09 Jul 2021, 22:08
މޭ ހަވަނަ ދުވަހު ރައީސް މުހައްމަދު ނަޝީދަށް އަމާޒުކޮށް ދިން ޓެރަރިސްޓް ހަމަލާއާ ގުޅިގެން ޑިފެންސް މިނިސްޓަރު މާރިޔާ އަހްމަދު ދީދީ ޒިންމާ އަދާކުރައްވާފައިނުވާކަމަށާއި ރައީސް ނަޝީދުގެ އާއިލާއިން އެދެނީ މާރިޔާ މަގާމުން އިސްތިއުފާ ދިނުމަށްކަމަށް އެ އާއިލާއިން ބުނެފިއެވެ.
އެ ހަމަލާއާ ގުޅިގެން މަޖިލީހުގެ ސަލާމަތީ ހިދުމަތްތަކާ ބެހޭ ކޮމިޓީން އެކުލަވާލި އިންކުއަރީ ރިޕޯޓް ވަނީ ރޭ އާންމުކޮށްފައެވެ. އެ ރިޕޯޓަށް ވާހަކަދައްކަވަމުން ރައީސް ނަޝީދުގެ ކޮއްކޮ އަހުމަދު ނާޒިމް އަބްދުލްސައްތާރު ވަނީ މިނިސްޓަރުކަމުން މާރިޔާ އިސްތިއުފާ ދޭން ޖެހޭކަމަށް ރައީސް ނަޝީދުގެ އާއިލާއިން ގަބޫލުކުރާކަމަށް "ސަން" އަށް ވިދާޅުވެފައެވެ.
"އަޅުގަނޑުމެން މި ބުނަނީ މިނިސްޓަރު މާރިޔާގެ އަތުގައި އެ ހަމަލާގެ ލޭ ހުރީއޭ އެއްނޫން،" ނާޒިމް ވިދާޅުވިއެވެ. އެކަމަކު މިނިސްޓަރުގެ ޒިންމާ އެދެވޭ ގޮތަށް އަަދާކުރެއްވިނަމަ ހަމަލާ ހުއްޓުވޭނެކަމަށް އާއިލާއިން ގަބޫލުކުރާކަމަށް ނާޒިމް ވިދާޅުވިއެވެ.
ރައީސް ނަޝީދަށް ދިން ހަމަލާގެ މައުލޫމާތު ހުޅުދޫ ދާއިރާގެ މަޖިލިސް މެންބަރު އިލްޔާސް ލަބީބަށް ދުރާލައި ލިބުނުކަމަށް ނާޒިމް ވިދާޅުވިއެވެ. އަދި ނާޒިމް ވިދާޅުވީ އިލްޔާސް އެ މައުލޫމާތު މިނިސްޓަރު މާރިޔާއާ ހިއްސާވެސް ކޮށްފައިވާކަމަށެވެ. އެހެންނަމަވެސް އެ މައުލޫމާތަށް އެއްވެސްކަހަލަ މުހިންމުކަމެއް މިނިސްޓަރު މާރިޔާ ދެއްވާފައިނުވާތީވެ އިސްތިއުފާ ދޭންޖެހޭކަމަށް އާއިލާއިން ގަބޫލުކުރާކަމަށެވެ.
"އަދި އެމްއެންޑީއެފަށްވެސް ނުވަ ވަރަކަށް ރިޕޯޓް ލިބުނު ރައީސް ނަޝީދަށް ހަމަލާއެއް ދޭން އުޅޭކަމުގެ، އެވަރުންވެސް މިނިސްޓަރު އެއްވެސް ކަމެއް ނުކުރައްވާ، އެހެންވީމަ އިސްތިއުފާ ދޭން ޖެހޭ," ނާޒިމް ވިދާޅުވިއެވެ.
