18 Feb 2012, 08:25
ވެރިކަން ބަދަލުވުމަށް ފަހު ރާއްޖޭގެ ހާލަތު ވަޒަން ކުރައްވަން ވަޑައިގެންނެވި އެމެރިކާގެ އެސިސްޓެންޓް ސެކްރެޓަރީ އޮފް ސްޓޭޓް ފޯ ސައުތު އޭޝިޔާ ރޮބަޓް ބްލޭކް ވިދާޅުވެފައި ވަނީ ރާއްޖެ 2013 އިގެ ކުރިން އަވަސް އިންތިހާބެއް ބޭއްވުމަށް ތައްޔާރުވެފައި ނުވާ ކަމަށެވެ.
"ސިވިލް ސޮސައިޓީގެ މެމްބަރުން އަޅުގަނޑު ކައިރީ ބުނި، ގައުމު އޮތީ އަވަސް އިންތިހާބަކަށް ތައްޔާރުވެފައި ނޫން ކަމަށް. އެއީ ފުލުހުންނާއި އިލެކްޝަންސް ކޮމިޝަން އަދި ޝަރުއީ ނިޒާމު އޮތީ މިނިވަން އިންސާފުވެރި އިންތިހާބެއް މިހާރު ބާއްވަން އެކަށީގެންވާ ވަރަށް ތައްޔާރުވެފައެއް ނޫން،" ބްލޭކް ވިދާޅުވި އެވެ.
އެހެން ނަމަވެސް ރައީސް މުހައްމަދު ނަޝީދު އިސްތިއުފާ ދެއްވުމަށް ދެއްކެވި ވާހަކަފުޅާ އެކު އެކަން ނިމި، ޑރ. މުހައްމަދު ވަހީދު ހަސަން މަނިކު ރައީސްކަމާ ހަވާލުވެވަޑައިގެން ކުރިއަށް މިދާ ސަރުކާރާ އެކު ރައީސް ނަޝީދާއި އެމަނިކުފާނުގެ ޕާޓީގެ "ލަވަ" ވަނީ މުޅި ބަދަލުވެފަ އެވެ. ހުރިހާ ވާހަކައެއް އަމާޒުކޮށްފައި ވަނީ އަވަސް އިންތިހާބަކަށް ދިއުމަށެވެ. މިއަޑު ގަދަކުރަމުން އަންނަ އިރު ވަހީދުގެ ސަރުކާރުން ބުނާ ވާހަކައަކީ އިންތިހާބު ބާއްވާނީ އިންތިހާބު ބާއްވަން ޖެހޭ ތާރީހުގައި ކަމަށެވެ.
އެމްޑީޕީން އަވަސް އިންތިހާބަކަށް ގޮވާ ގޮވުންތަކުގެ އަޑު ހަރުވި ނަމަވެސް ރައީސް ވަހީދާއި އެހެން ޕާޓީތަކުގެ މާ ބޮޑު އަޅައިލުމެއް އަދިއެއް ނުފެނެ އެވެ. ނަމަވެސް އަވަހަށް އިންތިހާބެއް ބާއްވަފާނެ ކަމުގެ ސިގްނަލް މިހާރު ލިބޭ ކަމަށް އެމްޑީޕީން މިހާރު ބުނެ އެވެ. އެމްޑީޕީން އިޝާރާތް ކުރަ ފެހި ސިގުނަލަކީ އާ ސަރުކާރުގެ މަގުޗާޓް ކަމަށް ބެލެވެ އެވެ.
އެމްޑީޕީގެ ބޮޑު މުޒާހަރާގައި ރައީސް މުހައްމަދު ނަޝީދު ވިދާޅުވި ގޮތުގައި އަވަސް އިންތިހާބެއްގެ ތާރީހު ބޭނުންވެ އެވެ. ބޮޑު މުޒާހަރާގެ ބައިވެރިންގެ އުންމީދަކީ އެއީ އެވެ. އަދި އެ ތާރީހު ހަފުތާއެއްގެ ތެރޭގައި ކަނޑައެޅޭނެ ކަމަށް ލަފާ ކުރެއްވެ އެވެ.
