07 Jul 2021, 09:36
ބޮލީވުޑްގެ ވެޓެރަން ފިލްމީތަރި ޑިލިޕް ކުމާރު, އުމުރުން 98 އަހަރުގައި މިއަދު މަރުވެއްޖެއެވެ. އޭނާ މަރުވީ މުމްބާއީގައެވެ.
ޑިލިޕް ކުމާރަކީ 1940 ގެ އަހަރުތަކާއި 1960ގެ އަހަރުތަކުގައި އިންޑިއާ ސިނެމާތަކުގެ ރަންޒަމާނުގައި ފާހަގަކޮށްލެވޭ އެކްޓަރެކެވެ.
ޑިލިޕް ކުމާރުގެ އެކްޓިންގ ފެނިގެންދާ މަޝްހޫރު ފިލްމުތަކުގެ ތެރޭގައި މުޣަލް-އެ އަޒާމް، ދޭވްދާސް، ނަޔާ ދައުރު އަދި މަދޫމަތީ ފަދަ ފިލްމުތައް ހިމެނެއެވެ.

ޑިލިޕް ކުމާރު އެކްޓްރސް މީނާ ކުމާރީއާއެކު: ފިލްމު ޔަހޫދީ 1958
އެނާ އުފަންވެފައިވަނީ 1922 ވަނަ އަހަރުގެ ޑިސެމްބަރު 11 ގައި ޕާކިސްތާނުގެ ޕެޝާވަރު ސިޓީއަށެވެ. އޭނާގެ ނަމަކީ މުހައްމަދު ޔޫސުފްޚާންއެވެ. އެހެންނަމަވެސް އޭނާ މަޝްހޫރުވެފައިވަނީ އޭނާގެ ސްކްރީން ނަން ކަމުގައިވާ ޑިލިޕް ކުމާރުގެ ނަމުންނެވެ.
މޭވާ ވިއްކާ މީހެއްގެ މަސައްކަތުން މަސައްކަތް ފެށިއިރު ބޮލީވުޑުން ޖާގަ ހޯދުމަށް ފުރަތަމަ ކޮޅު މަސައްކަތްކުރި ނަމަވެސް އޭނާއަށްވަނީ ނާކާމިޔާބީ އާ ކުރިމަތި ލާން ޖެހިފައެވެ. އަދި ހަމައެއާއެކު އާއިލާގެ ނުރުހުންވެސް އޭނާއަށް ވަނީ އަމާޒުވެފައެވެ.
އެހެންނަމަވެސް ބޮލީވުޑް ކެރިއާގައި 50 އަހަރުގެ ދިގުމުއްދަތެއްގައި 60 އަށް ވުރެ ގިނަ ފިލްމުގައި މަސައްކަތްކޮށް އޭނާ ވަނީ ބޮލީވުޑްގެ އެންމެ ކާމިޔާބު އެކްޓަރުންގެ ތެރޭ ހިމެނި އެތައް ބައެއްގެ އިހުތިރާމް ހޯދާފައެވެ.
ދިލިޕް ކުމަރު މަރުވުމާ ގުޅިގެން އިންޑިއާގެ ސަރުކާރުގެ އެކި ފަންތީގެ ބޭފުޅުންނާއި ބޮލީވުޑްގެ ފިލްމީ ތަރިން ދަނީ ހިތާމަ ފާޅުކުރަމުންނެވެ.