ނަފްރަތުގެ ބިލަކީ ދީން ނިކަމެތިކުރުމަށް ދޭ ހިތްވަރެއްކަމަށް އިދިކޮޅު ޕްރޮގްރެސިވް ކޮންގްރެސް ކޯލިޝަނުން ބުނެފިއެވެ.

އިދިކޮޅު ކޯލިޝަނުން މިހެން ބުނެފައިވަނީ މިއަދު އެ ކޯލިޝަނުން އާންމުކުރި ނޫސް ބަޔާނެއްގައެވެ.

އިދިކޮޅު ކޯލިޝަނުން ބުނީ ދިވެހިރާއްޖެއަކީ ސައްތައިން ސައްތަ އިސްލާމީ ގައުމެއް ކަމަށެވެ. އަދި ގައުމުގެ އެންމެ މަތިވެރި ރައުސުލްމާލަކީވެސް އިސްލާމްދީނާއި ޒަމާނުއްސުރެ ރާއްޖޭގައި އޮތް އިސްލާމީ ވަހުދަތުކަމުގައެވެ.

މީގެ އިތުރުން އިސްލާމްދީނުގެ ސިފަތަކަކީ ދިވެހިން ޒަމާނުއްސުރެ ފެށިގެން ބަލައިގެންފައިވާ ސިފަތަކެއްކަމަށާއި އަދި މިހާރު ފާސްކުރުމަށް އަމާޒު ހިފައިފަވާ ނަފްރަތުގެ ބިލަކީ ރާއްޖޭގެ އިސްލާމީ މުޖުތަމައުއަށް އެކަށޭނަ ބިލެއް ނޫންކަމުގައެވެ.

އަދި މި ބިލުގެ ސަބަބުން މުޖުތަމައު އިތުރަށް ބައިބައިވެގެން ދާނެކަމަށާއި ރައްޔިތުންގެ މެދުގައި ނަފުރަތު އުފެދިގެން ދާނެކަމަށެވެ.

އަދި ހަމަ އެއާއެކު މިއީ ގައުމު އިތުރަށް ފަސާދުކުރުމަށް ދޭ ފުރުސަތެއްގެ ގޮތުގައިވެސް އިދިކޮޅު ކޯލިޝަނުން ނަފްރަތުގެ ބިލު ވަނީ ސިފަކޮށްފައެވެ.

"ޕްރޮގްރެސިވް ކޮންގްރެސް ކޯލިޝަނުން އަބަދުވެސް ވަކާލާތު ކުރަނީ ދިވެހިންގެ ގައުމިއްޔަތާއި ސިޔާދަތާއި މިނިވަންކަމުގެ ދިފާއުގައެވެ. މި ކޯލިޝަނުން އަބަދުވެސް މަސައްކަތްކުރާނީ ދިވެހިން އުންމީދުކުރާ ފަދަ ފާގަތި މުސްތަގުބަލެއް ހޯދައިދިނުމަށެވެ," އިދިކޮޅު ކޯލިޝަންގެ ބަޔާނުގައި ބުންޏެވެ.

މީގެ އިތުރުންވެސް އެ ކޯލިޝަނުން ބުނީ ރާއްޖޭގައި ހަރުކަށި ފިކުރު އިތުރުވަނީ ގާނޫނާއި ގަވާއިދު ނެތިގެން ނޫން ކަމަށާއި ހެދިފައިވާ ގާނޫނުތަކާއި ގަވާއިދުތައް ތަންފީޒު ނުކުރެވޭތީ ކަމަށެވެ.

ރައްޔިތުންގެ މަޖިލީހުން ފާސްކުރުމަށް އަމާޒު ހިފައިފައިވާ ނަފުރަތުގެ ކުށް ކަނޑައަޅާ ބިލާ ދެކޮޅަށް ސޯޝަލް މީޑިއާގައިވެސް ގިނަ އަދަދެއްގެ އާންމު ރައްޔިތުން އަންނަނީ ހިޔާލް ފާޅުކުރަމުންނެވެ.

މި ބިލާ ދެކޮޅަށް ރާއްޖޭގެ 122 އަށް ވުރެ ގިނަ ކައުންސިލުންނާއި 106 ޖަމިއްޔާއެއްގެ އިތުރުން ގިނަ އަދަދެއްގެ އިލްމުވެރިންވެސް ވަނީ ކަންބޮޑުވުން ފާޅުކޮށްފައެވެ.