17 Feb 2012, 16:42
އިންސާނުންނާމެދު އިންސާނީވަންތަކަން ބަހައްޓަވާށެވެ. އަނެކުންނަށް އިޚްލާޞްތެރިވެވަޑައިގަންނަވާށެވެ. ހެޔޮއެދިވަޑައިގަންނަވާށެވެ. ނިކަމެތީންނާ އަޅުއްވައިލައްވާށެވެ. ހެޔޮކޮށް ހިއްތަވާށެވެ. ރީތިގޮތުގައި މުޢާމަލާކުރައްވާށެވެ. ޝައްކެއްނެތްގޮތުގައި މިއީ އަރުތަވެރި ޢަމަލުތަކެވެ. ކަލާގެ ހެޔޮކަމުގެ ތިލަފަތް ބަރުކޮށްދޭނެ ކަންކަމެވެ.
އަނެކުންނާމެދު ކުރާ އިޙްސާންތެރިކަމުން އެންމެ ފުރަތަމަ ފައިދާ ލިބޭނީ އެކަމެއް ކުރި މީހަކަށެވެ. އޭނާގެ ހިތަށާއި ޟަމީރަށް ހަމަޖެހުން ލިބެއެވެ. އުފާލިބެއެވެ. މޮޅިވެރިކަންފިލައި ދަތްދޮޅީން އަތްނެއްޓެއެވެ. އެހެންކަމުން ކަލާގެ ހިތްޕުޅު ދަތިވާފަދަ ކަމެއް ކުރިމަތިވާ ކޮންމެ ފަހަރަކު އެހެން ކޮންމެވެސް މީހަކަށް ހެޔޮކަމެއް ކޮށްދެއްވާށެވެ. މީހަކަށް އިޙްސާންތެރިވެވަޑައިގަންނަވާށެވެ. ނުފުދިފައި ހުރި މީހެއްގެ މުހުތާދެއް ފުއްދަވައިދެއްވާށެވެ. އަނިޔާލިބިފައިވާ މީހަކަށް މަދަދެއް ދެއްވާށެވެ. މީހަކާ ކުރިމަތިވެފައިވާ މުޞީބަތެއް ފިލުވައިދެއްވާށެވެ. ބަނޑުހައިވެފައިހުރި މީހަކަށް ކާއެތިކޮޅެއް ދެއްވާށެވެ. ބަލިމީހަކަށް ޒިޔާރަތްކޮށްލައްވާށެވެ. ކަލާގެ ހިތްޕުޅަށް ހަމަޖެހުން ލިބިވަޑައިގަންނަވާނެއެވެ. އުފާފާގަތިކަން ލިބިވަޑައިގަންނަވާނެއެވެ. ކަލާގެ ޒަމީރަށް މީރުކަން ލިބިވަޑައިގަންނަވާނެއެވެ.
ހެޔޮ ޢަމަލުތަކަކީ މީރުވަސްދުވާ ހުވަނދެއްފަދަ އެއްޗެކެވެ. އެއުފުލާ މީހާއަށްވެސް މީރުވަސް ދުވައެވެ. ވިއްކާ މީހާއަށްވެސް އަތަރުލެވެއެވެ. ގަންނަ މީހާއަށް ވެސް އުފާވެރިކަމާއި ފޮނިކަން ލިބެއެވެ. އެއެންމެންނަށްވެސް އެކަމުގެ ލާބައާއި މަންފާ ލިބެއެވެ.
ނަފްސާނީ ހެޔޮކަންތައްތަކާއި ހެޔޮ ޢަމަލުތަކަކީ ހެޔޮކަމުގެ ބޭސް ތައްޔާރުކުރުމަށް ބޭނުންކުރެވޭ ބަރަކާތްތެރި މުލާއި ގޮނޑިއެވެ. އަގުބޮޑު ފަތްޕިލާވެއްެޔެވެ. ރީތި ޚުލުޤަކާއެކު މީހެއްގެ ކުރިމަތީގައި ހިނިތުންވެލުމަކީ އަޚްލާޤިއްޔާތުގެ ދުނިޔޭގައި ކުރެވޭ ދެމިހުންނަނިވި ޞަދަޤާތެކެވެ. މޫނު ހުތުރުނުކޮށް ތިމާގެ އަޚަކާ ބައްދަލުކޮށްލުމަކީވެސް ޞަދަޤާތެކެވެ. ފުސްމޫނު ދެއްކުމާއި ފޫހިކަން ފާޅުކުރުމަކީ އަނެކުންނާ ދެކޮޅަށް އިޢުލާންކުރެވޭ ހަނގުރާމައެކެވެ. އޭގެ ނަތީޖާ ދެކެދެނެވޮޑިގެންވަނީ ޣައިބު ދެނެވޮޑިގެންވާ ރަސްވަންތަ މާތްﷲ އެވެ.
