09 Jul 2021, 20:20
ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމްގެ ވެރިކަމުގައި ބޭރު ގައުމު ތަކާއެކު ހާރިޖީ ގުޅުންތައް ބެހެއްޓެވީ ރާއްޖޭގެ ސިޔާދަތު ނުގެއްލޭ ގޮތަށް، ވަރަށް ވިސްނުންތެރިކަމާއެކު ކަމަށް ރައްޔިތުންގެ މަޖިލީހުގެ މަޑުއްވަރީ ދާއިރާގެ މެންބަރު އާދަމް ޝަރީފް ވިދާޅުވެއްޖެއެވެ.
"ސަން" އާ ވާހަކަ ދައްކަވަމުން ޕީއެންސީގެ ނައިބު ރައީސް އާދަމް ޝަރީފް ވިދާޅުވީ ރައީސް ޔާމީނަކީ ބައިނަލްއަގްވާމީ ދުނިޔޭގައިވެސް ވަކިކަހަލަ ހަމަތަކަކާއި މިންގަނޑުތަކެއް ގެންގުޅުއްވަން ގިނަ މަސައްކަތްތަކެއް ކުރެއްވި ބޭފުޅެއް ކަމަށެވެ.
"ހާއްސަކޮށް ކޮންމެ ގައުމަކާއެކުވެސް ގުޅުން ބާއްވާއިރުގަ އަޅުގަނޑުމެންގެ މި ގައުމުގެ ސިޔާދަތާ މިނިވަންކަން ދެމެހެއްޓޭ ގޮތަށް ނޫނީ އެހެން ގައުމަކާއެކު ގުޅުން ބަދަހި ނުކުއްރައްވާނެ،" ޝަރީފް ވިދާލުވިއެވެ.
އާދަމް ޝަރީފް ވިދާޅުވީ އަވަށްޓެރި އިންޑިއާ އާއެކު ގުޅުން ބޭއްވި އިރުގައިވެސް ރައްޖޭގެ ދާހިލީ ކަންކަމުގެ ތެރެއަށް އުނދުޅި ބާނަން އެމަނިކުފާނު ފުރުސަތު ނުދެއްވާ ކަމަށެވެ.
"އިންޑިއާއެކު ގުޅުން ބޭއްވެވި އިރުގަވެސް އެހެން ގައުމު ތަކާއެކު ގުޅުން ބޭއްވިއިރުވެސް ރާއްޖޭ ސިޔާދަތަށް ރާއްޖޭގެ ކަންކަމަށް ގޮތް ކިޔަން އިންޑިއާއަށް ނޫނީ އެހެން ގައުމަކަށްވެސް ފުރުސަތެއް ނުދެއްވާ،" އާދަމް ޝަރީފް ވިދާޅުވިއެވެ.
ރައީސް ޔާމީން ސަރުކާރުގެ ޑިފެންސް މިނިސްޓަރުކަންވެސް ކުރެއްވި އާދަމް ޝަރީފް ވިދާޅުވީ އެ ސަރުކާރުގައި ޗައިނާ އާ އެކުވެސް ގުޅުން ބަދަހި ކުރެއްވި ކަމަށެވެ. ނަމަވެސް ޗައިނާ އިން ހިންގި މަޝްރޫއެއްގެ ސަބަބުން ރާއްޖެއަށް އުނދަގުލެއް ކުރިމަތިނުވާ ކަމަށް އޭނާ ވިދާޅުވިއެވެ.
އޭނާ ވިދާޅުވީ ރައީސް ޔާމީން، ފަސް އަހަރުގެ ދައުރު ފުރިހަމަ ކުރެއްވިއިރު ޗައިނާ މީހުން ރާއްޖެ ގެނެސްގެން ބޮޑެތި ޕްރޮޖެކްޓްތައް ހިންގި ކަމަށެވެ.
"ރާއްޖޭގަ ޗައިނާގެ ބޮޑެތި ޕްރޮޖެކްޓްތައް ހިންގި. ބްރިޖްވެސް އެޅި. ނަމަވެސް އެމަނިކުފާނުގެ ވެރިކަން ނިމި މަޝްރޫއުތައް ނިމުނީމަ އެމީހުންގެ އުނދަގުލެއް މިތަނަކަށް ނުޖެހެ،" އާދަމް ޝަރީފް ވިދާޅުވިއެވެ.
އާދަމް ޝަރީފް ވިދާޅުވީ ރައީސް ޔާމީނަކީ ބައިނަލްއަގްވާމީ ދުނިޔޭގައިވެސް ވަކިކަަހަލަ ހަމަތަކަކާއި މިންގަނޑުތަކެއް ގެންގުޅުއްވި ބޭފުޅެއް ކަމަށެވެ.
އޭނާ ވިދާޅުވީ ރައީސް ޔާމީން ލޯނެއް ނަންގަވާނީވެސް އެ ލޯނަކުންކުރާ މަސައްކަތަކީ ގައުމުގެ އާމްދަނީ އިތުރުވެ އިގްތިސޯދަށް އޭގެ ފައިދާކުރާ ކަމެއް ކަމުގައި ވާނަމަ ކަމަށެވެ.
"ރައީސް ޔާމީންގެ ވެރިކަމުގަ ހުޅުލޭ އެއާޕޯޓު ތަރައްގީ ކުރުމަށް ލޯނު ނެންގެވީ. އެ ލޯނު ނެގީ ރައީސަށް އެނގޭ އެއާޕޯޓު ހަދާ ނިމުނީމަ ދެން ހަމަ އޮބިނޯންނަ ވަރަށް ފައިސާ ލިބޭނެކަން،" ޝަރީފް ވިދާޅުވިއެވެ.
އާދަމް ޝަރީފް އިތުރަށް ވިދާޅުވީ ރާއްޖެ އަކީ ވަކި އުސޫލު ތަކަކާއި ހަމަތަކެއްގެ މަތީގައި ވެރިކަމުގެ ނިޒާމް ތަރުތީބު ކުރެވިފައިވާ މިނިވަން ގައުމެއް ކަމަށެވެ. އެ ތަފާތުތައް ރައީސް ޔާމީންގެ ވެރިކަމުގައި ފެނިގެން ދިޔަ ކަމަށް ވެސް އޭނާ ފާހަގަކުރެއްވިއެވެ.