ބާރުގެ ބޭނުންކުރަންޖެހޭ ހާލަތްތަކުގެ ވެސް އެ ހާލަތަކަށް ބަލައި ވީހާވެސް ކުޑަ ބާރެއް ބޭނުންކުރުމަށް ޕޮލިސް ކޮމިޝަނަރު އަބްދުﷲ ރިޔާޒް ސްޕެޝަލިސްޓް އޮޕަރޭޝަންސްގެ ފުލުހުން ކިބައިން އެދިވަޑައިގެންފި އެވެ.

ފުލުހުން ބުނީ އިސްކަންދަރު ބިލްޑިންގް ގައި ރޭ ފުލުހުންނާ ސީޕީ ރިޔާޒު ބައްދަލުކޮށް ދެއްކެވި ވާހަކައިގައި ހަމަނުޖެހުންތައް ކޮންޓްރޯލްކޮށް ޤައުމުގައި އަމަން އަމާންކަން ދެމެހެއްޓުމުގައި ސްޕެޝަލިސްޓް އޮޕަރޭޝަންސް ފުލުހުންގެ މުހިއްމު ދައުރެއް އަދާކުރާކަން ފާހަގަކުރެއްވި ކަމަށެވެ. އަދި ބާރުގެ ބޭނުންކުރަންޖެހޭ ހާލަތްތަކުގައި އެ ހާލަތަކަށް ބަލައި ވިސްނުންތެރި ކަމާއެކު ވީހާ ވެސް ކުޑަ ބާރެއް ބޭނުން ކުރުމަށް ސްޕެޝަލިސްޓް އޮޕަރޭޝަންސްގެ ފުލުހުން ކިބައިން އެދިވަޑައިގެންނެވި ކަމަށެވެ.

ކިތަންމެ ނުކިޔަމަންތެރި ބަޔަކާ ކުރިމަތިލާއިރު، އެ ބައެއްގެ ޢަމަލުތައް ކޮންމެ ގޮތަކަށް ހުރިނަމަވެސް އެފަރާތްތަކާއި ރީތި ބަހުން މުޢާމަލާތްކޮށް، ސުލްހަވެރި ކަމާއެކު ހިންގާ ހަރަކާތްތައް ހިމާޔަތްކޮށް ޕްރޮފެޝަނަލް ކަމާއެކު މަސައްކަތް ކުރުމަށް ސީޕީ އެދިވަޑައިގަތް ކަމަށް ފުލުހުން ބުނެ އެވެ.

މިއަދު ހަވީރުން ފެށިގެން ކުރިއަށް ގެންދާ މުޒާހަރާގެ ކަންތައްތައް ބެލެހެއްޓުމަށް ހަރަކާތްތެރިވާ ކޮމާންޑަރުންނާ ވެސް ކޮމިޝަނާ ވަނީ ބައްދަލުކުރައްވާފަ އެވެ.

މިއަދު މެންދުރު ފަހު ފުލުހުންގެ މައިމަރުކަޒުގައި އޮތް ބައްދަލުކުރެއްވުމުގައި ވެސް ކޮމާންޑަރުންގެ ކިބައިން ސީޕީ އެދިވަޑައިގެންފައި ވަނީ ފުލުހުންގެ ހަރަކާތްތައް ޕްރޮފެޝަނަލްކޮށް ބެހެއްޓުމުގައި ހުރިހާ ކޮމާންޑަރުން ވެސް މަސައްކަތް ކޮށްދެއްވުމަށެވެ.