17 Feb 2012, 16:52
ކުޑައިރު، ޅައިރު އެހާ ގިނައިން ކެވުނު ކެއުމަކަށްވީތީ ނޫންކަމެއް ނޭނގެއެވެ. މަސްފެނާއި ފުށްބަތް އަދިވެސް ހަމަ ވަރަށް މީރެވެ. އެރޭވެސް އެހާމީރުކޮށް ކައިގެން ނިކުމެ ޖޯލިފަތީގައި ތިބެގެން އެއްމެން އެއްމެނާ ދެއްކީ މަސްފެނާއި ފުށްބަތުގެ ވާހަކައެވެ. މަޖަލާއި ފޯރީގައި ތިއްބާ އެގާރަގަޑިބައި ވުމުން ނިންމާލީއެވެ. އެއްމެން ދިޔައިމަ އަހަރެންވެސް ގޭތެރެއަށް ވަނީއެވެ.
އަހަންނަށް ހޭލެވުނީ ބަޑިޖަހާ އަޑަށެވެ. މަޝްހޫރު ނޮވެމްބަރު ތިނެއްގައި އިވުނުހެން މެދުކެނޑެމުން މަދުމަދުންނެއްނޫނެވެ. ފިސާރި ފޯރީގައެވެ. ޓީވީ ހުޅުވާލިއިރު އެއްވެސް ޗެނެލަކުން މަންޒަރެއް، އަޑެއް ނާދެއެވެ. ރޭޑިޔޯވެސް ހަމަ އެހެންނެވެ. ފޯނު ރަނގަބީލުވީމާ ނެގިއިރު ސިފައިންގެ ތެރޭގައި އުޅޭ ރައްޓެއްސެކެވެ. އޭނަގެފަރާތުން ހަބަރުދަބަރު އޮޅުން ފިލިއިރު ކަމަކުދާކަށްނެތެވެ. ސިފައިންގެތެރޭގައި ޕާޓީ ފޯރި ހުޅުފެޅީއެވެ. ހަތިޔާރުގުދަން "ހޭއަރުވާލައި" ބަޑިތަކާއި ފިސްތޯލަތައް އިދިކޮޅުމީހުންނަށްވެސް ލިބުނީއެވެ. ހަމީހުން މަރުވެ ވަރަށް ގިނަބައަކު ޒަހަމްވެއްޖެ ކަމަށްވެއެވެ.
އެވަގުތު ދެންއިވުނީ މަގުމަތިން އަޑުގަދަކުރަމުން ގޮވާއަޑެވެ. އަހަރެމެންގެ ހަނގުރާމަ މިހާރު ފަށައިފި ކަމަށާއި އެއްމެން މިކަމުގައި ބައިވެރިވާން ޖުމްހޫރީ މައިދާނަށް ދާން ގޮވަނީއެވެ. ފޯނު ކަނޑާލާފައި އަހަރެންވެސް ނިކުތީ ބޭރަށެވެ. ދާނަމޭ ހިތައެވެ. އެކަމަކު ފަހުން ނިންމީ ނުދާށެވެ. ވެރިކަމާހެދި މަރުވެ ހަލާކުވާން ބޭނުން ނުވާތީއެވެ. އޭރު ފަތިސްވަނީއެވެ. ބަޑީގެ އަޑު ފަށްގަނޑު ހިސާބަކަށް މަޑުވެސް ވެލައިފިއެވެ.
ވެއަތުވި ހަތަރުދުވަހު ހިނގާދިއަ ލޭއޮހޮރުވުމާއި ތަޅާފޮޅުމުގައި މުޅި ސަރުކާރު ވަނީ ހުއްޓުމަކަށް އައިސްފައެވެ. ފުލުހުންނާއި ސިފައިންގެ ތެރޭގައިވެސް އޮތީ ދެކޮޅުވެރިކަމާއި ދުޝްމިނުކަން އިންތިހާއަށް އަރާފައެވެ. އިމާރާތްތަކުގެ އެކިބުރިބުރި ވަނީ އަނެއްބައިގެ މީހުންނަށް ވައިވެސް ނޭޅެވޭ ވަރުގައެވެ. ތަޅަތަޅައިގަތުމާއި އަލިފާން ރޯކުރުން އާއްމުކަމަކަށް ވެފައެވެ. މާލެއިން ފެށުނު މި ހަމަނުޖެހުން ރާއްޖޭގެ ވަރަށް ގިނަ ރަށްތަކަކަށް ވަނީ ފޯރާފައެވެ. ސިފައިންނާއި ފުލުހުންގެ ސަބަބުން އައްޑު އަތޮޅު އޮތީ ވަރަށް ހަމަހިމޭން ކޮންނެވެ. އިމާރާތްތަކަށާއި ތަކެއްޗަށް ލިބެމުންދާ ބޮޑެތި ގެއްލުންތަކުގެ ސަބަބުން މާލޭގައިވެސް އެކި ހިސާބުތަކުންވަނީ ކަރަންޓު ކެނޑިފައެވެ. ރާއްޖެތެރޭގެ ބައެއް ރަށްރަށުގައި ތިބެނީ އަނދިރީގައެވެ. ފޯނުތަކުން ގުޅެނީ ހިތަށް އަރާ ފަހަރަކުއެވެ. ވައްކަން ކުރުމާއި ލޫޓުވާލުން މުޅި ހުރިހާ ހިސާބަކަށް އޮތީ ފެތުރި އާއްމުވެފައެވެ.
