08 Jul 2021, 08:32
ކޯލިޝަން ހެދުމުގެ މަޝްވަރާ ކުރިއަށް ގެންދިޔައިރު ޕާޓީއަށް ހައްގުވާނެ ކަމަށް ބެލި މިންވަރުވެސް އެއްބަސްވުމުގެ ތެރެއިން ނުލިބޭ ކަމަށް އަދާލަތު ޕާޓީގެ ރައީސް އަދި ހޯމް މިނިސްޓަރު އިމްރާން އަބްދުﷲ ވިދާޅުވެއްޖެއެވެ.
ރާއްޖެ ޓީވީގައި ރޭ ވާހަކަ ދައްކަވަމުން އިމްރާން ވިދާޅުވީ ހައްގުވާ މިންވަރު ނުލިބުމަކީ އެހެންނަމަވެެސް ކޯލިޝަން ރޫޅާލަންޖެހޭ ސަބަބެއް ނޫން ކަމަށެވެ.
"އަޅުގަނޑު ގަބޫލުކުރާ ގޮތުގައި އަޅުގަނޑުމެން އެންމެންނަށްވެސް އަޅުގަނޑުމެން އެދޭ މިންވަރެއް ނުލިބެ. މި ސަރުކާރު ތަމްސީލުކުރާ އެއްވެސް ޕާޓީއަކުން އެ ޕާޓީގެ ލީޑާޝިޕާ މެމްބަރުން އެދޭ މިންވަރެއް އެއްވެސް ޕާޓީއަކަށް ނުލިބެ،" އިމްރާން ވިދާޅުވިއެވެ.
އިމްރާން ވިދާޅުވީ ޕާޓީތަކަށް ހައްގުވާ މިންވަރު ހޯދަން ގުޅިގެން މަސައްކަތް ކުރަންވީ ކަމަށާއި ނަމަވެސް ޕާޓީ ތަކުގެ ބުރަ މަސައްކަތުން ގެނައި މި ސަރުކާރު އަމިއްލަ އަތުން ހަލާކު ކޮށްލުމަކީ ހަށީގައި ހޭހުއްޓާ އެއްވެސް ލީޑަރަކު ކޮށްގެން ވާނޭ ކަމެއް ނޫން ކަމަށެވެ.
ކޯލިޝަންގެ ދެމިއޮތުމާ ބެހޭ ގޮތުން އިމްރާން ވިދާޅުވީ އެކަމަށް އެއްޗެއް ވިދާޅުވާން އެންމެ ރަނގަޅުވާނީ ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސޯލިހް ކަމަށެވެ.
"އަޅުގަނޑު އެކަމުގަ ސީދާ ބަހެއް ދެއްނެވުމަށް އެދޭނީ ރައީސް އަރިހުގަ. އެކަމުގެ އެންމެ ބޮޑު ޒިންމާއެއް އަދާކުރައްވާނީ ރައީސުލްޖުމްހޫރިއްޔާ. އެކަން ދިފާއު ކުރުމަށްޓަކައި ދެއްވަން ޖެހޭ ދޫތައް ރައީސްވެސް ދެއްވަން ވާނެ. އެމްޑީޕީގެ ރައީސްވެސް ދެއްވަން ވާނެ. ޖުމްހޫރީ ޕާޓީގެ ލީޑަރުވެސް ދެއްވަން ވާނެ. އެމްއާރުއެމްގެ ރައީސްވެސް ދެއްވަން ވާނެ،" އިމްރާން ވިދާޅުވިއެވެ.
ކޯލިޝަންގެ ލީޑަރުން އަނެއްކާވެސް ސަރުކާރާއެކު އިށީނދެ ޕާޓީތަކަށް ހައްގުވާ މިންވަރު މުރާޖާ ކުރަންޖެހޭ ކަމަށްވެސް އޭނާ ވިދާޅުވި އެވެ.
ރައީސް އިބްރާހީމް މުހައްމަދު ސޯލިހަށް ރިޔާސީ އިންތިހާބު ކާމިޔާބު ކުރެވުނީ ކޯލިޝަންގައި ހިމެނޭ ހުރިހާ ޕާޓީތަކުގެ ވަރަށް ބޮޑު އެހީތެރިކަމާ އެކުގައެވެ.
ނަމަވެސް ރައީސް ނަޝީދު މީގެ ކުރިން ވިދާޅުވެފައިވަނީ ސަރުކާރު ހިންގަން ބޭނުންވަނީ އެމްޑީޕީން އެކަނި ކަމަށެވެ.
އަދާލަތު ޕާޓީގެ ސްލޮޓެއްގައި ޖެންޑާ މިނިސްޓަރުކަމުގައި ހުންނެވި ޝިދާތާ ޝަރީފް އެ މަގާމުން ވަކިކުރުމަށްފަހު، އެ މިނިސްޓްރީގެ ސްލޮޓް އަދާލަތަށް ދީފައެއް ނުވެއެވެ.
މީގެއިތުރުން 2019 ގެ މަޖިލިސ އިންތިހާބުގައި އަދާލަތު ޕާޓީއާއި ކޯލިޝަންގެ އެހެން ޕާޓީތަކަށް ވަކި ޕަސަންޓުތަކެއް ދީގެން އެކުގައި ވާދަކުރުމުގެ ބަދަލުގައި އެމްޑީޕީން ބޭނުންވީ ހުރިހާ ޕާޓީއެއް ވަކިން ވާދަކުރާާށެވެ. މިގޮތަށް ވާދަކުރުމުގެ ނަތީޖާއަކަށްވީ އެމްޑީޕީއަށް 65 ގޮނޑި ލިބި މަޖިލީހުގެ ސުޕަ މެޖޯރިޓީ ލިބުމެވެ.
ކޯލިޝަނުގައި ހިމެނޭ ޕާޓްނަރުން ކަމުގައިވާ ޖުމްހޫރީ ޕާޓީއަށް ލިބުނީ ފަސް ގޮނޑިއެވެ. ކޯލިޝަން ޕާޓްނަރު އެމްއާރުއެމްއަށް ރަސްމީކޮށް ގޮނޑިއެއް ނުލިބުނު ނަމަވެސް އެޕާޓީގެ މެމްބަރަކު އަމިއްލަގޮތުން ވާދަކޮށްގެން މަޖިލީހުގައި އިންނަވައެވެ. އަދާލަތު ޕާޓީއަށް މަޖިލީހުން އެންމެ ގޮނޑިއެއްވެސް ކާމިޔާބު ނުވެއެވެ.