މޫސުން ގޯސްވާނެކަމަށް ލަފާކޮށް, ހއ. އަތޮޅުން ފެށިގެން ތ. އަތޮޅާ ހަމައަށް މިއަދު ހެނދުު ނެރުނު ރީނދޫ އެލާޓް މިރޭގެ ނިޔަލަށް ދިގުދަންމާލައިފިއެވެ.

މިއަދު ހެނދުނު 10:00 އާ ހަމައަށް ވައިޓް އެލާޓް ނެރެފައިވާ އޮތް ހއ. އަތޮޅުން ތ. އަތޮޅާ ދެމެދުގެ ސަރަހައްދުގެ އެލާޓް ލެވެލް ޔެލޯއަށް ބަދަލުކޮށްފައިވަނީ މިއަދުގެ މެންދުރުފަހު 3:00 އާ ހަމައަށެވެ.

ނަމަވެސް މެންދުރުފަހު މެޓުން ވަނީ މި އެލާޓުގެ މުއްދަތު މިރޭ 7:00 ގެ ނިޔަލަށް އިތުރުކޮށްފައެވެ.

މެޓްއިން ލަފާކުރާ ގޮތުގައި އެ ހިސާބުތަކަށް ގުގުރުމާއެކު ބޯކޮށް ވާރޭވެހި, ގަޑިއަކު 25 މޭލާއި 30 މޭލާ ދެމެދުގެ ބާރުމިނުގައި ވައިޖެހޭނެއެވެ.

އޭގެ އިތުރުން އުދައެރުމަކީވެސް އެކަށީގެންވާ ކަމެއް ކަމަށެވެ.

މި ހަފްތާގެ ބުދަ ދުވަހުން ފެށިގެން ރާއްޖެއަށް ހުޅަނގު މޫސުމުގެ ބާރު ގަދަވާނެކަމަށް މޫސުމާ ބެހޭ އިދާރާއިން ލަފާކޮށްފައިވެއެވެ. އަދި އާދީއްތަ ދުވަހާ ހަމައަށް ވިއްސާރައާއި ގަދަ ވަޔާއެކު ކަނޑުތައްވެސް ގަދަވާނެކަމަށް މެޓުން ލަފާކޮށްފައިވެއެވެ.

ހުޅަނގު މޫސުމުގެ ބާރު ގަދަވަނެކަމަށް ލަފާކުރެވޭތީ ކަނޑުދަތުރުކުރާ މީހުން ހާއްސަ ސަމާލުކަމެއް ދިނުމަށް މެޓުން އިލްތިމާސްކޮށްފައިވެއެވެ.