"އިންތިހާބު ބާއްވާނެ ތާރީޚު ނިންމުމަށްޓަކައި އަންނަ އާދީއްތަ ދުވަހު ސިޔާސީ ޕާޓީތަކުން މަޝްވަރާގެ މޭޒުގައި އިށީންނާނެ ކަމަށް އަޅުގަނޑަށް ވަނީ މައުލޫމާތު ލިބިފައި. ބައިނަލްއަގުވާމީ ފަރާތްތަކުން އަޅުގަނޑު ގާތު އެބަ އެދޭ އެ ބައްދަލުވުމަށް [ސިޔާސީ ޕާޓީތަކުގެ މެދުގައި ބާއްވާ ބައްދަލުވުމަށް] ހާޒިރުވުމަށް،" ނަޝީދު ވިދާޅުވި އެވެ. "މާޗް 1 ގައި ރައްޔިތުންގެ މަޖިލިސް ހުޅުވުމުގެ ކުރިން އިންތިޚާބުގެ ތާރީޚެއް ކަނޑައެޅޭނެ ކަމާ މެދު އަޅުގަނޑަށް ޝައްކެއް ނެތް. އާދިއްތަ ދުވަހު ފެށޭ މަޝްވަރާތައް އަވަހަށް ނިމި އަންނަ ހަފްތާތެރޭގައި އިންތިޚާބުގެ ތާރީޚް އެނގިގެންދާނެ ކަމަށް އުއްމީދުކުރެވޭ،"
އެމްޑީޕީގެ މައިގަނޑު ވާހަކައަކީ ރައީސް ވަހީދު މަގާމުން އިސްތިއުފާ ދެއްވާ މަޖިލީހުގެ ރައީސް އަބްދުﷲ ޝާހިދާ ގައުމު ހިންގުން ހަވާލު ކުރުމާއެކު ދެ މަސް ދުވަހުގެ ތެރޭގައި އިންތިހާބެއް ބޭއްވުމެވެ. ވޯޓަކުން ވެރިކަން އައުމެވެ. އަދި ވޯޓުން ނުކުންނަ ކޮންމެ ނަތީޖާއެއް ގަބޫލު ކުރުމެވެ.
ރައީސް ވަހީދު ވިދާޅުވެފައިވަނީ 2013 ގެ އިންތިހާބު ބޭއްވުމަށް އެއްބަސްވާނަމަ ހުރިހާ ސިޔާސީ ޕާޓީތަކާ މަޝްވަރާކުރައްވާނެ ކަމަށެވެ. އަދި އިންތިހާބެއް ބޭއްވޭނީ ރިޔާސީ އިންތިހާބެއް ބޭއްވޭނެ ފަދަ މާހައުލެއް ރާއްޖޭގައި ތަނަވަސް ވެގެން ކަމަށެވެ. އެމަނިކުފާނު ރޮއިޓާސްގައި ވިދާޅުވެފައި ވެއެވެ: "އިންތިހާބެއް ބޭއްވުމަށް އޮތީ މީގެ ދޮޅު އަހަރު ފަހުން، އެއީ 2013 ވަނަ އަހަރުގެ ފަހުކޮޅު. އޭގެ ކުރިން އިންތިހާބު އަވަސްކުރަން [ސިޔާސީޕާޓީތައް] އެއްބަސްވާނަމަ ސިޔާސީ ހުރިހާ ޕާޓީތަކާ މަޝްވަރާކުރާނަން. ނަމަވެސް މިނިވަން އިންސާފުވެރި އިންތިހާބެއް ކަށަވަރުކޮށްދޭން އެކަމާ އެކަށީގެންވާ ހާލަތެއް ގާއިމްވެފައި އޮންނަން ޖެހޭ،"
އެމްޑީޕީގެ ރައީސް ޑރ. އިބްރާހިމް ދީދީ (ޑީޑީ) ވިދާޅުވި ގޮތުގައި އަވަސް އިންތިހާބަކަށް ދެވިދާނެ ކަމުގެ ފެހި ސިގުނަލް މިހާރު ވެސް ޑީއާރްޕީން ދޭ ކަމަށާއި އެކަން އެގޮތަށް ކާމިޔާބު ކުރެވޭނެ ކަމަށް ގަބޫލު ކުރެއްވެ އެވެ. ޑީޑީ އެހެން ވިދާޅުވި ނަމަވެސް މިހާތަނަށް ޑީއާރްޕީ ބުނެފައި ވަނީ ސަރުކާރުގެ ރޯޑްމެޕަށް ތާއީދު ކުރާ ކަމަށެވެ.
