08 Jul 2021, 01:02
ގެވެށި އަނިޔާއިން ރައްކާތެރިވުމަށްޓަކައި، ބަދަހި ގެވެށި ގުޅުމެއް އޮތުން މުހިންމު ކަމަށާ އެހެންކަމުން އެފަދަ ގުޅުމެއް ބިނާ ކުރުމަށް ދިމާވާ މައްސަލަތައް ހައްލު ކުރުމުގެ ހުނަރު ދެ ޖިންސުގެ މީހުންނަށް އެނގުން މުހިއްމު ކަމުގައި ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން ފަޒްނާ އަހްމަދު ވިދާޅުވެއްޖެއެވެ.
އެކަމަނާ މިހެން ވިދާޅުވީ ރައްކާތެރިވެފައިވާ މާހައުލެއް ބިނާކުރުމަށް މީހުން ހޭލުންތެރިކުރުމުގެ މަގްސަދުގައި (ޔޫއެންއެޕްޕީއޭ) އާ ގުޅިގެން ޖެންޑާ މިނިސްޓްރީން ތައްޔާރުކޮށް ސިލްސިލާ ގޮތެއްގައި ގެނެސްދެމުންދިޔަ ގެވެށި ގުޅުން "ސާސްތްރަ" ޕްރޮގްރާމްގެ އެންމެ ފަހު އެޕިސޯޑުގައި މިރޭ ދެއްވި ވީޑިއޯ މެސެޖުގައި ވާހަކަފުޅު ދައްކަވަމުންނެވެ.
އެކަމަނާ ވިދާޅުވީ މީޑިއާތަކުން ގެނެސްދޭ ބައެއް އިޝްތިހާރު ތަކުން ގޭތެރޭގެ މައްސަލަތައް ފާހަގަވާގޮތަށް އިޝްތިހާރު ގެނެސްދިނުމުގެ ބަދަލުގައި ގޭތެރޭގައި މީހުން މުއާމަލާތްކުރާ ރަނގަޅުގޮތްތަކާއި، ރަނގަޅު އާދަތައް އިޝްތިހާރު ތަކުން ވެސް ދައްކައި އެއް މެސެޖެއް މުޖުތަމަޢަށް ފޯރުކޮށްދިނުމުގެ މުހިންމުކަން ފާހަގަ ކުރައްވާފައެވެ.
ހަމަ އެއާއެކު އަޅުގަނޑުމެން އުޅެމުން އަންނަ އަވަދިނެތި ކަމުގެ ތެރެއިން އާއިލާއަށް ވަގުތުކޮޅެއް ދިނުން މުހިންމު ކަމުގައި އެކަމަނާ ވިދާޅުވިއެވެ.
"އަޅުގަނޑުމެން އުޅެމުން އަންނަ އަވަދިނެތި ކަމުގެ ތެރެއިން އާއިލާއަށް ވަގުތުކޮޅެއް ދިނުން މުހިންމު. އަދި އެފަދަ ވަގުތު ތަކުގައި ފޯނާ ދުރުވެ، އެކުވެރިކަމާއިއެކު ގޭތެރޭގެ ކަންކަން އިންތިޒާމްކޮށް އަމަލުތައް ހެޔޮގޮތުގައި ބަހައްޓާނަމަ މުޖުތަމައު ތެރޭގައި އުޅޭއިރުވެސް އެ ރީތި އާދަތައް މި ގޮތަށް ހުރުން ގާތް،" ފަޒްނާ ވިދާޅުވިއެވެ.
ފަޒްނާ އަހްމަދުގެ ވާހަކފުޅުގައި ވަނީ ގޭތެރޭގައި އެކަކު އަނެކަކާ މުޢާމަލާތް ކުރާއިރު، ލޯތްބާއި އިހްތިރާމާއެކީ މައިންބަފައިން ވާހަކަ ދެއްކުމަށް ބާރު އަޅުއްވާފައެވެ
އެކަމަނާ ވިދާޅުވީ އެކަމުގެ ސަަބަބުން ދަރިންނަށް ރައްކާތެރިކަމާ އަމާންކަން އިހުސާސްވޭނެ ކަމަށެވެ.
