07 Jul 2021, 11:34
އދ. މާމިގިލި މަގުހެދުމުގެ މަޝްރޫގެ 16 ޕަސަންޓު މަސައްކަތް ނިމިފައިވާކަމަށް އާރުޑީސީއިން ބުނެފިއެވެ.
އާރުޑީސިން ބުނީ މަގުހެދުމުގެ 16 ޕަސަންޓު މަސައްކަތް ނިމިފައިވާ ކަމަށާއި މިހާރު ކުރިޔަށް ދަނީ ހޮޅި ވަޅުލުމާއި ކޭބަލް ވަޅުލުމުގެ މަސައްކަތް ކަމަށެވެ. އދ. މާމިގިލީގައި އާރުޑީސީން އަންނަނީ ހަ މަގެއް ހަދަމުންނެވެ.
މިހުރިހާ މަގެއްވެސް ޒަމާނީ ފެންވަރަށް ތަރައްގީކުރުމަށް ވަނީ ހަމަޖެހިފައެވެ. އާރުޑީސީން ބުނީ މި ހުރިހާ މަގެއްގައިވެސް ތާރު އެޅުމަށް ހަމަޖެހިފައިވާ ކަމަށެވެ.
މީގެ އިތުރުން މާމިގިލި އަމީނީމަގާއި ގެވެހިމަގުގައި ކޭބަލް ޖަންކްޝަން ވަޅުލުމާއި ހޮޅިވަޅުލުމުގެ މަސައްކަތް ވެސް ނިމިފައިވާކަމަށް އާރުޑީސީން ބުނެއެވެ. އަދި އެ ރަށުގެ ބޮންތިޖެހި މަގުގައި ކޭބަލް ޖަންކްޝަން ވަޅުލުމާއި ހޮޅިވަޅުލުމުގެ 95 އިންސައްތަވެސް ނިންމާލެވިފައިވާކަމަށް އާރުޑީސީން ބުނެއެވެ.
އަދި މިހާރު ކުރިޔަށްދާ، މަގުގައި ކާބް ސްޓޯން ޖެހުމުގެ މަސައްކަތްވެސް 40 ޕަސަންޓު ފުރިހަމަކުރެވިފައިވާ ކަމަށް އެ ކުންފުނިން ބުނެފައިވެއެވެ.
މާމިގިލި މަގު ހެދުމުގެ މަސައްކަތް އާރްޑީސީއާ ޙަވާލުކޮށްފައިވަނީ 14 މަސްދުވަހުން މަސައްކަތް ނިންމާގޮތަށެވެ. މި މަޝްރޫޢު ކުރިއަށްގެންދަނީ ސަރުކާރުގެ ބަޖެޓުން 10 މިލިއަން ރުފިޔާ ޚަރަދުކޮށްގެންނެވެ.