ރޯޑް މެޕްގެ ތެރެއިން ރައީސް ވަހީދު ސަރުކާރުގެ ބަންޑާރަ ނައިބު އައިޝަތު އާޒިމާ ޝުކޫރު ވަނީ އިންތިހާބު ބޭއްވިދާނެ އުސޫލެއް ވިދާޅުވެފަ އެވެ. ހުކުރު ދުވަހު ރައީސް އޮފީހުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި އާޒިމާ ވިދާޅުވީ 2013 ކުރިން އިންތިހާބެއް ބާއްވާ ނަމަ ގާނޫ އަސާސީއަށް ބަދަލު ގެންނަން ޖެހޭ ކަމަށެވެ. ގައުމީ އެއްބައިވަންތަކަމުގެ ސަރުކާރުގެ މަގުޗާޓާ ގުޅޭ މައުލޫމާތު ދިނުމުގެ ބައްދަލުވުމުގައި އާޒިމާ ވިދާޅުވީ ހުރިހާ ސިޔާސީ ޕާޓީތަކަށް ވެސް އިންތިހާބު އަވަސް ކުރުމާ މެދު މަޝްވަރާ ކުރަން ދައުވަތު ދެއްވާފައިވާ ކަމަށެވެ.
"ސަރުކާރުން ރިޔާސީ އިންތިހާބުގައި ބައިވެރިވާނެ ހުރިހާ ސިޔާސީ ޕާޓީތަކާ އެކު މަޝްވަރާތަކެއް ފައްޓަވާނެ. މިހާރު މިއޮތް ގާނޫނު އަސާސީގެ ދަށުން 2013 އިގެ ކުރިން ވެސް އިންތިހާބެއް ބޭއްވުމަށް ހުރިހާ ޕާޓީތަކަކަށް އެއްބަސްވުމަކަށް އަތުވެއްޖެ ނަމަ ސަރުކާރުން ތައްޔާރަށް އޮތް ވާހަކަ ދަންނަވަން،" އަވަސް އިންތިހާބަކަށް ގޮވާލަމުންދާ އެމްޑީޕީން ސަރުކާރުގައި އޮތް އިރު ކުރިމަތި ކުރުވި ދުސްތޫރީ ހުރިހާ މައްސަލަތަކެއްގައިގެން ސަރުކާރުގެ މައްޗަށް ކާމިޔާބު ހޯއްދެވި އާޒިމާ ވިދާޅުވި އެވެ.
އާޒިމާ ވިދާޅުވި ގޮތުގައި ރިޔާސީ އިންތިހާބެއް ބޭއްވޭނީ ގާނޫނު އަސާސީ އަށް އިސްލާހުތަކެއް ގެނެސްގެން ކަމަށް ގަބޫލު ކުރެވެ އެވެ. އެކަން ކުރަން ހުރިހާ ސިޔާސީ ޕާޓީތަކަށް މަޝްވަރާކޮށް އެއްބަސްވެވިއްޖެ ނަމަ ރޯޑް މެޕެއްގެ ދަށުން އެކަން ކުރިއަށް ގެންދަން ސަރުކާރު ތައްޔާރެވެ.
ގާނޫނީ ބައެއް ބޭފުޅުން ވިދާޅުވާ ގޮތުން ގާނޫނު އަސާސީގައި އޮތް ގޮތުން ގޮތުން އިންތިހާބެއް ބޭއްވޭނީ ރައީސުލްޖުމުހުރިއްޔާ އާއި ރައީސްގެ ނައިބުގެ މަގާމު އެއްފަހާރަ ހުސްވެގެން ރައްޔިތުންގެ މަޖިލިހުގެ ރައީސް ޑިފެކްޓޯކޮށް ދައުލަތުގެ އެންމެ އިސްވެރިޔާކަމުގެ މަގާމާ ހަވާލުވެގެން ކަމަށްވާއިރު އެ ނޫން ގޮތަކަށް ސްލާހު ނުގެނެސް އިންތިހާބެއް ބައްވައިގެން ފަސް އަހަރުގެ ޓާމެއް ހަމައެއް ނުކުރެވޭނެ އެވެ.
