07 Jul 2021, 15:14
ޕޯޓް އޯ ޕްރިންސް (ޖުލައި 7): ހެއިޓީގެ ރައީސް ޖޮވެނެލް މޮއިސް އަވަހާރަކޮށްލައިފި ކަމަށް އެގައުމުގެ ބޮޑުވަޒީރު ކްލޯޑް ޖޯސެފް ވިދާޅުވެއްޖެ އެވެ.
ޖޯސެފް އާންމުކުރެއްވި ބަޔާނެއްގައިވާ ގޮތުން މޮއިސް އަވަހާރަކޮށްލީ އޭނާގެ އަމިއްލަ ގެކޮޅަށް ރޭ ބަޔަކު ދިން ހަމަލާއެއްގަ އެވެ. އަދި އެ ހަމަލާގައި އޭނާގެ އަނބިކަނބަލުން މާޓީން މޮއިސްވެސް ޒަހަމްވި ކަމަށާއި އޭނާއަށް ހޮސްޕިޓަލުގައި ފަރުވާ ދެމުންދާ ކަމަށް އެސޯސިއޭޓެޑް ޕްރެސްއިން ރިޕޯޓު ކުރި އެވެ.
ޖޯސެފް ވަނީ އެ ހަމަލާ ކުށްވެރި ކުރައްވާ، ސުލްހައަށް ގޮވާލައްވާފަ އެވެ. އަދި ގައުމު ހިންގުމަށާއި ރައްކާތެރި ކުރުމަށް މިހާރު ފިޔަވަޅުތައް އަޅާފައިވާ ކަމަށް ވިދާޅުވެފަ އެވެ.
"ދައުލަތް ހިންގުން ކުރިއަށްގެންދިޔުމަށާއި ގައުމު ރައްކާތެރި ކުރުމަށް ހުރިހާ ފިޔަވަޅެއް ވަނީ އަޅާފައި. [މިހާލަތުގައި] ކުރި ހޯދަނީ ޑިމޮކްރަސީ އާއި ޖުމްހޫރިއްޔާއިން،" ޖޯސެފް ވިދާޅުވި އެވެ.
މޮއިސް އަވަހާރަކޮށްލާފައި ވަނީ އޭނާގެ އިސްތިއުފާއަށް ގޮވާލާ، 2018 ވަނަ އަހަރުން ފެށިގެން އެކި ފަހަރު މަތިން އެގައުމުގައި މުޒާހަރާތައް ބާއްވާފައި ވަނިކޮށެވެ. ދެހާސް ސަތާރަވަނަ އަހަރު ވެރިކަމަށް ވަޑައިގެންނެވި މޮއިސްއާ ދެކޮޅަށް އެ މުޒާހަރާތައް ފެށީ ތެލުގެ ސަބްސިޑީތައް އުވާލުމުން، ތެލުގެ އަގު ވަރަށް ބޮޑަށް އުފުލުމުންނެވެ. އަދި މިއަަހަރުގެ ފެބްރުއަރީ މަހުވެސް މޮއިސްއާ ދެކޮޅަށް ބޮޑެތި މުޒާހަރާތައް ބާއްވާފައިވެ އެވެ.
އެ މުޒާހަރާތަކުގައި މޮއިސްގެ ރިޔާސީ ދައުރު ހަމަވެއްޖެ ކަމަށް ބުނެ ބައެއް މީހުން އަޑު އުފުލި އެވެ. އެގޮތުން ހެއިޓީގެ އިދިކޮޅު ފަރާތްތަކުން ބުނާ ގޮތުގައި މިދިޔަ ފެބްރުއަރީ މަހުގެ ހަތެއްގައި މޮއިސްގެ ފަސް އަހަރުގެ ދައުރު ހަމަވާނެ އެވެ. އެއީ މޮއިސްގެ ކުރިން ރައީސްގެ ގޮތުގައި ހުންނެވި މިޝެލް މާޓެލީ އިސްތިއުފާ ދެއްވި ދުވަހަށް ފަސް އަހަރު ފުރޭ ދުވަހެވެ.
ނަމަވެސް މޮއިސް ވިދާޅުވި ގޮތުގައި އޭނާ ވެރިކަމާ ހަވާލުވެވަޑައިގެންނެވީ މާޓެލީ އިސްތިއުފާ ދެއްވިތާ އެއް އަހަރު ފަހުން ކަމުން، އޭނާއަށް ވެރިކަމުގެ އިތުރު އަހަރެއް ލިބޭނެ އެވެ.
މީގެ އިތުރުން މިދިޔަ ފެބްރުއަރީ މަހު މޮއިސް ވަނީ އޭނާ އަވަހާރަކޮށްލަން ބަޔަކު މަސައްކަތް ކުރި ކަމަށާއި، އޭނާގެ ސެކިއުރިޓީން އެ ރޭވުން ނާކާމިޔާބު ކޮށްލި ކަމަށް ވިދާޅުވެފަ އެވެ.