07 Jul 2021, 18:40
ސައުތުކޮރެއާއިން ކޮވިޑް ވެކްސިންގެ ހަތްލައްކަ ޑޯޒް އިސްރާއީލުން ގެންނަން ނިންމައިފިއެވެ.
ސައުތުކޮރެއާއިން ބުނީ ފައިޒާވެކްސިންގެ ހަތްލައްކަ ޑޯޒް މި ހަފްތާތެރޭ އިސްރާއީލުން އެ ގައުމަށް ލޯނެއްގެ ގޮތުގައި ލިބޭނެ ކަމަށެވެ.
ސައުތުކޮރެއާގެ ވެރިރަށުގައި ހަލުވިކަމާއެކު ދަނީ ކޮވިޑް ފެތުރެމުންނެވެ. އަންގާރަ ދުވަހު ސައުތުކޮރެއާގައި އެއްހާހަށް ވުރެ ގިނަ ކޭސް ރިޕޯޓްކޮށްފައިވެއެވެ. މިއީ މިދިޔަ އަހަރުގެ ޑިސެމްބަރު މަހަށްފަހު މިހާ ގިނަ އަދަދަކުން އެ ގައުމުގައި ކޭސް ރިޕޯޓުކޮށްފައިވާ ދުވަހެވެ.
މި ލިބޭ އިތުރު ހަތްލައްކަ ޑޯޒާއެކު ވެކްސިން ޖެހުމުގެ ކަންކަން ސެއުލްގައި އަވަސްކުރުމަކީ ސައުތުކޮރިއާގެ އެންމެ ބޮޑު އަމާޒެވެ.
އަންގާރަ ދުވަހު ދެ ގައުމުގެ ސަރުކާރުން ވެކްސިން ސްވެޕް އެއްބަސްވުން ވަނީ އިއުލާނުކޮށްފައެވެ. އެގޮތުން މި އަހަރުގެ ސެޕްޓެމްބަރު އަދި އޮކްޓޯބަރުގައި ސައުތުކޮރެއާއިންވެސް އިސްރާއީލަށް ފައިޒާގެ ހަތްލައްކަ ޑޯޒް ވެކްސިން ދިނުމަށް ވަނީ ހަމަޖެހިފައެވެ.
ސައުތުކޮރެއާއިން އަވަސް މިނެއްގައި ވެކްސިން ޖެހުމުގެ ކަންކަން އަންނަނީ ކުރިޔަށް ގެންދަމުންނެވެ. އެހެންނަމަވެސް ވެކްސިން ހޯދުމުގައި ބޮޑެތި ދަތިތަކާ ވަނީ ކުރިމަތިލާން ޖެހިފައެވެ.
" މިއީ ވިން ވިން ޑީލެއް. މި ޕެންޑަމިކު ބަލި ކުރާނީ އެންމެން އެއްކޮށް،" އިޒްރޭލުގެ ބޮޑުވަޒީރު ނަފްތާލީ ބެނެޓް ވިދާޅުވިއެވެ.
އިސްރާއީލުން ވަނީ އެ ގައުމުގެ 55 ޕަސެންޓް މީހުންގެ ގަޔަށް ވެކްސިން ޖަހާފައެވެ.