ވެކްސިން ފުރިހަމަކޮށްފައިވާ ރިސޯޓު މުވައްޒަފުން ކޮވިޑަށް ނެގެޓިވް ވެއްޖެ ނަަމަ، ކަރަންޓީނު ނުވެ ރަށްރަށަށް ދެވޭގޮތަށް ލުއި ދީފިއެވެ.

ވެކްސިން ފުރިހަމަ ކުރުމަށް ފަހުވެސް ހާއްސަކޮށް ރިސޯޓުގައި މަސައްކަތް ކުރާ މުވައްޒަފުންނަށް އާއިލާ ކައިރިއަށް ނުދެވި ތިބެންޖެހޭތީ އެފަރާތްތަކުން ވަނީ ކަންބޮޑުވުން ފާޅުކޮށް މީގެ ކުރިން ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހަށް ޕެޓިޝަނެއްވެސް ހުށަހަޅާފައެެވެ.

ޓޫރިޒަމް މިނިސްޓަރު ޑރ. އަބްދުﷲ މައުސޫމް މިއަދު ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ ރިސޯޓު މުވައްޒަފުން ވެކުސިން ފުރިހަމަކޮށް 14 ދުވަސް ވުމުން ނެގަޓިވް ޕީސީއާރް ޓެސްޓަކާ އެކު ކަރަންޓީނު ނުވެ ރަށަށް ދިޔުމުގެ ހުއްދަ ސަރުކާރުން ދީފައިވާ ކަމަށެވެ.

އެހެންނަމަވެސް މޮނިޓަރިންގެ ހާލަތުގައި އޮންނަ ރިސޯތުތަކާއި ރަށްތަކަށް ދަތުރުކުރާ ނަމަ ކަރަންޓީނު ވާން ޖެހޭނެއެވެ.

މި ކަމާ ގުޅޭ އިތުރު ތަފުސީލު އެޗުޕީއޭއިން ލިބުމުން ޓޫރިޒަމް މިނިސްޓްރީން ރިސޯޓުތަކަށް އަންގާނެ ކަަމަށް މިނިސްޓަރު މައުސޫމް ވިދާޅުވިއެވެ.

ކަރަންޓީނު ނުވެ ރިސޯޓު މުވައްޒަފުންނަށް ރަށަށް ދެވޭގޮތް މިއަދު ހަމަޖައްސާފައި މިވަނީ ކޮވިޑް-19 އާ ގުޅިގެން މާލޭގައި މިހާރު އަޅާފައިވާ ބައެއް ފިޔަވަޅުތަކަށް މިއަދު ލުއި ދިނުމުގެ ތެރެއިންނެވެ.

ކޮވިޑާ ގުޅިގެން އަޅާފައިވާ ފިޔަވަޅުތަކަށް ދޭ އިތުރު ލުއިތައް އިއުލާނު ކުރުމަށް މިއަދުގެ 2:30 ގައި ޕްރެސް ކޮންފަރެންސް އެއް ބާއްވާނެ ކަން ރައީސް އޮފީހުން ވަނީ ބުނެފައެވެ.