08 Jul 2021, 17:50
ކޮވިޑް-19 އާ ގުޅިގެން މޯލްޑިވްސް މީޑިއާ ކައުންސިލުން ދޫކޮށްފައި ވާ ފާސް އުވާލައިފި އެވެ.
އެ ކައުންސިލުން ބުނީ މާލެ ސަރަހައްދުގައި އިއުލާނު ކޮށްފައުވާ ކާފިއު އުވާލަން ސަރުކާރުން ނިންމާފައި ވާތީ، ކާފިއު ގަޑީގައި ބޭރުގައި އުޅުމަށް މީޑިއާތަކަށް ދޫކޮށްފައި ވާ ފާސް ވެސް މިއަދުން ފެށިގެން އުވާލަން ނިންމީ ކަމަށެވެ.
މިއާއެކު، އެ ކައުންސިލުން ނެރެފައިވާ "އެއްގަމު އުޅަނދުފަހަރު ދުއްވުން މަނާ ގަޑިތަކުގައާއި ބޭރަށް ނުކުތުން މަނާ ގަޑިތަކުގައި ނޫސްވެރިން ބޭނުން ކުރުމަށް މޯލްޑިވްސް މީޑިއާ ކައުންސިލުން ހާއްސަ ފާހެއް ދޫކުރުމާ ބެހޭ އުސޫލު" ވެސް މިއަދުން ފެށިގެން އުވޭނެ ކަމަށެވެ.
އެހެންކަމުން، އެ އުސޫލުގެ ދަށުން މީޑިއާ ކައުންސިލުން ދޫކޮށްފައި ވާ އެއްވެސް ފާހެއް މިއަދުން ފެށިގެން ބޭނުން ނުކުރުމަށް އެ ކައުންސިލުން އަންގާފައި ވެއެވެ.
އެ ކައުންސިލުން އިތުރަށް ބުނެފައި ވަނީ، ކުރިއަށް އޮތް ތަނުގައި ކޮވިޑް-19 ހާލަތާ ގުޅިގެން އަޅާ ފިޔަވަޅުތަކުގެ ސަބަބުން ނޫސްވެރިންނަށް ފާހެއް ބޭނުން ވެއްޖެ ނަމަ، މިހާރަށް ވުރެ ސަލާމަތީގޮތުން ރަނގަޅު ފާހެއް ދޫކުރުމަށް މަސައްކަތް ކުރާނެ ކަމަށެވެ.
އަދި މި ކަމުގައި މޯލްޑިވްސް ޕޮލިސް ސާވިސްގެ އެހީތެރިކަން ވެސް ހޯދާނެ ކަމަށް އެ ކައުންސިލުން ބުނެއެވެ.