އަދި ހަމަ އެއާއެކު ކުދިންގެ ނުވަތަ ބޮޑެތިމީހުންގެވެސް އަމަލެއް ބަދަލުކުރުމަށް މަސައްކަތްކުރާއިރު ފައްސި ބަސް ބޭނުންކުރުމަށް ސަމާލުކަންދިނުމަށް އެކަމަނާ ވަނީ ބާރުއަޅުއްވާފައެވެ. އަދި އެކަމުގެ ސަބަބުން އެ ޢަމަލު ބަދަލުކުރަން ފަސޭހަވާނެކަމަށް އެކަމަނާގެ މެސެޖުގައި ފާހަގަކުރައްވައިފައިވެއެވެ.
ސާސްތުރަ ޕްރޮގްރާމާ ގުޅޭގޮތުން ވިދާޅުވީ މި ސިލްސިލާތަކުން އެކަމަނާއަށް ފާހަގަވި އެއްކަމަކީ ގެވެށި އަނިޔާއިން ރައްކާތެރިވުމަށްޓަކައި، ބަދަހި ގެވެށި ގުޅުމެއް އޮތުން މުހިންމުކަމުގައެވެ.
އެހެންކަމުން ބަދަހި ގެވެށި ގުޅުމެއް ބިނާކުރުމަށްޓަކައި، ދިމާވާ މައްސަލަތައް ހައްލުކުރުމުގެ ހުނަރު އަންހެނުންނަށާ ފިރިހެނުންނަށް އެނގުން މުހިންމުކަމުގައި އެކަމަނާ ފާހަގަކުރެއްވެވިއެވެ.
އެކަމަނާގެ މެސެޖް ނިންމަވާލެއްވުމުގެ ގޮތުން ފާހަގަ ކުރައްވާފައިވަނީ ގެވެށި އަނިޔާގެ ޝިކާރައަކަށް ވާ މީހުންނަށް އެކަމުން އަރައިގަނެވޭނެ ގޮތްތަކެއް ހޯދައިދިނުމުގެ މައްޗަށެވެ.
އެގޮތުން އެކަމަނާ ވަނީ މިނިސްޓްރީގެ ހޮޓްލައިނަށް ގުޅުމުން އެކަމުން އަރައިގަތުމަށްޓަކައި ބޭނުންވާ މައުލޫމާތު ލިބޭނެ މަގުފަހިކޮށްދިނުން މުހިންމު ކަމުގައި ފާހަގަ ކުރައްވާފައެވެ.
"މިސާލަކަށް ދަރިފުޅަށް ޚަރަދު ނުދިނުމުން ދާންވީ ކޮންތާކަށްތޯ ފުރަންވީ ކޮންފޯމެއްތޯ، ފޯމް ފުރަންވީ ކިހިނެތްތޯ ނޫންނަމަ ޖިންސީ ގޯނާ ނޫނީ ރޭޕްގެ މައްސަލައެއް ނަމަ ފުލުސް އޮފީހުންނާ ހޮސްޕިޓަލުން އަމަލު ކުރަން އޮންނަނީ ކިހިނެއްތޯ، މިފަދަ މަޢުލޫމާތު މީހުންނަށް އެނގި ސަޕޯޓް ސިސްޓަމް ވަރުގަދަ ކުރެވިއްޖެނަމަ އެމީހުން ބާރުވެރިވުމުގެ ފުރުސަތު ބޮޑުވާނެކަމަށް ތަޖުރިބާކާރުން ބުނޭ،" ފަޒްނާ ވިދާޅުވިއެވެ.
ފަޒްނާ އަހްމަދު ވިދާޅުވީ މި ހުރިހާ ކަމަކީ މިނިސްޓްރީން އެކަނި ކުރެވޭނެ ކަމެއްކަމަށް ގަބޫލުފުޅު ނުކުރެއްވޭ ކަމަށާ ރަށު ކައުންސިލްތަކާ، ޖަމިއްޔާ ޖަމާއަތްތަކުން ވެސް މިފަދަ މައުލޫމާތު ފޯރުކޮށްދީ އެހީތެރިވުން މުހިންމު ކަމުގައި އެކަމަނާ ދެކިވަޑައިގަންނަވާ ކަމަށެވެ.