17 Feb 2012, 19:49
ރާއްޖޭގައި އަމަންއަމާންކަން ގާއިމްކުރުމުގައި ސަރުކާރަށް އެއްބާރުލުން ދިނުމަށް ރާއްޖޭގެ ރައްޔިތުންނަށާއި ސިޔާސީ ފަރާތްތަކަށް ހޯމް މިނިސްޓަރު ޑރ. މުހައްމަދު ޖަމީލު އަހުމަދު އިލްތިމާސް ކުރައްވައިފި އެވެ.
ސަންއޮންލައިނަށް މިއަދު ދެއްވި އިންޓަވިއުއެއްގައި ހޯމް މިނިސްޓަރު ޑރ. ޖަމީލު ވިދާޅުވީ ރާއްޖޭގައި އަމަންއަމާންކަމާއި ސުލްހަ މަސަލަސްކަން ގާއިމްކުރުމަށް ސަރުކާރުން އޮތީ ވަރަށް ސާބިތުކަމާއެކު ކަމަށާއި އެކަމުގައި ސަރުކާރަށް އެއްބާރުލުން ދިނުމަށް ރައްޔިތުންނާއި ސިޔާސީ ފަރާތްތަކަށް ގޮވާލާ ކަމަށެވެ.
"ރާއްޖޭގެ ރައްޔިތުންނަށް ޔަގީންކަން އަރުވަން ބޭނުންވަނީ ރާއްޖޭގެ ހުރިހާ ރައްޔިތުންގެ އަމަންއާންމުކަމާއި ސުލްހަ މަސަލަސްކަން ގާއިމް ކުރުމުގައި ސަރުކާރު ވަރަށް ސާބިތުކަމާއި އެކީ ދެމިއޮތްކަން. އަމަންއަމާންކަން ގާއިމްކުރުމަށް ސަރުކާރަށް އެއްބާރުލުން ދިނުމަށް ރައްޔިތުންނާއި ސިޔާސީ ފަރާތްތަކަށް ގޮވާލަން،" ޖަމީލު ވިދާޅުވި އެވެ.
ޖަމީލު ވިދާޅުވީ މިދުވަސްވަރަކީ ވަރަށް ބޮޑު ވާދަވެރިކަމެއްގެ ތެރޭގައި ސިޔާސީ ހަރަކާތްތައް ހިންގާ ދުވަސްވަރަކަށް ވާއިރު، ގައުމީ މަސްލަހަތަށާއި އަމަންއަމާންކަމަށް އިސްކަންދީގެން ނޫނީ ރާއްޖެއަކީ ސުލްހަވެރިތަނަކަށް ނެހެދޭނެ ކަމަށެވެ.
"މިދަނޑިވަޅަކީ ވަރަށް ބޮޑު ވާދަވެރިކަމެއްގެ ތެރޭގައި ސިޔާސީ ހަރަކާތްތައް ހިންގޭ ދަނޑިވަޅަކަށް ވާއިރުގައި، ރައްޔިތުން ވަރަށް ބޮޑަށް އިސްކަމެއް ދޭން އެބަޖެހޭ ގައުމީ މަސްލަހަތަށާއި، ރާއްޖޭގެ ވެށީގެ އަމަން އަމާންކަމަށް. މިކަންކަމަށް އިސްކަމެއްދީގެން ނޫނީ ސުލްހަވެރިކަމެއް ގާއިމް ނުކުރެވޭނެ،" ޖަމީލު ވިދާޅުވި އެވެ.
މިނިސްޓަރު ޖަމީލު ވިދާޅުވީ ރައްޖޭގައި ހަމަނުޖެހުން އުފައްދައި ތަޅާފޮޅުމަށް ޖާގަ ދިނުދިނުމަކީ ރާއްޖެއަށާއި ރާއްގެއަށް އިންވެސްޓްކުރަން ތިބި ބޭރުގެ ވިޔަފާރިވެރިންނަށް ވެސް ރާއްޖެއާއި މެދު އިތުބާރު ކުޑަވެގެންދާނެ ކަމެއްކަމަށްވާތީ، ބޭރުގެ ފަރާތްތަކަށް ރާއްޖެއާއި މެދު އިތުބާރު ބޮޑުވެގެން ދާނެ ފަދަގޮތަކަށް ހުރިހާ ފަރާތަކުގެ އަމަލުތައް ބެހެއްޓުމަކީ މުހިންމުކަމެއް ކަމަށެވެ.