ތެހެރާން (ޖުލައި 7): އީރާނުން ޔޫރޭނިއަމްގެ މައުދަން 20 ޕަސެންޓަށް ފައްކާކުރަން ފަށައިފިކަން ހާމަކުރުމުން އެއީ ނިއުކްލިއާ ހަތިޔާރު އުފެއްދުމުގެ އަމަލެއް ކަމަށް އެމެެރިކާއާއި ޔޫރަޕުން ބުނެ ކަންބޮޑުވުން ފާޅުކޮށްފިއެވެ.

އީރާނުންވަނީ ނިއުކްލިއާ ހަކަތަ އުފައްދާ އިންޖީނުގެތަކުގައި ބޭނުންކުރުމަށާއި ނިއުކްލިޔާ ރީސާޗްތައް ކުރާ މަރުކަޒުތަކުގައި ބޭނުންކުރުމަށް ޓަކައި ޔޫރޭނިއަމްގެ މައުދަން 20 ޕަސެންޓަށް ފައްކާކުރަން ފަށައިފިކަން އިންޓަނޭޝަނަލް އެޓަމިކް އެނާޖީ އެޖެންސީ (އައިއޭއީއޭ) އަށް އިއްޔެ އަންގައިފައެވެ.

އީރާނުން "އައިއޭއީއޭ" އަށް ކަނޑައަޅާފައިވާ ދާއިމީ މަންދޫބު ކާޟިމް ޣަރީބް އާބާދީ ވިދާޅުވިގޮތުގައި މިކަން އެ އެޖެންސީއަށް ރަސްމީކޮށް އެންގީ މީގެ ނުވަ ދުވަސްކުރިންނެވެ. މިއީ ޔޫރޭނިޔަމް މެޓަލް (ނުވަތަ މައުދަނުގެ ގޮތުގައި ހަރުކޮށް ހުންނަ ޔޫރޭނިޔަމް) މިފެންވަރަށް އީރާނުން ފައްކާކުރާ ފުރަތަމަ ފަހަރެވެ. ނަމަވެސް މީގެ ތިންމަސްކުރިން އީރާނުންވަނީ ޔޫރޭނިޔަމްގެ (މައުދަން ނޫން ދިޔާ ވައްތަރު) 20 އިންސައްތައަށް އަދި އެއަށްފަހު 60 އިން ސައްތައަށްވެސް ފައްކާކުރުމުގެ މަސައްކަތް ފަށާފައެވެ.

އީރާނުން ޔޫރޭނިއަމް މައުދަން ފައްކާކުރުމަށް ބޭނުންކުރާ ރިއެކްޓަރެއްގެ އެތެރެ

އީރާނުގެ މިއަމަލަކީ 2015 ވަނަ އަހަރު ދުނިޔޭގެ ބޮޑެތި ބާރުތަކުން އީރާނާއެކު ސޮއިކުރި ނިއުކްލިޔާ އެއްބަސްވުމަށް އެމެރިކާ އަލުން އެނބުރި އައުމާބެހޭގޮތުން ވިއެނާގައި ކުރިޔަށްގެންދާ މަޝްވަރާތަކަށް އެޅޭނެ ހުރަހެއްކަމަށް ބުނެ ޔޫރަޕްގެ ބޮޑު ތިންބާރާއި އެމެރިކާއިން ވަނީ އީރާނުގެ މި އަމަލު ކުށްވެރި ކޮށްފައެވެ.

މިކަން ކުށްވެރި ކުރައްވަމުން އެމެރިކާގެ ޚާރިޖީ ވުޒާރާ ގެ ތަރުޖަމާނު ނެޑް ޕްރައިސް ވިދާޅުވީ އީރާނުގެ މިއަމަލަކީ ނިއުކްލިޔާ ހަތިޔާރު އުފެއްދުމާ ގާތަށް އީރާނުން އެޅި ފިޔަވަޅެއް ކަމަށާ މިއީ އީރާނުގެ ނިއުކްލިޔާ އެއްބަސްވުމަށް އެމެރިކާ އަލުން ރުޖޫއަވެ އެ އެއްބަސްވުން އަލުން ދިރުވުމަށް ވިއެނާގައި ކުރިޔަށްގެންދާ ވާހަކަތަކަށް ރިއާޔަތް ކުރުމެއްނެތި އީރާނުން ފަހަތަށްއެޅި ފިޔަވަޅެއް ކަމުގައެވެ.

