އެއީ އެދުވަހުގެ މެންދުރުކުރީގެ ވަގުތެވެ. ރައްޓެއްސަކާއެކު އަޅުގަނޑު ގޮސް އިނީ ކޮފީއެއްގަ އެވެ. "އޯޕަން އެއަރ" ތަނުގެ އެ ހިތްގައިމު މާޙައުލުގައި ޖަހާފައި ހުރި ހުދު ކުލައިގެ ވަށް މޭޒުތަކުގެ ދޮށުގައި، މުޅިންހެން ތިބީ ފިރިހެނުންނެވެ. ގިނައީ ދިވެހިންނެވެ. އަޅުގަނޑުމެން ތިބި މޭޒާ ޖެހިގެން ދެމޭޒެއް ދޫކޮށްފައި، ދެން ހުރި މޭޒުކަރީގައި، ޔޫރަޕުގެ ހަންއަލި ދެ މީހަކު ތިއްބެވެ. ހައްތާވެސް ސައި ނުވަތަ ކޮފީ ނުވަތަ އެނޫންވެސް އެހެން އެއްޗަކަށް އިންސާފުކުރަން ތިބި މީހުންނެވެ. ތަފާތު އެކި އެކި މަޢުޟޫތަކުގެ ވާހަކައިގަ އެވެ.

އިރުކޮޅަކުން ފެނުނީ ޒުވާން ތިން އަންހެން ކުއްޖަކު އައިސް ވަންތަނެވެ. ޒަމާނީ ފެޝަނަށް ކިތަންމެ ރަނގަޅަކަށް ވެސް އަޅުވެތިވެފައި ތިބި ތިން ކުދިންކަން، އެކުދިންނާ ދިމާއަށް ބަލައިލުމުން އެނގެ އެވެ. އެކުދިން ވަދެ، ކުރިއަށް ދެތިން ފިޔަވަޅެއް އެޅިތަނާ، އެކުދިންގެ ލޮލުގައި އަޅައިގަތީ، އެއްކަލަ ޔޫރަޕް ދެމީހުންނެވެ. އެ ކުދިންނަށް ހީވީ އީދެއް އައިހެންނެވެ. އަޑުގެ ކޮޅަށް "ހައި" އޭ ބުނަމުން އެދިޔަގޮތަށް ގޮސް އެމީހުންނާ ސަލާން ކުރަން ފަށައިފި އެވެ. "އަރަބި ސަލާމޭ" މިބުނާ ފާޑުގެ ސަލާމެވެ. ފަހަރަކު މީހެއްގެ ގައިގައި ބައްދާ ސަލާން ކުރަމުން ގެންދިޔައިރު، އެތައް ބަޔެއްކެ ކަޅި އެދިމާއަށް ހުއްޓިފައިވާ ކަމެއް އެކުދިންނަކަށް ނޭނގެ އެވެ. ނޫނީ އެކަން މައްސަލައަކަށް ނުވަނީ އެވެ.

އެކުވެރިޔާއަށް މިމަންޒަރު ފެނުމުން އަޅުގަނޑުގެ ގައިގައި ކޮށްޓާލައިފި އެވެ. އެއީ ދިވެހި ކުދިންތޯ އަހައިލި އެވެ. އަޅުގަނޑު އާއެކޭ ބުނީ، އެކުވެރިޔާއަށް ވެސް އެއީ ދިވެހި ކުދިންކޮޅެއްކަން އެނގޭނޭކަން އެނގިހުރެ އެވެ. އެހެންނަމަވެސް އެކުދިންގެ އެ އަމަލުތަކާ، އަޅުގަނޑުމެންގެ ދީނާއި ސަޤާފަތާ ނުގުޅޭތީ، އެސުވާލު އޭނާއަށް ކޮށްލެވުނީ ކަމަށް އަޅުގަނޑު ގަބޫލު ކުރަމެވެ.

ކޮންމެއަކަސް ވަދެގެން އައި ކުދިންކޮޅު ޖައްސައިލީ، ޔޫރަޕް މީހުން ތިބި މޭޒުގައިރީގައި ހުހަށް ހުރި ގޮނޑިތަކުގަ އެވެ. ފަރިތަކަމާއެކު އިނގިރޭސިބަހުން އެމީހުންނާ ވާހަކަ ދައްކަންފެށީ، އެކަކަށްވުރެ ބާރަށް އަނެކަކަށް ވާހަކަދެއްކޭތޯ ކުރަންފެށި ވާދަވެރިކަމެއްގެ ތެރޭގައިހެން ހީވެއެވެ. އިރުއިރުކޮޅާ ޖަހާލާ ހިނިގަނޑުގެ ބާރު އަޑު، ކަންފަތަކަށް ފަސޭހަ އެއް ނޫނެވެ. ހީވަނީ އެތަނުގައި ތިބިއްޔާ ތިބި ބަޔަކަށް، އެވަރުގެ ބަޔަކު ނެތްކަން ދައްކަން މަސައްކަތް ކުރާހެންނެވެ. މުޅި މާހައުލު ހަލަބޮލިކޮށްލީ ކުޑަ ހިނދުކޮޅެއްގެ ތެރޭގަ އެވެ.

