ކޭޕް ޓައުން (ޖުލައި 8): ދެކުނު އެފްރިކާގެ ކުރީގެ ރައީސް ޖެކަބް ޒޫމާ 15 މަހަށް ޖަލަށް ލާން އެގައުމުގެ ދުސްތޫރީ ކޯޓުން ހުކުމް ކުރުމުން، ފުލުހުންނާ ހަވާލުވާން ފުރަތަމަ ދެކޮޅު ހެއްދެވި ޒޫމާ އަމާން ދެއްވައިފި އެވެ.

ދެކުނު އެފްރިކާގެ ފުލުހުންގެ ތަރުޖަމާނު ލިރަންޒޫ ތެމްބާ ވިދާޅުވި ގޮތުގައި އެގައުމުގެ އެންމެ މަތީ ކޯޓުން މިދިޔަ ހަފްތާގައި ކުރި އަމުރާ އެއްގޮތަށް އިއްޔެ ޒޫމާ ވަނީ ފުލުހުންނާ ހަވާލުވެފަ އެވެ. އަދި 'ޖެކަބް ޒޫމާ ފައުންޑޭޝަނުން'ވެސް ވަނީ އެކަން ކަށަވަރުކޮށްދީފަ އެވެ.

ޒޫމާ ޖަލަށް ލާން ހުކުމް ކުރީ އޭނާ ވެރިކަމުގައި ހުންނެވި އިރު ހިނގިކަމަށް ބެލެވޭ ކޮރަޕްޝަނުގެ މައްސަލައެއްގައި ތަހުގީގަށް ހާޒިރުވާން ދެކޮޅު ހެދުމުން، ކޯޓުގެ ހުރުމަތް ކެނޑިކަމަށް ސާބިތުވުމުންނެވެ.

ޒޫމާ ޖަލަށް ލާން ހުކުމް ކުރުމުން އޭނާ ދުސްތޫރީ ކޯޓުގެ ފަނޑިޔާރުންނަށް ފާޑު ވިދާޅުވި އެވެ. އަދި އޭނާ ހައްޔަރު ކުރުން ހުއްޓުވުމަށްޓަކައި ޒޫމާއަށް ތާއިދު ކުރާ މީހުން އޭނާގެ ގެކޮޅު ކައިރީގައި ފޯރިމަރަން އެއްވި އެވެ.

ދެހާސް ނަވާރަ ވަނަ އަހަރުގެ އޭޕްރިލް މަހު ޒޫމާގެ މައްޗަށް ވަނީ ކޮރަޕްޝަނާ ގުޅުން ހުރި 16 ދައުވާއެއް އުފުލައިފަ އެވެ. އެއީ 1990ގެ އަހަރުތަކުގައި ޒޫމާ ނައިބު ރައީސްގެ ގޮތުގައި ހުންނެވި އިރު ސަރުކާރުން ހަތިޔާރު ގަތުމަށް ހެދި އެއްބަސްވުމެއްގައި ރިޝްވަތު ނެންގެވުމުގެ ތުހުމަތުގައި އެވެ.

މީގެ އިތުރުން، ޒޫމާ 2009 އިން 2018 އަށް ވެރިކަމުގައި ހުންނެވި އިރު އޭނާއާ ގާތް ވިޔަފާރިވެރިންނަށް ދައުލަތުގެ ފައިސާ ބޭނުން ކުރުމަށާއި ގައުމުގެ ސިޔާސަތުތަކަށް ނުފޫޒު ފޯރުވަން ފުރުސަތު ދިން ކަމުގެ ތުހުމަތުވެސް އޭނާގެ މައްޗަށް ކޮށްފައިވެ އެވެ.

ޒޫމާ ވަނީ އޭނާގެ މައްޗަށް ކޮށްފައިވާ ކޮރަޕްޝަނުގެ ތުހުމަތުތައް ދޮގު ކުރައްވާފަ އެވެ.