07 Jul 2021, 14:28
ދާކާ (ޖުލައި 7): ބަންގްލަދޭޝްއިން އެއް ދުވަސް ތެރޭ ކޮވިޑްގެ 11،000 އަށް ވުރެ ގިނަ ކޭސް ފެނިއްޖެ ކަމަށް އެގައުމުން އިއްޔެ އިއުލާންކޮށްފި އެވެ.
ބަންގްލަދޭޝްގެ ސަރުކާރުން އިއްޔެ ބުނި ގޮތުގައި އެގައުމުން ހޯމަ ދުވަހު 11،525 މީހުން ކޮވިޑަށް ޕޮޒިޓިވްވެފައިވެ އެވެ. އެއީ އެގައުމުގައި ބަލި ފެތުރުނު ފަހުން އެއް ދުވަސް ތެރޭ އެހާ ވަރަށް ގިނަ ކޭސް ފެނުނު ފުރަތަމަ ފަހަރެވެ.
ބަންގްލަދޭޝްއިން މިހާތަނަށް ކޮވިޑް ޖެހުނު މީހުންގެ އަދަދު މިހާރު ވަނީ 966،406 އަށް އަރާފަ އެވެ. އަދި ބަލީގައި މަރުވި މީހުންގެ އަދަދު ވަނީ 15،392 އަށް އަރާފަ އެވެ.
ކޮވިޑްގެ ޑެލްޓާ ވޭރިއެންޓް މިދިޔަ މަހު ބަންގްލަދޭޝްއިން ފެނުނު ފަހުން އެގައުމުން ކޮންމެ ދުވަހަކު ބަލި ޖެހޭ މީހުންގެ އަދަދު ދަނީ އިތުރު ވަމުންނެވެ. އަދި އެގައުމުން މި މަސް ފެށުނު އިރު އިއުލާން ކުރި ހަރުކަށި ފުރަބަންދުގެ ފިޔަވަޅުތައް މިހާރު ވަނީ އަންނަ ހަފްތާގެ ބުދަ ދުވަހާ ހަމަޔަށް އިތުރުކޮށްފަ އެވެ.
ބަންގްލަދޭޝްގައި ކޮވިޑްގެ ކޭސް އިތުރު ވަމުން ދިޔުމުން، ހޮސްޕިޓަލްތަކަށް ބާރު ބޮޑުވެ، މެޑިކަލް އޮކްސިޖެން ހޯދުމުގައި ދަތިތަކާ ކުރިމަތިލާން ޖެހިދާނެ ކަމުގެ ބިރު ސިއްހީ އޮފިޝަލުން ވަނީ ފާޅު ކޮށްފަ އެވެ.
ބަންގްލަދޭޝްގެ ޑިރެކްޓޮރޭޓް ޖެނެރަލް އޮފް ހެލްތު ސާވިސެސް (ޑީޖީއެޗްއެސް)އިން ބުނި ގޮތުގައި އެގައުމުން މިހާރު ދުވާލަކަށް 210 ޓަނާއި 220 ޓަނާ ދެމެދުގެ އަދަދަކަށް ލިކުއިޑް އޮކްސިޖެން ފޯރުކޮށްދެވޭނެ އެވެ. ނަމަވެސް އެގައުމުގައި ކޮވިޑްގެ ކޭސްތައް އިތުރުވުމުން ދުވާލަކަށް އޮކްސިޖެން ބޭނުންވާ މިންވަރު މިހާރު 230 ޓަނަށް ވުރެ އިތުރުވެފައިވާ ކަމަށް ބަންގްލަދޭޝްގެ ކަމާ ބެހޭ މާހިރުންނާއި މީޑިއާތަކުން ބުނެ އެވެ.
މީގެ އިތުރުން، އިންޑިއާއިން ކޮވިޑް ވެކްސިން އެކްސްޕޯޓު ކުރުން ހުއްޓާލުމުގެ ސަބަބުން ބަންގްލަދޭޝްއަށް ވަނީ ވެކްސިން ހޯދުމުގައިވެސް ދަތިތަކާ ކުރިމަތިލާން ޖެހިފަ އެވެ. އަދި އެގައުމުގެ 160 މިލިއަން މީހުންގެ އާބާދީގެ ތެރެއިން މިހާތަނަށް ކޮވިޑް ވެކްސިންގެ ޑޯޒްތައް ފުރިހަމަކޮށްފައި ވަނީ އެންމެ 2.6 ޕަސެންޓު މީހުންނެވެ.