އިރުކޮޅަކުން ގެނައީ ކޮފީއާއި ސިގިރެޓެވެ. ކޮންމެ ކުއްޖަކު ސިގިރެޓެއް ރޯކޮށްލައިފި އެވެ. ކޮފީތަށި ހުސްވިއިރު ހަމަ ޔަގީނުންވެސް ތިން ހަތަރު ސިގިރެޓު އެއިން ކޮންމެ ކުއްޖަކުވެސް ބޮއިފި އެވެ. އެއްފައި ގޮނޑިއަށް ނަގައި ކަކޫ ކޮޅަށް ޖަހާލައިގެން ތިބިއިރު ފެންނަނީ ވަރަށް އަދަބު ކުޑަ ގޮތެކެވެ. އެކުދިންގެ އެ އަމަލުތަކުގެ ސަބަބުން އުނދަގޫވަމުން ދިޔަ ނަމަވެސް، ގިނަ މީހުން މިއިން ކަމަކަށް މާބޮޑު ސަމާލުކަމެއް ދޭތަނެއް ނުފެނެ އެވެ. އެއީ މިއަދުގެ މި ތަހުޒީބުވަމުން އަންނަ މުޖުތަމަޢުގައި އާކަމަކަށް ނުވާތީ އެވެ. ފިރިހެނުންނާ އެއް ސަފުގައި، ބައެއް ފަހަރު އެއަށްވުރެވެސް ކުރީގައި، ޒުވާން އަންހެން ކުދިން އުޅެމުން ގެންދަނީ، ލަދުގެ ކަންފުޅެއްވެސް ނެތި އެވެ.

މިވާހަކަތައް މިހެން ލިޔުމުން ބަޔެއް މީހުން ބުނެފާނެ އެވެ. މިއީ އަންހެނުންނާއު ފިރިހެނުން ހަމަހަމަ ޒަމާނެވެ. އެގޮތަށް މީހަކާ ސަލާންކޮށްލައި، ހީނ މަޖާކޮށްލާ ސިގިރެޓެއް ބޯލުމަކީ މައްސަލައެއްހެއްޔެވެ. މިފަދަ ކަންކަން ހަޖަމު ނުކުރެވޭ މީހުންނަކީ ޒަމާނަށް ބީރައްޓެހި ކަޓު ޚިޔާލުގެ މީހުންނެވެ. ދީނޭ، ސަޤާފަތޭ ކިޔައިގެން ޒަމާނަށް ނުފެތި ތިބޭކަށް ނުޖެހެ އެވެ. އެއީ މިނިވަންކަމެވެ. އެއަކު ގޯހެއް ނެތެވެ.

ޚިޔާލަކީ ތަފާތު އެއްޗެކެވެ. އެހެންނަމަވެސް އަޅުގަނޑުމެންނަކީ ދިވެހިންނެވެ. މުސްލިމުންނެވެ. ގަބޫލުކުރަން ޖެހޭ ހަމަތަކަކާއި އުޞޫލުތަކެއް އޮންނަންވާނެ އެވެ. ޔޫރަޕާއި ހުޅަނގުގެ "ތަހުޒީބަށް" ގޮސް ވިކެންޖެހޭނީ، މިދެންނެވި ހަމަތަކާއި އުޞޫލުތަކުން ބޭރުނުވެވޭ މިންވަރަށެވެ. މިއީ އަޅުގަނޑު ގަބޫލުކުރާ ގޮތެވެ. އަޅުގަނޑުގެ ހިތުން، ގިނަ ދިވެހިން އަދިވެސް މިގޮތް ގަބޫލުކުރާނެ އެވެ.

ބުނަންހެއްޔެވެ؟ މިނިވަންކަމަކީ ކޮންމެ ފަރުދަކަށް ވެސް އޮތް ޙައްޤެކެވެ. އެހެންނަމަވެސް އޭގައިވެސް އިމެއް އޮންނާނެ އެވެ. މިނިވަންކަމޭ ބުނެ، ހިތުހުރި ގޮތަކަށް ނޫޅޭށެވެ. އަންހެން ކުއްޖެއްގެ ކިބައިގައި ހުންނަ އެންމެ ރީތި ސިފައަކީ، ލަދުރަކި ކަމެވެ. އިއްފަތްތެރި ކަމެވެ. އެ ސިފަތަކުން ޒީނަތްތެރިވެގެން ތިބެވޭތޯ ބަލާށެވެ. އޭރުން މުޖުތަމަޢުގެ ތެރޭގައި ތިޔަ ކުދިންގެ އަގު އަރާނެ އެވެ. އުޅުން ހުރި ކުދިބަޔަކު ކަމުގައި ދެކޭނެ އެވެ. ދީންވެސް ބާރު އަޅަނީ މިގޮތުގައި އުޅުމަށެވެ.