07 Jul 2021, 15:00
މާލޭގައި އިއުލާނުކޮށްފައިވާ ކާފިއު އުވާލުމަށް ނިންމައިފިއެވެ.
މިއަދު ކުރިއަށްދިޔަ ޕްރެސް ކޮންފަރަންސްގައި ރައީސް އޮފީހުގެ ތަރުޖަމާނު މުހައްމަދު މަބްރޫކު އަޒީޒް ވިދާޅުވީ މާލޭގައި މިހާރު އިއުލާނުކޮށްފައިވާ ކާފިއު އުވާލަން ނިންމާފައިވާ ކަމަށެވެ.
މާލޭގައި މި ފަހަުން ކާފިއު އިއުލާނުކުރީ ކޮވިޑް19 ގެ ހާލަތު މާލޭގައި ގޯސްވުމުގެ ސަބަބުން, މިދިޔަ މޭ މަހުގެ ތެރޭގައެވެ. އަދި ކޮވިޑްގެ ހާލަތު ރަނގަޅުވަމުން ދިއުމުގެ ސަބަބުން މާލޭގެ ކާފިއުގެ ވަގުތު ވަނީ މި ފަހުން ކުޑަކޮށްފައެވެ.
އެޗްޕީއޭއިން ބުނެފައި ވަނީ، މާލެ ސަރަހައްދުގެ ކާފިއު އުވާލާފައި ވަނީ، މާލެ ސަރަހައްދުގެ ޕޮޒިޓިވިޓީ ރޭޓް ފަސް ޕަސެންޓަށް ވުރެ ދަށް ވުމުން ކަމަށެވެ.
މާލޭގައި ކާފިއު ހިންގަން ފަށާފައި ވަނީ މޭ 26 ވަނަ ދުވަހު އެވެ.
ކޮވިޑްގެ ހާލަތު ގޯސްވުމުން ކާފިއު ހިންގަން ފެށި ނަމަވެސް، މިހާރު މާލެ ސަރަހައްދުގެ ކޮވިޑް ޕޮޒިޓިވިޓީ ރޭޓް ދަށްވުމާ ގުޅިގެން ކާފިއު އުވާލައި، އިތުރު ލުއިތަކެއް ވެސް ދީފައި ވެއެވެ.
އޭގެ ތެރޭގައި ކެފޭ/ރެސްޓޯރެންޓް ތައް ހުޅިވާ ގަޑި އިތުރު ކުރުމާއި ޓިއުޝަން ސެންޓަރު ތަކާއި ޑޭ ކެއާ ސެންޓަރު ތަކުގެ އިތުރުން، ޤުރުއާން ކުލާސްތައް ހުޅުވާލަން އެޗްޕީއޭއިން ނިންމާފައި ވެއެވެ.
އަދި ހާއްސަ ގައިޑްލައިން ތަކަކާއެކު ސިނަމާތައް ހުޅުވަން ވެސް ނިންމާފައި ވެއެވެ.