07 Jul 2021, 18:35
ރިޔާޒް (ޖުލައި 7) : ސައުދީ ކަންބޮޑުވާ ބޮޑެތި މައްސަލަތަކާ ބެހޭގޮތުން އެމެރިކާއާ މަޝްވަރާ ކުރުމަށްޓަކައި ސައުދީ އިސްބޭފުޅުންގެ ވަފްދެއް ވޮޝިންޓަނަށް ވަޑައިގެންފިއެވެ.
މިއީ ޖޯ ބައިޑަން، އެމެރިކާގެ ރައީސްކަމާ ޙަވާލުވެވަޑައިގަތުމަށް އެމެރިކާއަށް ޒިޔާރަތް ކުރައްވާ ސައުދީ ސަރުކާރުގެ އެންމެ އިސް ވަފްދެވެ. މި ވަފްދުގެ ވެރިއަކީ ސައުދީ ރަސްގެފާނު ސަލްމާން ބިން އަބްދުލްއަޒީޒުގެ ދަރިކަލުން އަދި ސައުދީ ދިފާއީ ވަޒީރުގެ ނައިބު ޚާލިދު ބިން ސަލްމާނެވެ. ޚާލިދު ބިން ސަލްމާނަކީ ސައުދީ ބާރުގަދަ މީހާގެ ގޮތުގައި ސިފަކުރެވޭ ވަލީއުލްއަހްދު މުހައްމަދު ބިން ސަލްމާންގެ ކޮއްކޯފުޅުވެސް މެއެވެ.

އިވަންކާގެ ދެކަނބަލުންނާއި މުހައްމަދު ބިން ސަލްމާން، ސައުދީގައި
އެމެރިކާގެ ކުރީގެ ރައީސް ޑޮނަލްޑް ޓްރަންޕުގެ ވެރިކަމުގައި ސައުދީ ވަނީ ޓްރަމްޕްގެ ސަރުކާރާ އާދަޔާ ޚިލާފު ގުޅުންތަކެއް ގާއިމްކޮށްފައެވެ. ފައިސާއާއި މާއްދީ ފައިދާގެ މައްޗަށް ބިނާކުރި މިގުޅުންތައް ރަސްމީ އުސޫލުން ނެއްޓި ޓްރަމްޕްގެ މުސްތަޝާރުންގެ ގޮތުގައި ތިއްބެވި އޭނާގެ ދަރިކަނބަލުން އިވަންކާއާއި އެކަމަނާގެ ފިރިކަލުން އަދި ޓްރަމްޕްގެ ދަނބިދަރި ޖަރެޑް ކުޝްނާއާ އާއެކުވަނީ އާއިލީ ގުޅުންތަކަކަށް ބަދަލުވާ ހިސާބަށްވެސް ކަންތައް ގޮސްފައެވެ.
މިގުޅުންތަކުގެ އަސްލަކީ ސައުދީ އަށް ލިބިފައިވާ ތަނަވަސްކަމާއި ފައިސާ ކަމަށްވާއިރު މިކަމުގެ ނާޖާއިޒު ފައިދާ ނަގައިގެން ޓްރަމްޕްގެ ވެރިކަމުގައި ސައުދީވަނީ ޔަމަން، ސޫރިއާ، އަދި ލީބިޔާފަދަ ގައުމުތަކުގައި ހިނގާ ދާޚިލީ ހަނގުރާމަތަކުގެ ތެރެއަށް ވަރަށް ބޮޑަށް ވަދެގެންފައެވެ. އަދި އީރާނާ އާދަޔާ ޚިލާފަށް ޖައްސާލައި އީރާނާ ދުޝްމަން ވުމާއި ގަތަރާ ޖައްސާލުމަށްފަހު ގުޅުންތައް ކަނޑާލައި ގަތަރު ހިސާރު ކުރުންފަދަ ކަންތައްތަކެއްވެސް އެދުވަސްވަރު ސައުދީ ވަނީ ވަރަށްބާރަށް ކުރިޔަށްގެންގޮސްފައެވެ.

