08 Jul 2021, 18:28
ޓޯކިޔޯ (ޖުލައި 8): ޖަޕާނުގެ ވެރިރަށް ޓޯކިޔޯގައި އަންނަ ހޯމަ ދުވަހު ކުއްލި ނުރައްކަލުގެ ހާލަތު އިއުލާންކޮށް، އޮލިމްޕިކް ގޭމްސް ނިމެންދެން އެ ހާލަތު ދަމަހައްޓަން އެގައުމުން ނިންމައިފި އެވެ.
ޖަޕާނުގެ ބޮޑުވަޒީރު ޔޮޝިހިދޭ ސުގާ ވިދާޅުވި ގޮތުގައި ޓޯކިޔޯގައި ކުއްލި ހާލަތު އިއުލާން ކުރަން ސަރުކާރުން ނިންމީ ކޮވިޑް-19އިގެ އާ ވޭރިއެންޓުތައް ފެތުރުމުގެ ބިރު އޮތުމުން ބަލި ކޮންޓްރޯލް ކުރުމަށްޓަކަ އެވެ. އަދި ގައުމުގެ އެހެން ސަރަހައްދުތަކަށް ބަލި ނުފެތުރޭނެ ގޮތަށް ފިޔަވަޅު އެޅުމަށެވެ.
"ކޮރޯނާވައިރަހުގެ ވޭރިއެންޓުތައް ފެތުރޭ ގޮތް ބެލުމަށް ފަހު، ގައުމުގެ އެހެން ސަރަހައްދުތަކަށް ބަލި ފެތުރުން ހުއްޓުވުމަށްޓަކައި އަޅުގަނޑުމެން އެބަ ޖެހޭ ފިޔަވަޅުތައް ހަރުދަނާ ކުރަން. މިހާރު ހާލަތު އޮތް ގޮތުން އަޅުގަނޑުމެން ޓޯކިޔޯގައި ކުއްލި ހާލަތު އިއުލާން ކުރާނަން،" ސުގާ ވިދާޅުވި އެވެ.
ޓޯކިޔޯގައި އޮލިމްޕިކް ގޭމްސް އޮންނާނީ 23 ޖުލައި އިން އަންނަ މަހުގެ އަށެކަށެވެ. އަދި ކުއްލި ހާލަތު އުވާލާނީ އަންނަ މަހުގެ 22ގައި ކަމަށް ސުގާ ވިދާޅުވި އެވެ.
ޖަޕާނުގައި މިދިޔަ މަހުގެ ފަހުކޮޅުން ފެށިގެން ކޮވިޑްގެ ކޭސްތައް ވަނީ އިތުރު ވާން ފަށާފަ އެވެ. އެގޮތުން ކޭސްތައް އެންމެ ގިނައިން ފެންނަނީ ޓޯކިޔޯ އާއި އޮސާކާއިންނެވެ.
ޖަޕާނުން އިއްޔެ 2،180 ކޮވިޑް ކޭސް ރިޕޯޓު ކުރި އޭގެ ތެރެއިން 920 މީހުން ޕޮޒިޓިވްވީ ޓޯކިޔޯއިންނެވެ. އެއީ މެއި 13އިގެ ފަހުން ޓޯކިޔޯގެ ކޭސްތައް އެހާ ވަރަށް އިތުރުވި ފުރަތަމަ ފަހަރެވެ.
ކޮވިޑް ބަލިމަޑުކަމުގެ ސަބަބުން ޖަޕާނުގެ ބައެއް މީހުން ވަނީ އޮލިމްޕިކް ގޭމްސް ފަސް ކުރަން ނުވަތަ ކެންސަލް ކުރަން ގޮވާލާފަ އެވެ.