ސުތައިރާ އާ އަރުޖުން ކަޕޫރާއެކުގައެވެ.

ފިލްމުގެ ދެވަނަ ބައިގެ ލީޑު ރޯލުން ފެނިގެންދާ ތަރިންނަކީ ދިޝާ ޕާޓްނީ، އަރުޖުން ކަޕޫރު، ތާރާ ސުތައިރާ އަދި ޖޯން އަބްރަހަމް އެވެ. އެކްތާ ކަޕޫރާ ބުޝަން ކުމާރުގެ ޕްރޮޑަކްޝަންގެ ދަށުން ގެނެސްދޭ އޭކް ވިލަން ރިޓާންސް އަކީ އަންނަ އަހަރުގެ ފެބްރުއަރީ މަހުގެ 11 ވަނަ ދުވަހު ރިލީޒްކުރަން ހަމަޖެހިފައިވާ ފިލްމެކެވެ.

ފިލްމާ ގުޅޭގޮތުން ޑައިރެކްޓަރު މޯހިތު ބުނީ މި ފަހަރުގެ ފިލްމަކީ އަންހެން ކެރެކްޓާއިން ވެސް ވިލަންގެ ގޮތުގައި ފެނިގެންދާނެ ފިލްމެއް ކަމަށާއި މި ކެރެކްޓާތަކަކީ އެއް ކެރެކްޓާ އާ އަނެއް ކެރެކްޓާ އާ ގުޅިފައިވާ ކެރެކްޓާތަކެއް ކަމަށެވެ.

މި ފިލްމަށް އެންމެ ފުރަތަމަ އަރުޖުންގެ ބަދަލުގައި ހަމަޖެއްސީ އަދިތްޔާ ރޯއީ ކަޕޫރެވެ. ނަމަވެސް އަދިތްޔާ އާއި ޑައިރެކްޓަރު މޯހިތު އާއި ހިޔާލު ތަފާތުވުމުގެ ސަބަބުން އޭނާ އަމިއްލައަށް އެ ފިލްމު ދޫކޮށްލީ އެވެ. އެ ފިލްމުގެ ފުރަތަމަ ބައިން ފެނިގެން ދިޔައީ ސިދާތު މަލްހޮތުރާއާއި ޝްރަދާ ކަޕޫރެވެ. "އޭކް ވިލަން" އަކީ ބޮކްސް އޮފީހުގައި 162.69 ކްރޯޑް ރުޕީސްގެ އާމްދަނީއެއް ހޯދި ކާމިޔާބު ފިލްމެކެވެ.