އދ.ގެ އާންމު މަޖިލީހުގެ 76 ވަނަ ސެޝަންގެ ރައީސްކަމަށް ފޮރިން މިނިސްޓާ އަބްދުﷲ ޝާހިދު އިންތިހާބު ވުމަކީ ޚާރިޖީ ދާއިރާގައި ދިވެހި ސަރުކާރުން ކުރަމުން ގެންދާ މަސައްކަތްތައް ދުނިޔެ ބަލައިގަންނަ ކަމުގެ ހެތްކެއް ކަމުގައި ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސޯލިހް ވިދާޅުވެއްޖެ އެވެ.

އދ.ގެ އާންމު މަޖިލީހުގެ 76 ވަނަ ސެޝަންގެ ރައީސްކަމަށް ފޮރިން މިނިސްޓަރު ޝާހިދު އިންތިހާބުވުމުގެ އުފަލުގައި އެމަނިކުފާނާ މިއަދު ބައްދަލުކުރައްވައި ދެއްކެވި ވާހަކަފުޅުގައި ރައީސް ވިދާޅުވީ މި ކާމިޔާބީއަކީ ރާއްޖެއަށް ލިބުނު ވަރަށްބޮޑު ފަޚުރަކާ ޝަރަފެއް ކަމަށެވެ. އަދި މިއީ ޚާރިޖީ ދާއިރާގައި ދިވެހިސަރުކާރުން ކުރަމުންގެންދާ މަސައްކަތްތައް ދުނިޔެ ބަލައިގަންނަ ކަމުގެ ހެތްކެއް ކަމަށް ވެސް އެމަނިކުފާނު ވިދާޅުވި އެވެ.

ރައީސް ދެއްކެވި ވާހަކަފުޅުގައި ވިދާޅުވީ އދ. ގެ އާންމު މަޖިލީހުގެ ރައީސްގެ ހައިސިއްޔަތުންނާއި އަދި ރާއްޖޭގެ ފޮރިން މިނިސްޓަރުގެ ހައިސިއްޔަތުން ކުރައްވާ މަސައްކަތުގައި ބައިނަލްއަގްވާމީ މައިދާނުގައި ރާއްޖެއަށް އިތުރު ކުރިއެރުންތައް ލިބިގެންދާނެ ކަމަށް ދެކެވަޑައިގަންނަވާކަމުގައި ވިދާޅުވެފައެވެ.

ރައީސް ވަނީ މިނިސްޓަރު ޝާހިދުގެ މަސައްކަތުގައި އިތުރު ކާމިޔާބީއަށް އެދިވަޑައިގަންނަވާފަ އެވެ.

މި ބައްދަލުވުމުގައި މިނިސްޓަރ ޝާހިދު ވިދާޅުވީ އދ ގެ އާއްމު މަޖިލީހުގެ 76 ވަނަ ސެޝަންގެ ރައީސް ކަމަށް އެމަނިކުފާނު ވާދަ ކުރެއްވުމަށް ފުރުސަތު ދެއްވައި އިންތިޚާބު ކާމިޔާބު ކޮށްދެއްވުމަށް ރައީސްގެ އިސް ނެންގެވުމުގެ މަތިން ކޮށްދެއްވި މުހިންމު މަސައްކަތްތައް ފާހަގަކުރައްވައި ރައީސަށް ޝުކުރު އަދާކުރައްވާ ކަމަށެވެ.

އދ.ގެ އާންމު މަޖިލީހުގެ ޖަލްސާގައި ބޭއްވި އިންތިހާބުގައި ވާދަކުރީ ރާއްޖޭގެ ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދުގެ އިތުރުން އަފްގާނިސްތާނުގެ ކުރީގެ ފޮރިން މިނިސްޓަރު ޑރ. ޒަލްމާއި ރަސޫލްއެވެ.

މިނިސްޓަރު ޝާހިދަށް ލިބިވަޑައިގަތީ 191 ވޯޓުގެ ތެރެއިން 143 ވޯޓުންނެވެ.

ޝާހިދުއާ ވާދަކުރެއްވި އަގްފާނިސްތާނުގެ ޑރ. ޒަލްމާއި ރަސޫލަށް ލިބިވަޑައިގަތީ 48 ވޯޓެވެ.

އދގެ އާންމު މަޖިލީހުގެ 76 ވަނަ މަޖިލީހުގެ ރައީސްކަމާ ޝާހިދު ހަވާލުވެވަޑައިގަންނަވާނީ މި އަހަރުގެ ސެޕްޓެމްބަރު މަހުގެ ތެރޭގައެވެ.