ރިވާޔަތެއްގައި ވެއެވެ. ކަސްބީ އަންހެނެއް ފެނަށް މަރުވަމުންދިޔަ ކުއްތާއަކަށް ފެންދިނެވެ. އެކަމުގެ ނަތީޖާއެއްގެ ގޮތުން އޭނާއަށް ސުވަރުގެ ޙައްޤުކަމުގައި ލިޔުއްވިއެވެ. އެހެނީ ދެދުނިޔޭގެ ވެރި ރަސްކަލާނގެއީ ފާފަފުއްސަވާ ރަސްކަލާނގެއެވެ. ރަޙުމުކުރައްވާ އޯގާވަންތަ ރަސްކަލާނގެއެވެ. އިޙްސާންތެރިކަން ދެކެ ލޯބިވެވޮޑިގެންވާ ރަސްކަލާނގެއެވެ. ޙަމްދު ލިބިވޮޑިގެންވާ އަދި ފުދިވޮޑިގެންވާ ރަސްކަލާނގެއެވެ.
ކަންމިހެންއޮތުމާއެކު ހިތްދަތިކަމާއި، ކަންބޮޑުވުމާއި، ބިރުވެރިކަމުގައި ހައްޔަރުވެފައި ތިބޭ ފަރާތްތަކަށް ގޮވާލަން ޖެހެނީ ހެޔޮ ޢަމަލުތަކާއި އިންސާނީ ޚިދުމަތުގެ ބަގީޗާއާ ދިމާޔަށް ހަލުވި ފިޔަވަޅުމަތީގައި ހިނގައިފައި އައުމަށެވެ. އަނެކުންނަށް މަދަދު ފޯރުވުމަށެވެ. ހިތާމައިގައި ބައިވެރިވުމަށެވެ. އަޅާލައި އެހީތެރިވުމަށެވެ.
އިސްލާމްދީނަކީ ކޮންމެ ރަނގަޅުކަމަކަށް އިންސާނުންނަށް މަގުދައްކާ ދީނެވެ.
ކީރިތި ޤުރްއާނުގައި އިރްޝާދު ދެއްވައިފައިވަނީ މިދަންނަވާ ގޮތަށެވެ.
"އަދި އިޙްސާންތެރިވާށެވެ! ހަމަކަށަވަރުން، އިޙްސާންތެރީންދެކެ ﷲ ލޯބިވެވޮޑިގެންވެއެވެ." (އަލްބަޤަރާ: 195)
ޢަރަބިބަހުގެ ހަރުބަހެއްގައިވާ ގޮތުން އިންސާނާއަކީ އިޙްސާންތެރިކަމުގެ އަޅެކެވެ. ޢަރަބި ޝާޢިރަކު ވިދާޅުވެފައި ވެއެވެ. "މީހުންނަށް އިޙްސާންތެރިވާށެވެ. އޭރުން އެހެންމީހުންގެ ހިތްތައް ކަލާޔަށް މިލްކު ކުރެއްވޭނެއެވެ. އިޙްސާންތެރިވުމަކީ އެހެންމީހުން ކަލާގެ މިލްކަކަށް ހައްދަވައިލެއްވިދާނެ ކަމެކެވެ."
ޝައްކެއް ނެތެވެ. އަނެކުންނަށްޓަކައި ދިރިއުޅުމަކީ އުފުލަންޖެހޭ ބުރައެކެވެ. ކުރަންޖެހޭ މަސައްކަތެކެވެ. ނަމަވެސް އަނެކުންނަށްޓަކައި ދިރިއުޅޭ މީހުންނަށް އެބައިމީހުންގެ ޙަޔާތުގައި މާތް މީހެއްގެ ޙައިޘިއްޔަތުން މީހުންގެ އިޙްތިރާމު ލިބެއެވެ. ބޮޑު މީހެއް ކަމުގައި ބަލައި ޤަދަރުކުރެއެވެ. އެފަދަ މީހުން މަރުވެދިޔުމުން، ފަހުތިބީންވެސް ހެޔޮބަސްތަކުން އެބައިމީހުންގެ ހަނދާން އާކުރެއެވެ.