ސަރުކާރުގެ މަގުޗާޓުގައި އިންތިހާބާ ބެހޭ ގޮތުން ބުނާ މައިގަނޑު ވާހަކައަކީ ވެސް އެއީ ކަމަށް ބަންޑާރަ ނައިބު އާޒިމާގެ ވާހަކަތަކަށް ބަލާއިރު ބެލެވެ އެވެ.
"އަޅުގަނޑު ގަބޫލުކުރަނީ ފުރިހަމަ އިންތިހާބެއް ބާއްވާ ފަސް އަހަރުގެ ދައުރެއް ލިބިގަނެވޭނީ ގާނޫނު އަސާސީ އިސްލާހުކޮށްގެން،" އާޒިމާ ވިދާޅުވި އެވެ.
އެމްޑީޕީން އެކަމާ ދެކޮޅެވެ؛ އިންތިހާބު ބާއްވަން ގާނޫނު އަސާސީއަށް އިސްލާހު ގެންނަން ޖެހޭނެ ކަމަށް އެމްޑީޕީގެ ގިނަ އިސް ލީޑަރުން ގަބޫލެއް ނުކުރައްވަ އެވެ. ގިނަ ބޭފުޅުން ވިދާޅުވަނީ އެއީ ހުއްޖަތެއް ކަމަށެވެ.
"ގާނޫނު އަސާސީ އިސްލާހު ކުރާކަށް ނުޖެހޭ. އެވާހަކައަކީ ހީލަތެއް. އޭގެ ބޭނުމަކީ ސަރުކާރު ބަދަލު ކުރި މީހުން މިކަމުގެ ތެރެއިން ސަލާމަތްވާނެ ޖާގައެއް ހޯދުން. މިކަމަކީ ގާނޫނު އަސާސީ އިސްލާހު ކުރަންޖެހޭ ކަމެއް ނޫން،" ރައްޔިތުންގެ މަޖިލީހުގެ އެމްޑީޕީ މެންބަރު ތިމަރަފުށީ މުސްތޮފާ ވިދާޅުވި އެވެ. އެމްޑީޕީ ޕާލަމެންޓްރީގެ މާރިޔާ އަހްމަދު ދީދީ ވިދާޅުވި ގޮތުގައި އަވަސް އިންތިހާބެއް ބޭއްވޭނެ ކަމުގެ ޔަގީންކަން ބޮޑެވެ. އަދި މިހެން ވިދާޅުވެ އެވެ: "އަޅުގަނޑުމެނަށް އެބަ ފެނޭ އިލެކްޝަނެއް ކުރިއަށް އޮތްތާ އަންނަ ތަން ވަރަށް އަވަހަށް. އަޅުގަނޑުމެން މަސައްކަތް ކުރާނީ އެގޮތަށް،"
ސަރުކާރު ބަދަލުވުމަށް ފަހު ފުރަތަމަ އުފުލުނު ވާހަކަ އަކީ އިސްތިއުފާ ދެއްވި ގޮތުގެ ވާހަކަތަކެވެ. މިހާރު އެ ސުވާލެއް ނެތެވެ. މިހާރުގެ ވާހަކައަކީ ވެސް ސުވާލަކީ ވެސް އަވަސް އިންތިހާބެއްގެ ވާހަކައެވެ. ރޭ އެމްޑީޕީން ބޭއްވި ބޮޑު އެއްވުމުގައި ދެކެވުނު ހުރިހާ ވާހަކައަކީ ވެސް އަވަސް އިންތިހާބެއްގެ ވާހަކަ އެކެވެ. އެކަމަކު ސުވާލަކީ އެމްޑީޕީގެ ގަދަ އަޑަށް އެކަން ވެދާނެ ބާވަ އެވެ؟