ދުބާއީގެ ޖަބަލް އަލީ ޕޯޓްގައި އޮތް ކޮންޓެއިނަރު ބޯޓެއްގައި އަލިފާނުގެ ހާދިސާއެއް ހިނގައި, ބާރުގަދަ ގޮވުމެއް ގޮވައިފިއެވެ.

ދުބާއީގެ އެންމެ ބޮޑު ކަނޑުގެ ބަނދަރުގައި ހިނގި މި ބާރުގަދަ ގޮވުމާއެކު ބޮޑު އަލިފާންގުޅައެއްވެސް އުފެދުނެވެ. މި ގޮވުމުގެ އަޑު ގާތްގަނޑަކަށް 25 ކިލޯމީޓަރު ދުރަށް އިވުނު ކަމަށާއި އޭގެ ޝޮކްވޭވްގެ ސަބަބުން ގިނަ އިމާރާތްތަކަށް ލޮޅުން އެރިކަމަށް "ދަ ގާޑިއަން" ނޫހުން ރިޕޯޓުކުރެއެވެ.

ޖަބަލް ޕޯޓުގައި މި ގޮވުން ގޮވާފައިވަނީ ދުބާއީ ގަޑިން ރޭ 11:45 ހާއިރުއެވެ. އަދި އޭގެ ދެ ގަޑިއިރެއްހާ ވަގުތު ފަހުން އަލިފާންގަނޑު ކޮންޓްރޯލް ކުރެވިފައިވާކަމަށް ދުބާއީގެ ކަމާބެހޭ އިދާރާތަކުން ބުންޏެވެ.

”ޖަބަލް އަލީ ޕޯޓުގައި އޮތް ކޮންޓެއިނަރު ބޯޓެއްގައި ގޮވި ގޮވުމާއެކު ފެތުރިފައިވާ އަލިފާންގަނޑު މިހާރުވަނީ ކޮންޓްރޯލްކުރެވިފަ. އެއްވެސް އަނިޔާއެއް ލިބިގެން މީހަކު ރިޕޯޓްކޮށްފައެއް ނުވޭ" ދުބާއީ މީޑިއާ އޮފީހުން ބުނެފައިވެއެވެ.

ހާދިސާ ހިނގިކަމުގައި ވީނަމަވެސް މި ޕޯޓުގެ އޮޕަރޭޝަންތަކަށް ބުރުލެއް ނާންނާނެހެން ކަންކަން ކުރުމަށް ދަނީ މަސައްކަތް ކުރަމުންނެވެ.

"އަހަރަމެން މިދަނީ ބޯޓުތަކުގެ މޫވްމަންޓަށް ބުރުލެއް ނާންނާނެހެން ކަންކަން ކުރުމަށް އެޅެންހުރި ހުރިހާ ފިޔަވަޅެއް އަޅަމުން" ޕޯޓު އޮފިޝަލެއް ބުންޏެވެ.

ދުބާއީގެ ޖަބަލް އަލީ ޕޯޓަކީ ދުނިޔޭގެ އެންމެ ބޮޑު ކަނޑުގެ ބަނދަރެވެ. އަދި ނުވަވަނައަށް ދުނިޔޭގެ އެންމެ ބިޒީ ބަނދަރެވެ.

ދުބާއީގެ ޖަބަލް އަލީ ޕޯޓަކީ މެދުއިރުމަތީގެ ސަރަހައްދުގެ އިތުރުން ދުބާއީގައިވެސް އޮތް އެންމެ ބާރުބޮޑު އެއް ޕޯޓެވެ. އަދި މިއީ ދުނިޔޭގެ ވިޔަފާރިއާ ގުޅިފައިވާ މުހިންމު ބަނދަރެކެވެ. އެ ބަނދަރު ހިންގަނީ ޑީޕީ ވޯލްޑުންނެވެ.