ފެބްރުއަރީ 18، 2020: ރައީސް ނަޝީދާއި ޑިފެންސް މިނިސްޓަރު މާރިޔާ އަހުމަދު ދީދީ -- ސަން ފޮޓޯ/ ފަޔާޒު މޫސާ
އިތުރަށް ވާހަކަދައްކަވަމުން ނާޒިމް ވިދާޅުވީ މިނިސްޓަރު މާރިޔާ އެދެވޭ ގޮތުގައި ޒިންމާ އަދާކުރެއްވިނަމަ ހަމަލާ ހުއްޓުވޭނެކަމަށެވެ. އަދި މިނިސްޓަރުގެ އިތުރުން އެމްއެންޑީއެފްގެ ކައުންޓާ ޓެރަރިރަމް ޔުނިޓުންވެސް ހަމަލާގެ ޒިންމާ އުފުލަން ޖެހޭކަމަށް އާއިލާއިން ގަބޫލުކުރާކަމަށެވެ.
ހަމަލާގެ ކޮމިޓީ ރިޕޯޓް މިހާރު އާންމުކޮށްފައިވާއިރު އެ ރިޕޯޓްގައިވަނީ ހަމަލާދޭން އުޅޭކަން މިނިސްޓަރު މާރިޔާއަށް އެނގިހުރެ އެއްވެސް ފިޔަވަޅެއް އަޅާފައިނުވާކަން ފާހަގަކޮށްފައެވެ. އެ ރިޕޯޓްގައި ވަނީ ރައީސް ނަޝީދު އަވަހާރަ ކޮށްލަން ބަޔަކު ތިން މިލިއަން ޑޮލަރު ހަރަދު ކޮށްފައިވާކަމަށެވެ.
އަދި އެ މައުލޫމާތު ފޯނުން ގުޅުއްވައި އިލްޔާސް ލަބީބު މިނިސްޓަރު މާރިޔާއާ ހިއްސާ ކޮށްފައިވާކަމަށްވެސް ރިޕޯޓްގައިވެއެވެ. އެކަމަކު އަމިއްލަފުޅަށް ފިޔަވަޅު އެޅުމުގެ ބަދަލުގައި މިނިސްޓަރު މާރިޔާ އިލްޔާސްއަށް އިރުޝާދު ދެއްވީ އެ މައުލޫމާތު ފުލުހުންނާ ހިއްސާކުރުމަށްކަމަށް ރިޕޯޓްގައިވެއެެވެ.
އެ މައުލޫމާތު އަމިއްލަފުޅަށް ފުލުހުންނާ ހިއްސާ ނުކުރެއްވި ސަބަބު މިނިސްޓަރު މާރިޔާ ވަނީ އިންކުއަރީއަށް މައުލޫމާތު ދެއްވަމުން ވިދާޅުވެފައެވެ.
"ހުޅުދޫ ދާއިރާގެ އިއްޒަތްތެރި މެމްބަރުގެ ފަރާތުން އަޅުގަނޑަށް ލިބުނީ ފޯނު ކޯލެއް. މައުލޫމާތެއް ނޫން. އެއީ މައުލޫމާތެއް ކަމަށް އަޅުގަނޑު ބަލަނީ، މީހެއްގެ ނަމެއް ނުވަތަ ފޮލޯކުރެވޭނެ ކޮންމެވެސް ގޮތެއް އަޅުގަނޑަށް ފޯރުކޮށްދެއްވި ކަމަށް ވަންޏާ،" މާރިޔާ ވިދާޅުވިއެވެ.
ކޮމިޓީ ރިޕޯޓް އާންމުކުރުމާއެކު މިނިސްޓަރު މާރިޔާ އެ ހަމަލާއާ ގުޅިގެން އެންމެ އެދެވޭ ގޮތަށް އަމަލުކުރައްވާފައިނުވާކަމަށް ބުނެ ރައީސް ނަޝީދުގެ ގިނަ ސަޕޯޓަރުންތަކެއް ދަނީ މާރިޔާ އިސްތިއުފާ ދެއްވުމަށް ގޮވާލަމުންނެވެ.