17 Feb 2012, 16:55
ރާއްޖޭގައި އަވަހަށް ރިޔާސީ އިންތިހާބެއް ބާއްވަން އެކަށީގެންވާ ފަދަ މާހައުލެއް ގާއިމް ކުރުމަށް ހިތްވަރު ދިނުމަށް އެމްޑީޕީ އޮތީ ތައްޔާރަށް ކަމަށާއި އެގޮތުން އެ ޕާޓީން މިއަދު ބާއްވާ މުޒާހަރާ އާ މެދު އަލުން ވިސްނާފައިވާކަން އެނގިވަޑައިގަންނަވާ ކަމަށް އިންޑިޔާގެ ފޮރިން ސެކްރެޓަރީ ރަންޖަން މަތާއީ އިއްޔެ ވިދާޅުވެއްޖެ އެވެ.
ރާއްޖެ ވަޑައިގެން ސަރުކާރާއި ސިޔާސީ ޕާޓީތަކުގެ ވެރިންނާ އެކު މަޝްވަރާތައް ބޭއްވުމަށް ފަހު އިއްޔެ ނޫސްވެރިންނާ ވާހަކަ ދައްކަވަމުން މަތާއީ ވިދާޅުވެފައި ސަލާމަތާއި ރައްކާތެރިކަމާއި ހަމަޖެހުން ކަށަވަރު ކުރުމަށް ރާއްޖޭގެ ސިޔާސީ ޕާޓީތަކުން އެއްވެ، މަޝްވަރާކުރުމުގެ ފުރުސަތު އެބަ އޮތް ކަމަށެވެ.
އަދި އެއީ ޑިމޮކްރެޓިކް އިސްލާހުތައް ރާއްޖެއަށް ގެނައުމުގެ މަސައްކަތް ނުހުއްޓި ކުރިއަށް ގެންދިއުމަށާއި ގާނޫނު އަސާސީ ނަގަހައްޓައި، ގާނޫނާއި ގަވާއިދާ އެއްގޮތަށް އަދި އިންސާނީ ހައްގުތަކުގެ އުސޫލުތަކާ އެއްގޮތަށް ރާއްޖެ ހިންގުމަށް އޮތް ފުރުސަތެއް ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.
އަދި ވިދާޅުވީ ރާއްޖޭގެ މުސްތަގުބަލަށް ހިޔަނި އެޅޭ ފަދަ ގޮތަކަށް ރާއްޖޭގެ އިގުތިސާދީ ތަރައްގީއަށް މިކަމުގެ އަސަރު ކުރިޔަ ނުދިނުމަށް ވެސް އޮތް ފުރުސަތެއް ކަމަށެވެ.
ސިޔާސީ ޕާޓީތަކުން މަޝްވަރާކޮށްގެން ރާއްޖޭގައި އުފެދިފައި އޮތް ސިޔާސީ ހަމަނުޖެހުންތައް ހުއްޓުވުމަށް ކުރެވިދާނެ ހަތް ކަމެއް ވެސް މަތާއީ ވަނީ ފާހަކުރައްވާފަ އެވެ.
"ސުލްހަ މަސަލަތްކަމުގެ ދުވަސްތަކެއް އަންނާނެ ކަން ހުރިހާ ފަރާތަކުން ވެސް ކަށަވަރު ކުރަން ވާނެ، އެއީ ސިޔާސީ ޕާޓީތަކުގެ މެދުގައި މަޝްވަރާތައް އިތުރަށް ކުރިއަށް ގެންދިއުމަށް، ވާހަކަދެއްކުމާއި ސުލްހަވެރި ގޮތްތަކުން ނޫން ގޮތަކަށް ސިޔާސީ މަގުސަދުތައް ހާސިލްކުރަން މަސައްކަތް ނުކުރުމަށް ހުރިހާ ލީޑަރުން ވެސް އެމީހުންނަށް ތާއީދުކުރާ ފަރާތްތަކަށް ގޮވާލަން ވާނެ،" އިއްޔެގެ ނޫސްކޮންފަރެންސްގައި މަތާއީ ދެއްވި ބަޔާނުގައިވެ އެވެ.