07 Jul 2021, 18:23
ކިންގް ސަލްމާން މިސްކިތް ކައިރީ ތިން މީހަކު ވެގެން މީހެއްގެ ގައިގައި ތަޅާ މާރާމާރީއެއް ހިންގައިފި އެވެ.
ފުލުހުންގެ މީޑިއާ އޮފިޝަލް "ސަން" އަށް ވިދާޅުވީ ސަލްމާން މިސްކިތް ކައިރީ މާރާމާރީއެއް ހިންގައިގެން އުޅޭ ކަމުގެ މައުލޫމާތު މިއަދު ހަވީރު 15:55 ހާއިރު ފުލުހުންނަށް ލިބިފައިވާ ކަމަށެވެ.
"އެ މާރާމަރީ ހިންގީ ހަތިޔާރެއް ބޭނުންކޮށްގެންތޯ ނުވަތަ ނޫންތޯ އަޅުގަނޑުމެންނަށް އަދި ބުނެވޭކަށް ނެތް. އެކަން އެނގޭނީ ތަހުގީގު ކުރުމުން،" އޮފިޝަލް ވިދާޅުވި އެވެ.
އެމީހާ ޒަހަމްވެފައިވާ ފޮޓޯ ސޯޝަލް މީޑިއާގައި ވަނީ އާންމުވެފަ އެވެ. އެގޮތުން އޭނާގެ މޫނު މަތީގައި ގިނަ އަދަދަކަށް ލޭ ހުރިކަން އެ ފޮޓޯއިން ފާހަގަވެ އެވެ.
އޮފިޝަލް ވިދާޅުވީ އެ މައްސަލަ އާ ގުޅިގެން މިހާތަނަށް މީހަކު ހައްޔަރު ކޮށްފައިނުވާ ކަމަށެވެ.
ފުލުހުން އަންނަނީ މި މައްސަލަ އިތުރަށް ތަހުގީގު ކުރަމުންނެވެ.