07 Jul 2021, 23:59
އުމުރުން 18 އަހަރުން ދަށުގެ، ވެކްސިން ނުޖެހޭ ކުދިންނަށްވެސް ނެގެޓިވް ޕީސީއާރް ޓެސްޓަކާ އެކު ދަތުރު ކުރެވޭނެ ކަމަށް ރައީސް އޮފީހުގެ ތަރުޖަމާނު މުހައްމަދު މަބްރޫކް އަޒީޒް ވިދާޅުވެއްޖެ އެވެ.
މަބްރޫކް ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ، ކޮވިޑް-19 އިން ދިފާއު ވުމަށްޓަކައި ޖަހާ ވެކްސިންގެ ދެ ޑޯޒް ފުރިހަމަ ކޮށް، 14 ދުވަސް ވެފައިވާ ފަރާތްތަކަށް، މޮނިޓަރިންގެ ހާލަތުގައި ނެތް ރަށަކަށް ދަތުރު ކުރެވޭނެ ކަމަށާއި ނަމަވެސް ނެގެޓިވް ޕީސީއާރް ޓެސްޓެއް އޮންނަން ވާނެ ކަމަށެވެ.
އެގޮތުން މިހާރު މާލޭގެ ހާލަތު އޮތް ގޮތަށް ފަސް ޕަސެންޓަށް ވުރެ ދަށުގައި ޕޮޒިޓިވިޓީ ރޭޓް ހުންނަ ނަަމަ، އެ ދުވަސްވަރެއްގައި ނެގެޓިވް ޕީސީއާރު ޓެސްޓަކާ އެކީގައި މާލެއިން ރަށްރަށަށް ކަރަންޓީނަކާ ނުލައި ދެވޭނެ ކަަމަށް ވިދާޅުވިއެވެ. އެ ފަރާތްތަކަކީވެސް ދެ ޑޯޒް ވެކްސިން ފުރިހަމަކޮށްފައިވާ ފަރާތްތަކަށް ވާންޖެހެއެވެ.
އެހެންނަމަވެސް ޕޮޒިޓިވިޓީ ރޭޓް ފަސް ޕަސެންޓާ 10 ޕަސެންޓާ ދޭތެރޭގައި ހުންނަ ކަމުގައި ވާނަމަ މާލެއިން ރަށްރަށަށް ދަތުރުކުރާ ފަރާތްތަކުން ހަތް ދުވަހުގެ ކަރަންޓީނެއް ފުރިހަމަކުރަންޖެހޭނެ ކަމަށް މަބްރޫކް ވިދާޅުވިއެވެ. އަދި ހަތް ދުވަހަށްފަހު ރިލީޒް ސާމްޕަލް އެއް ނަގަންޖެހެއެވެ.
އޭގެ އިތުރުން 10 ޕަސެންޓަށްވުރެ މަތީގައި ޕޮޒިޓިވިޓީ ޕަސެންޓު ހުރި ނަމަ، ހަމަ މިހާރެކޭވެސް އެއްފަދައިން 14 ދުވަހުގެ ކަރަންޓީނު ފުރިހަމަކުރަންޖެހޭނެ ކަމަށާއި އެއަށްފަހު ރިލީޒް ސާމްޕަލް ނަގަންޖެހޭނެ ކަަމަށް މަބްރޫކް ވިދާޅުވިއެވެ.