ކުރިއަރަމުން ތަރައްގީވަމުން އައި އައުން އެއްމެ ހަތަރު ދުވަހުގެ ތެރޭގައި މުޅިން ނެތިގެން ދިއައީއެވެ. ބޭރުގައުމުތަކުގެ މަތިންދާބޯޓުފަހަރު އައިސް ހުރިހާ ފަތުރުވެރިން ގެންގޮސް ނިމިއްޖެއެވެ. މަސްވެރި ހުރިހާ އުޅަނދުފަހަރު ފަޅުގައެވެ. މަނަވަރެއް އައިސް، ބަނދަރު ނުކުރަނީސް ހަތަރު ހެލިކޮޕްޓަރުގައި ސިފައިން ލޮނުޒިޔާރަތްކޮޅަށް ފައިބައިފިއެވެ. އަޑުގަދަކޮށް އިންޒާރުދެމުން ދިއައީ އެންމެން ގޭގެއަށް ވަނުމަށެވެ. މަގުމަތިން އެކަކުވެސް ފެނިގެން ނުވާނެކަމަށާއި އެމީހުން މިއައީ މިތަން އަމާންކޮށް ހަމައަކަށް އަޅުވަންކަމުގައެވެ. ފުރަތަމަ ހިސާބަކަށް ބަޑީގެ އަޑު އިވުނެވެ. އެ އަމުރަށް ކިއަމަންނުވެ މަގުމަތިން ފެނުނު މީސްމީހުން "މައިތިރި" ކުރިއަޑެވެ.
މެންދުރުވީ އިރު ސިފައިންގޭގައި ސަލާމަތުން ތިބި މީހުނާއިއެކު ބައްދަލުވުމެއް އޮތެވެ. ހަވީރު އަތަށް އަޅައިގެން އައިއިރު އިތުރު ސިފައިން އައިސް މުޅި މާލެތެރެ ހަމައަކަށް އަޅުވައި ގޭބަންދުވެސް ފިލުވައިފިއެވެ. ކުލަކުލައިން ނަގާފައިހުރި ދިދަތައް ތިރި ކުރުވައި ދިވެހި ގައުމީ ދިދަ އަށް އެކަނި ވެއްޖެއެވެ. ދެން ފެނުނީ ރާއްޖެތެރޭގެ ރަށްރަށަށް އެމީހުން ދާތަނެވެ. ކަނޑުމަގުންނާއި ވައިގެމަގުން ދަތުރުކޮށް އެއްހަފްތާވީއިރު ހަމަނުޖެހުން ގަނޑު މުޅިން މައިތިރި ކޮށްލައިފިއެވެ.
"ތެދުވޭ ތެދުވޭ ރޭގެ ބާކީ މަސްފެނާ ރޮށްޓާ އެބަހުރި" ހޭލެވުނީ މިއަޑަށެވެ. ކުއްލިއަކަށް މިވީ ގޮތަކާމެދު ފުރަތަމަ ވިސްނާލެވުނެވެ. ހިނގާދިއަ ބޮޑު ހަމަނުޖެހުންގަނޑުގެ ތެރޭން އަހަރެންގެ އެނދުގައި އޮވެވުނީމާ ހައިރާންވެސްވިއެވެ. ދެން ހަމަޖެހެވިއްޖެއެވެ. ހިނިއާދެވިއްޖެއެވެ.
އެކަމަކު ސުއާލުތަކެއް ބައިވަރެވެ. ދެކޮޅެއްނުޖެހެއެވެ. ބޮޑުދެމީހުންކުރެ މީހަކު ނުފެނުނީމައެވެ. އެއިން މީހެއްގެ ވާހަކަވެސް ނީވުނީމައެވެ. ހިތަށްއެރިއެވެ. އެމީހުނަށް ވީގޮތް ފެންނަންދެން އަޅެ ނުހޭލެވި އޮވެވުނުނަމައެވެ. އެކަމަކު އެއީވެސް ރަނގަޅު ނަމައެއް ނޫންކަމަށް ވިސްނުނެވެ. އިރުކޮޅަކު ވިސްނާލާފާ "ނަމަ" އެއްކަމުގައި ނިންމުނީ އެއްމެންގެވެސް މިއަދުގެ ބޭނުމެވެ. ވެރިކަމެވެ. އެއައި މީހުން ހަމަނުޖެހުންގަނޑު މުޅިން ހަމައަކަށް އަޅުވާ ނިންމާފައި އަހަންނާ ވެރިކަން ހަވާލުކޮށްފައި ލިބުނު ގެއްލުންތައް ފޫބައްދަން 2 ބިލިއަން ޑޮލަރު ދޭގޮތަށް ވީ "ނަމަ" އެވެ. އެހެންނަމަ ކިހާ ރަނގަޅުވީސް ހެއްޔެވެ؟