ޔޫރަޕްގެ ބޮޑު ތިންބާރު ކަމަށްވާ ޖަރުމަނާއި ފަރަންސޭސިވިލާތާ އަދި އިނގިރޭސިވިލާތުން މިކަމާބެހޭގޮތުން ނެރުނު ގުޅިފައިވާ ބަޔާނެއްގައި މިއީ ނިހާޔަތަށް ކަންބޮޑުވާ ފިޔަވަޅެއްކަމަށްވަނީ ސިފަކޮށްފައެވެ. އެ ބަޔާނުގައި، ޔުރޭނިއަމް މެޓަލް (ނުވަތަ މައުދަނުގެ ގޮތުގައި ހަރުކޮށް ހުންނަ ޔޫރޭނިޔަމް) މިފެންވަރަށް އުފެއްދުމުގެ މަދަނީ ބޭނުމެއް ނޯންނާނެކަމަށް ބުނެ މިއީ ސީދާ ނިއުކްލިޔާ ހަތިޔާރު އުފެއްދުމުގެ ބޭނުމުގައި އީރާނުން އެޅި ފަންނީ ބޮޑު ފިޔަވަޅެއް ކަމަށް ސިފަކޮށްފައެވެ.

އީރާނުން ނިއުކްލިޔާ ހަތިޔާރު އުފައްދަން މަސައްކަތްކުރާ ކަމަށްބުނެ ކަންބޮޑުވުން ފާޅުކުރާ ޔޫރަޕްގެ ބޮޑު ތިންބާރާ އަދި އެމެރިކާއަކީވެސް ނިއުކްލިޔާ ހަތިޔާރު ގިނަ އަދަދަކަށް އުފައްދާފައިވާ ގައުމުތަކެވެ. ނަމަވެސް ނިއުކްލިޔާ ހަތިޔާރު އުފެއްދުމަކީ މިގައުމުތަކަށްވެސް ބައިނަލްއަގްވާމީ ގާނޫނުގައި މުޅިން މަނާ ކަމެކެވެ.

އަރަބި ގައުމުތަކުގެ ނިއުކްލިޔާ މަރުކަޒުތަކަށް ބޮންއަޅައި އެތަންތަން ހަލާކުކޮށްލުމުގެ މާޒީއެއް އޮންނަ އިސްރާއީލުވެސް ގެންދަނީ އީރާނުން ނިއުކްލިޔާ ހަތިޔާރު އުފައްދަން މަސައްކަތްކުރާ ކަމަށްބުނެ އެކަންކުރުމުގެ ފުރުސަތު ނުދޭނެކަމުގެ އިންޒާރުތައް ދެމުންނެވެ.

އީރާނުގެ އިސް ނިއުކްލިޔާ ސައެންޓިސްޓެއްކަމަށްވާ ޕްރޮފެސަރ މުހްސިން ފަޚްރީ ޒާދާ މިދިޔަ އަހަރު އަވަހާކޮށްލުމުގެ ޓެރަރިޒަމްގެ އަމަލު ހިންގިކަމުގެ ތުހުމަތު ކުރެވެނީވެސް އިސްރާއީލުގެ މައްޗަށެވެ. އަދި އީރާނުގެ ނިއުކްލިޔާ މަރުކަޒުތަކަށް ގެއްލުން ދިނުމަށްޓަކައި އީރާނުގެ އެތެރޭގައި ޓެރަރިޒަމްގެ އަމަލުތަކެއް ހިންގާކަމުގެ ތުހުމަތުވެސް އިސްރާއީލުގެ މައްޗަށްވަނީ ކުރެވިފައެވެ.

އިސްރާއީލަކީ ބައިނަލްއަގްވާމީ ގާނޫނާ ޚިލާފަށް ނިއުކްލިޔާ ހަތިޔާރު ސިއްރުން އުފައްދާފައިވާ ގައުމެކެވެ. ނަމަވެސް އިސްރާއީލުގެ ނިއުކްލިޔާ ޕްރޮގްރާމް އާމެދު އެމެރިކާއާއި ޔޫރަޕުން އޮންނަނީ ލޯމަރާލައިގެންނެވެ. އިސްރާއީލުގެ ރޭވުންތައް ބިނާކޮށްފައިވަނީ މުޅި މެދުއިރުމަތީގައިވެސް ނިއުކްލިޔާ ހަތިޔާރު ގެ ގާބިލްކަން ލިބިފައިވާ ހަމައެކަނި ގައުމަކީ އެގައުމު ކަމަށް ހަދައި ނިއުކްލިޔާ ހަތިޔާރު މޮނޮޕޮލީކޮށް އަރަބި އިސްލާމީ ގައުމުތަކަށް ނިއުކްލިޔާ ހަތިޔާރުން ބިރު ދެއްކޭފަދަ ބާރުގަދަ ހާލަތެއްގައި އެގައުމު އަބަދުވެސް އޮތުމެވެ.