އިވަންކާ ސައުދީގައި
ޓްރަމްޕްގެ ސަރުކާރާއެކު ސައުދީ ބޭއްވި އާދަޔާ ޚިލާފު ގުޅުންތަކުގެ މޭސްތިރިއަކީ ސައުދީ ވަލީއުލްއަހްދު މުހައްމަދު ބިން ސަލްމާންއެވެ. އެދުވަސްވަރު ބިންސަލްމާން ވަނީ ސައޫދިގައިވާ އޭނާއަށް ފާޑުކިޔާކަމަށް ބެލެވޭ ފަރާތްތަކާ ދެކޮޅަށް ހަރުކަށި އެތަށް އަމަލުތަކެއް ހިންގަވާފައެވެ.
މީގެތެރޭގައި ސައުދީ ސަރުކާރަށް ނުސީދާކޮށް ފާޑުވިދާޅުވާ ނޫސްވެރިއެއްކަމަށްވާ ޖަމާލްއަލްޚާޝުގްޖީ އަނިޔާވެރި ގޮތަކަށް މަރާލުމާއި ސައުދީ ޝާހީ އާއިލާގެ އެތަށް ބަޔަކާއި ސައުދީގެ ކުރީގެ ބައެއް މަސްއޫލުވެރިން ޝަރީއަތަކާނުލައި ހައްޔަރުކޮށްގެން ގެންގުޅުމާއި ސައުދީ ބައެއް ދީނީ އިލްމުވެރިން ހައްޔަރުކުރުންފަދަ ހަރުކަށި ލާއިންސާނީ އަމަލުތައް ހިމެނެއެވެ.

ޓްރަމްްޕް ސައުދީ ގެ ސަގާފީ ނެށުމެއްގައި ބައިވެރިވެ ވަޑައިގެން ނައްޓަވަނީ
މުހައްމަދު ބިން ސަލްމާން އަޑީގައި ހުންނަވައިގެން ހިންގެވި ކަމަށް ބެލެވޭ މިކަންކަމަށް ޓްރަމްޕްގެ ސަރުކާރުން ލޯމަރާލައިގެން އޮތްނަމަވެސް ޓްރަމްޕްގެ ވެރިކަންނިމި ބައިޑެން އެމެރިކާގެ ރައީސްކަމާ ހަވާލުވެވަޑައިގަތުމާއެކު ބައިޑަންގެ ސަރުކާރުން ސައުދީއާމެދު މުއާމަލާތްކުރާ ގޮތްތަކަށް ބަދަލުއަންނަކަން ސައުދީ އަށް އެނގުމުން ސައުދީވަނީ އެގައުމުގެ މިހަރުކަށި ސިޔާސަތުތަކަށް ބޮޑެތި ބަދަލުތައް ގެންނަން ފަށާފައެވެ.
މިގޮތުން ޔަމަންގެ ހަނގުރާމަ ހުއްޓާލުމަށް ގޮވާލުމާއި ސޫރިއާ ގެ ހަނގުރާމަވެރި ޖަމާއަތްތަކާ ދުރުވެ ބައްޝާރުލްއަސަދުގެ ސަރުކާރާ ގާތްވާން މަސައްކަތް ކުރުމާއި ގަތަރާ ސުލްހަވުމާއި އީރާނާއެކު ސުލްހައިގެ ވާހަކަތައް ފެށުންފަދަ ކަންކަން ކޮށް ސައުދީ ސަރުކާރުންވަނީ އެގައުމުގެ ސިޔާސަތުތަކަށް ބޮޑެތި ބަދަލުތަކެއް ގެނަސްފައެވެ.
އެމެރިކާއަށް ވަޑައިގެންނެވި ސައުދީ ވަފްދުން ރައީސް ޖޯ ބައިޑެން ގެ ސަރުކާރާ މަޝްވަރާ ކުރައްވާނީ ޔަމަންގެ ހަނގުރާމަ ހުއްޓާލުމާއި އީރާނުގެ މައްސަލައާއި ޖަމާލްއަލް ޚާޝޫޤްޖީ ގެ މަރާއި ސައުދީ ވަލީއުލްއަހްދު މުހައްމަދު ބިން ސަލްމާން އާ ގުޅުންވާކަމަށް އެމެރިކާގެ ޖާސޫސީ އިދާރާ އިން ތުހުމަތު ކުރާ މައްސަލަތަކާ ބެހޭގޮތުން ކަމަށް މައުލޫމާތު ލިބެއެވެ.
އެމެރިކާ އީރާނާ ގާތްވެ އީރާނުގެ ނިއުކްލިޔާ އެއްބަސްވުމަށް އަލުން ރުޖޫއަވުމަށް ކުރަމުންގެންދާ މަސައްކަތްތަކަކީވެސް ސައުދީގެ ކަންބޮޑުވުމެކެވެ. މިއާއެކު ސައުދީވެސްވަނީ އީރާނާ ދުޝްމަންކަން ކުޑަކޮށް އީރާނާއެކު ވާހަކަ ދެއްކުމުގެ ސިޔާސަތެއް މިފަހަކަށް އައިސް ގެންގުޅެން ފަށާފައެވެ.