09 Jul 2021, 22:42
މިއަދު އަލަށް 55 މީހަކު ކޮވިޑް-19 އަށް ޕޮޒިޓިވްވެ ރާއްޖޭގެ އެކްޓިވް ކޭސްތަކުގެ އަދަދު 2،801 އަށް ވެއްޓިއްޖެއެވެ.
ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން އާންމުކުރި އެންމެ ފަހުގެ ތަފާސްހިސާބުތަކުން ދައްކާގޮތުގައި މިއަދު އަލަށް ޕޮޒިޓިވްވި 55 މީހުންގެ ތެރެއިން 25 ކޭސް ފެނިފައިވަނީ މާލެ ސަރަހައްދުންނެވެ.
އަތޮޅުތެރޭ އެހެން ހުރިހާ ރަށެއް ހިމަނައިގެން ފެނިފައިވަނީ 20 ކޭސް އެވެ. ރިސޯޓުތަކުން ފެނިފައިވަނީ 10 ކޭސްއެވެ.
މިއީ ފާއިތުވެެދިޔަ 24 ގަޑިއިރުތެރޭ ނެގި 4،580 ސާމްޕަލް އިން ޕޮޒިޓިވްވި މީހުންނެވެ. މިއާއެކު ރާއްޖެއިން ބަލި ޖެހުނު މީހުންގެ ޖުމްލަ އަދަދު 74،903 އަށް ވަނީ އަރައިފައެވެ.
ރާއްޖޭގައި މިވަގުތު އެޑްމިޓްކޮށްގެން ބައްޔަށް ފަރުވާދެމުން ދަނީ 26 މީހަކަށެވެ،
އެޗްޕީއޭގެ ތަފާސްހިސާބުތައް ދައްކާގޮތުގައި މިއަދު އިތުރު 119 މީހަކު ވަނީ ބަލިން ރަނގަޅުވެފައެވެ. މިއާއެކު ބަލިން ރަނގަޅުވި ޖުމްލަ މީހުންގެ އަދަދު ވަނީ 71,877 އަށް އިތުރުވެފައެވެ. ބަލީގައި މިހާތަނަށް ރާއްޖެއިން ނިޔާވެފައިވަނީ 213 މީހުންނެވެ.
މިއަދު 55 މީހުން ބައްޔަށް ޕޮޒިޓިވްވިއިރު މިއީ މިފަހުން ރާއްޖެއިން އެންމެ މަދުން ބަލީގެ ކޭސްތައް ފެނުނު އެއް ދުވަހެވެ.
އެޗްޕީއޭއިން އާންމުކުރި ވެކްސިންގެ ތަފާސްހިސާބުތަކުން ދައްކާގޮތުގައި މިހާތަނަށް 219,661 މީހަކު ވަނީ ވެކްސިންގެ ދެ ޑޯޒް ފުރިހަމަކޮށްފައެވެ. އަދި ޖުމްލަ 318,142 މީހަކު ވަނީ ފުރަތަމަ ޑޯޒް ޖަހާފައެވެ.
ކޮވިޝީލްޑް ވެކްސިންގެ އާ ބެޗެއް ރާއްޖެއަށް ލިބުމާއެކު ވެކްސިންގެ ދެވަނަ ޑޯޒް ފުރިހަމަ ނުކުރެވިފައިތިބި ގިނަ ބަޔަކަށް ދަނީ މިހާރު އެޕޮއިންޓްމަންޓް އުސޫލުން ދެވަނަ ޑޯޒް ދެމުންނެވެ. އަދި ސިނޮފާމް ވެކްސިންގެ ފުރަތަމަ ޑޯޒާއި ދެވަނަ ޑޯޒުވެސް ދަނީ އާންމުކޮށް ޖަހައިދެމުންނެވެ.
މިއަދު ދެވަނަ ޑޯޒް ޖެހި މީހުންގެ އަދަދު ހުރީ 6,609 ގަ އެވެ. މީގެ ތެރެއިން 4,544 މީހުން ވެކްސިން ޖެހީ މާލެ ސަރަހައްދުންނެވެ. އަދި ބާކީ 2,065 މީހުން ވެކްސިން ޖެހީ އަތޮޅު ތެރޭ އެހެން ރަށްރަށުންނެވެ.
ދެވަނަ ޑޯޒް ޖަހާ މީހުންގެ އަދަދު ގިނަވެފައިވީނަމަވެސް ވެކްސިންގެ ފުރަތަމަ ޑޯޒް ޖަހާ މީހުންގެ އަދަދު އަދިވެސް ހުރީ ދަށުގައެވެ. މިއަދު ފުރަތަމަ ޑޯޒް ޖެހި މީހުންގެ އަދަދު ހުރީ 273 ގަ އެވެ.