07 Jul 2021, 00:41
ވެރިކަންކުރާ ކޯލިޝަންގައި ހިމެނޭ އަދާލަތު ޕާޓީއަށް ދިހަހާސް މެމްބަރުން ހަމަ ކުރުމުގެ މަސައްކަތް އެ ޕާޓީން ފަށައިފި އެވެ.
ޕާޓީއަށް ދިހަހާސް މެމްބަރުން ހަމަކުރުމުގެ މަސައްކަތް ރަސްމީ ގޮތެއްގައި ފެށުމަށް އަދާލަތު ޕާޓީގެ އޮފީހުގައި ހޯމަ ދުވަހުގެ ރޭ ބޭއްވި ޖަލްސާގައި އެ ޕާޓީ އާ އަލަށް ގުޅުނު 100 މެމްބަރުގެ ފޯމާ ހަވާލުވެވަޑައިގަތީ ޕާޓީގެ ރައީސް، ޝެއިޚް އިމްރާން އަބްދުﷲ އެވެ.
އަދާލަތު ޕާޓީގެ މެމްބަރުގެ ގޮތުގައި މިވަގުތު ތިބީ 6651 މީހުން ނެވެ.
އެ ޖަލްސާގައި ވާހަކަ ދައްކަވަމުން ޕާޓީގެ ރައީސް އިމްރާން އަބްދުﷲ ވިދާޅުވީ ޕާޓީ ދަތުރު ކުރަމުން ދަނީ މީގެ 15 އަހަރު ކުރީން ޕާޓީ ދަތުރު ކުރުމަށް ކަނޑައެޅި އަމާޒުގެ މަތީގައި ކަމަށެވެ.
"ކޮންމެ ގޮންޖެހުމަކާ ރާޅު ތަކާ ކުރިމަތި ލަމުންވެސް ދަތިތަކާ އަޑިގުޑަންތައް ފަހަނައަޅައި އަޅުގަނޑުމެން މިދަނީ ދަތުރު ކުރަމުން،" އިމްރާން ވިދާޅުވިއެވެ.
އޭނާ ވިދާޅުވީ އަދާލަތު ޕާޓީގެ މަގުސަދުގައި ބަޔާން ކޮށްފައިވާ ފަދައިން އަދުލު އިންސާފުގެ މައްޗަށް ބިނާވެގެންވާ ސިޔާސީ އިޖްތިމާއީ އަދި އިގްތިސޯދީ ނިޒާމެއް ރާއްޖޭގައި ގާއިމުކޮށް އެ ނިޒާމް ހަރުދަނާ ކުރުމަށް އެ ޕާޓީން މަސައްކަތް ކުރަމުން އަންނަ ކަމަށެވެ.