ރާއްޖެއިން މިޔަރު އުރަހަތަކެއް ބޭރުކުރަން އުޅުނު މައްސަލައިގައި ދެ މީހެއްގެ މައްޗަށް ދައުވާ އުފުލައިފި އެވެ.

ޕަބްލިކް ޕްރޮސިކިއުޓާ އަދި ޕީޖީ އޮފީހުގެ މީޑިއާ އޮފިޝަލް އަހްމަދު ޝަފީއު ވިދާޅުވީ މި އަހަރުގެ ޖަނަވަރީ މަހުގެ ތެރޭގައި ސިއްރުން މިޔަރު އުރަހަތަކެއް ރާއްޖެއިން ބޭރުކުރަން އުޅުނު ދެ މީހުންގެ މައްޗަށް ދައުވާ އުފުލާފައި ވަނީ ކްރިމިނަލް ކޯޓުގައި ކަމަށެވެ.

އެ މައްސަލާގައި ދައުވާ އުފުލާފައި ވަނީ މ. ސެންޓްރޯސެމާ، އައްބާސް އަބްދުﷲ އާއި ހދ. ކުޅުދުއްފުށި، ކިރުދޫނިގެ، އަހްމަދު މުހައްމަދުގެ މައްޗަށެވެ.

އެ ދެ މީހުންގެ މައްޗަށް އުފުލާފައި ވަނީ ގާނޫނާ ހިލާފަށް ސިއްރުން މުދާ ބޭރުކުރަން އުޅުމާއި އޮޅުވާލުމުގެ އަމަލެއް ކުރަން އުޅުމުގެ އިތުރުން ރަސްމީ އިދާރާ އަކަށް ދޮގު މައުލޫމާތު ދިނުމުގެ ދައުވާ އެވެ.

ރާއްޖެއިން ބޭރުކުރަން އުޅުނު މިޔަރު އުރަހަތަކެއް އަތުލައިގަތީ މި އަހަރުގެ ޖަނަވަރީމަހުގެ ތިން ވަނަ ދުވަހު އެވެ. ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުން އަތުލައިގަތް 21 ފޮށީ ތެރެއިން 429 ކިލޯގެ މިޔަރު އުރަހަ ފެނިފައިވާ ކަމަށް ކަސްޓަމްސް އިން ބުންޏެވެ.

ރާއްޖޭގައި މިޔަރުގެ މަސްވެރިކަން ކުރުން މަނާ ކުރީ 2010 ވަނަ އަހަރު އެވެ. އަދި އެއާއެކު މިޔަރުގެ އުރަހަ ފަދަ ތަކެތި އެކްސްޕޯޓު ކުރުންވެސް ވަނީ މަނާކޮށްފަ އެވެ.