މުޖުތަމައުގައި ހުރި ނޭދެވޭ އާދަކާދަތައް ނައްތާލައި، އިޖްތިމާއީ ފޭރާން ރަނގަޅު ކުރުމަށް ކުރެވިދާނެ ކަންތައްތަކަކީ ކޮބައިތޯ ބަލައި، އެކަންކަން ރަނގަޅު ކުރުމަށް ހިންގޭނެ ޕްރޮގްރާމް ތަކާ ބެހޭ ގޮތުން ސޯޝަލް އެތިކްސް ކޮމިޓީއާއެކު ރައީސުލްޖުމްހޫރިއްޔާގެ ނައިބު ފައިސަލް ނަސީމް މިއަދު މަޝްވަރާ ކުރައްވައިފިއެވެ.

މި ބައްދަލު ކުރެއްވުމުގައިި ނައިބު ރައީސް ދެއްކެވި ވާހަކަފުޅުގައި ސްކޫލް ތެރޭގައި ކުދިންނަށް ހާއްސަކޮށްގެން ހިންގޭނެ ޕްރޮގްރާމް ތަކާއި ސުކޫލުން ބޭރުގައި ހިންގޭނެ ޕްރޮގްރާމް ތަކަކީ ކޮބައިތޯ ބަލައި، ގައުމުގެ އިޖްތިމާޢީ ފޭރާން ރަނގަޅު ކުރުމަށް އެންމެން ގުޅިގެން ގިނަ މަސައްކަތްތަކެއް ކުރަންޖެހޭކަން އެއީ އެންމެންވެސް ގަބޫލުކުރާނެ ހަގީގަތެއްކަމުގައި ވިދާޅުވިއެވެ.

އަދި، ސަރުކާރުގެ ހުރިހާ ދިމާލަކުންވެސް ގައުމުގެ އިޖްތިމާއީ ކަންކަން ރަނގަޅު ކުރުމަށް އެއްބާރުލުންދީ މަސައްކަތް ކުރުމަކީ ރައީސުލްޖުމްހޫރިއްޔާގެ ހާއްސަ އެދިލެއްވުމެއްކަމުގައި ވިދާޅުވިއެވެ.

މިއަދުގެ ބައްދަލުވުމުގައި ބައިވެރިން މައިގަނޑު ގޮތެއްގައި މަޝްވަރާ ކޮށްފައިވަނީ ސްކޫލްތައް މެދުވެރިކޮށް، ކުދިންނަށާއި، ބެލެނިވެރިންނަށް އަމާޒުކޮށްގެން ރިވެތި އަދަބު އަހްލާގާ ހަމަތަކާއި އުސޫލުތައް ކުދިންގައިގައި އަށަގެންނެވުމަށް ކުރެވިދާނެ ކަންކަމާއި ހިންގިދާނެ ހަރަކާތްތަކާ މެދުގައެވެ.